ކުދިންނާއެކު ބައްޕަމެން ވަގުތު ހޭދަކުރުމުން އެތައް ފައިދާއެއް

dgr.jpg

ދަރިން ބެލުމަކީ ދެމަފިރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ނަމަވެސް މިއަދު ބައެއް މީހުންނަށް ވިސްނިފައިވަނީ އެއީ ހަމައެކަނި މަންމަމެންގެ ޒިންމާއެއްގެ ގޮތުގައެވެ. އެއީ އަންހެނުންކުރަންޖެހޭ ކަމެއްގެ ގޮތުގައެވެ. ދަރިންނާއެކު ވަގުތު ހޭދަކޮށް، އެކުދިން އުފާކޮށްދިނުމަކީވެސް ހަމައެކަނި

މަންމަގެ ކަމެއްގެގޮތުގައި ގަބޫލުކުރާ ކިތަންމެ މީހަކު އުޅެއެވެ. އަދި ދަރިން ތަރުބިއްޔަތުކުރުމަކީ ފިރިހެނުންނަށް ކުރެވޭނެ ކަމެއް ނޫންކަމަށް ދެކޭ ކިތަންމެ މީހަކު މި މުޖުތަމަޢުގައިވެސް އެބަ ތިއްބެވެ. ގިނަ މީހުންނަށް މިއަދު ވިސްނިފައިވަނީ ދަރިންދެކެ ބޮޑަށް ލޯބިވަނީ އަދި ދަރިންނާ ބޮޑަށް އަޅާލަނީވެސް މަންމައިން ކަމަށެވެ. މި ވިސްނުން މިގޮތަށް އައުމުގައި އަޅުގަނޑުމެން ކިޔާ ފޮތްތަކާއި، ބަލާ ފިލްމުތަކާއި ފެންނަ މަންޒަރުތައް ވަރަށް ބޮޑުރޯލެއް އަދާކުރެއެވެ.
ބައްޕައިންނާ މެދު ދެކޭ ގޮތް ބަދަލުވީ ކީއްވެ؟
ވާހަކަ ކިޔުމަކީ މިއަދުގެ މުޖްތަމަޢުގައި ވަރަށް އާއްމު ކަމެކެވެ. ޚާއްޞަކޮށް ތަރައްގީވެފައިވާ ގައުމުތަކުގައި ވަރަށް ގިނައިން ކޮށްއުޅޭ ކަމެކެވެ. އެ ވާހަކަތަކުގައި ދައްކާފައި ހުންނަ ވާހަކަތައް ކިޔާމީހުންގެ ބޮލަށް ވަންނައިރު، އެވާހަކަތައް ފަސޭހަކަމާއެކު ގަބޫލުވެސް ކުރެވެއެވެ. އެންޑަރސަން (2005) ހާމަކުރައްވާފައިވާ ގޮތުން 1938 އާއި 2002 ވަނަ އަހަރާހަމައަށް އެންމެ ބޮޑަށް ހިނގި 200 ވާހަކަފޮތުގައި މަންމަ ދަރިފުޅަށް އަޅާލާކަން 65 އިންސައްތަ ވާހަކައިގައި ދައްކާފައިވާއިރު، ބައްޕަ ދަރިފުޅަށް އަޅާލާކަން ދައްކާފައިވަނީ 47 އިންސައްތަ ވާހަކައިގައެވެ. ބައެއް ވާހަކަތަކުގައި ބައްޕަ ދަރިފުޅަށް އަޅާނުލާކަން ގެނެސްދީފައި ހުންނައިރު މަންމައަކީ ދަރިފުޅާމެދު ވިސްނާ، ދަރިފުޅުގެ ކަންކަންކޮށްދޭ ހަމައެކަނި ފަރާތްކަމަށް ހަދާފައި ހުރެއެވެ.
މިއަދުގެ މުޖްތަމަޢުގައި ކުދިންގެ ގަބޫލުކުރުންތަކާއި ވިސްނުން ޓީވީއާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. ކުދިންގެ ގިނަ ވަގުތުތައް ޓީވީ ދޮށުގައި ހޭދަކުރުމަކީ އެކުދިންގެ ސިކުޑިތައް ޓީވީން ފެންނަ މަންޒަރުތަކަށް ތަބާވެ ގަބޫލުކުރުމަށް މަޖުބޫރުކުރުވާ ކަމެއްކަމަށް މެކްޑޮނޯފް (2009) ހާމަކުރައްވައެވެ. ޓީވީން ފެންނަ ގިނަ މަންޒަރުތަކުގައި ފިރިހެނުންނާއި އަންހެނުންގެ ތަފާތު ބޮޑުކޮށް ދައްކާކަމަށާއި ގިނަ ފަހަރަށް ބައްޕައިންނަކީ ދަރިންނާ އަޅާނުލައި ބައެއްގެ ގޮތުގައި ޓީވީތަކުން ފެންނަމުންދާކަމަށް މެކްޑޮނޯފް (2009) ހާމަކުރައްވާފައި ވެއެވެ. މިގޮތުން 1990ގެ އަހަރުތަކުގައި ދެއްކި ޓީވީ ޝޯވްތަކުގައި ބައްޕައިންނަށްވުރެ މަންމައިން ރަނގަޅުކޮށް، ދަރިންނަށް އަޅާލާކަން 8 ގުނަ އިތުރަށް ދައްކާފައިވާކަމަށް ނެޝަނަލް ފާދަރހުޑް އިނީޝިއޭޓިވް (2005) ހާމަކޮށްފައި ވެއެވެ. އަދި 1950 އާއި 1999 އާ ދެމެދު ދެއްކި 29 ޓީވީ ޝޯވްއެއްގައި އަންހެނުންނާއި އަންހެން ކުދިން ދައްކާ މަޖާ ވާހަކަތަކުގައި މޮޔަ ގަމާރު ބައެއްގެ ގޮތުގައި ބައްޕައިން ސިފަކޮށްފައިވާކަމަށް ސްކާރާ (2001) ހާމަކުރައްވާފައި ވެއެވެ.
ފިލްމުތަކަށް ބަލާއިރު، އާއިލީ ޒިންމާތަކުގައި ބައްޕައިންގެ ދައުރު ދައްކާފައި ހުންނަނީ ވަރަށް ކުޑަކޮށެވެ. 1995 އާއި 2005 އާ ދެމެދު ނެރުނު އިނގިރޭސި ފިލްމުތަކުގެ ދިރާސާއަކަށް ބަލާއިރު، ބައްޕައިންނަކީ ވަރަށް މޮޔަ، އަދި ވަރަށް ފަސޭހައިން ހެއްދޭ ބައެއްގެ ގޮތުގައި ދެއްކިފައިވާކަމަށް ލިންޑާ ނެލްސަން (2012) ހާމަކުރައްވައެވެ. އަދި ބައްޕައިން ދަރިންދެކެ ލޯބިވާކަން ދެއްކިފައި ހުރީ ވޮލެޓުންކަންވެސް ނެލްސަން (2012) ފާހަގަކުރައްވައެވެ.
އިސްވެދިޔަ ކަންކަމަށް ބަލާއިރު ބައްޕައިންނާމެދު ދެކޭގޮތް ބަދަލުވުމުގައި ފިލްމުތަކާއި ޑްރާމާތަކާއި ޓީވީ ޝޯވތަކާއި ވާހަކަތައް ވަނީ ވަރަށް ބޮޑު ދައުރެއް އަދާކޮށްފައެވެ. މިޖީލުގެ ވިސްނުމާއި މިޖީލުގެ ދަރިންގެ ގަބޫލުކުރުންތައްވަނީ ފެނުނު މަންޒަރުތަކާހެދި ބަދަލުވެފައެވެ.
 ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ކުދިންގެ ވިސްނުން ރަނގަޅު
ދަރިންނާއެކު ވަގުތު ހޭދަކުރުމަކީ ބައެއް ބައްޕައިންނަށް ލިބޭ އުފަލެއްކަމުގައިވިޔަސް ދަރިންނަށް ވަގުތު ނުދެވޭ ބައްޕައިން ތިބޭކަމަށް ގަބޫލުކުރަންޖެހެއެވެ. އަދާކުރާ މަސައްކަތުގެ ގޮތުން ނުވަތަ އުޅެންޖެހޭ ގޮތެއްގެ ސަބަބުން ނަމަވެސް ދަރިންނާއެކު ވަގުތު ހޭދަ ނުކުރެވުމީ އެކަމުގެ ސަބަބުން އެތައް ފައިދާތަކަކުން ދަރިން މަޙުރޫމުވާ ކަމެކެވެ. މިގޮތުން ދަރިންގެ ވިސްނުން ފުރިހަމަވުމުގައި ބައްޕައިންގެ ދައުރު ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ. އެންޑަރސަން (1996) ހާމަކުރައްވާގޮތުގައި ބައްޕައާއެކު ގިނަވަގުތު އުޅޭ 1 އަހަރަށްދާ އުމުރުގެ ކުދިން، ބައްޕައާއެކު ވަގުތު ހޭދަނުކުރާ އެ އުމުރުގެ ކުދިންނަށްވުރެ ވިސްނުން މާބޮޑުތަންވެސް ރަނގަޅެވެ. އަދި ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާކުދިންގެ އުމުރުން 3 އަހަރަށް ދާއިރު، ވިސްނުން ފުޅާވެ، މައްސަލަތައް ފަސޭހައިން ހައްލުކޮށް، އައިކިއު (ވިސްނުންދެނެގަތުމުގެ ޓެސްޓު) އިން މަތިން ހޯދާކަން ފާހަގަކުރެވޭކަމަށްވެސް އެންޑަރސަން (1996) ހާމަކުރައްވައެވެ.
ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންގެ ނަތީޖާ ރަނގަޅު
ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ދަރިންވަރުންގެ ވިސްނުން ރަނގަޅުވުމީ އެދަރިވަރުންގެ ނަތީޖާއަށްވެސް އޭގެ އަސަރުކުރާނެކަމެކެވެ. މިގޮތުން ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާކުދިން ސްކޫލަށް ދާހިތްވާލެއް ބޮޑުވުމާއި އިތުރު ޙަރަކާތްތަކުގައި ބައިވެރިވާހިތްވުމާއި ސްކޫލަށް ގަވައިދުން ހާޒިރުވާކަން ފާހަގަކުރެވޭކަމަށް މެކްލެނަހެން (1994) ހާމަކުރައްވައެވެ. މިކަމުގެ ނަތީޖާއަކީ ދަރިވަރުންގެ ޢިލްމީ ނަތީޖާ ރަނގަޅުވުމެވެ. ގޯލްޑްސްޓީން (1982) ހާމަކުރައްވާ ގޮތުގައި ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ކުދިންގެ ކިޔެވުމުގެ ނަތީޖާ ބައްޕައާއެކު ގިނަ ވަގުތު ހޭދަ ނުކުރާ ކުދިންނަށްވުރެ ރަނގަޅެވެ. ޚާއްޞަކޮށް މުވާޞަލާތުކުރުމާއި ހިސާބު ޢިލްމަށް މޮޅުކަން ފާހަގަކުރެވޭކަމަށް ގޯލްޑްސްޓީން (1982) ފާހަގަކުރައްވައެވެ.
ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިން ކުރިމަގާމެދު މާ ބޮޑަށް ވިސްނާ
ތަޢުލީމީގޮތުން ކުއްޖާ މޮޅުވުމަކީ ކުއްޖާގެ ކުރިމަގު އުޖާލާވާނެ ކަމެކެވެ. ފަސޭހަކަމާއެކު ވަޒީފާ ލިބުމަށް މަގުފަހިވާނެ ކަމެކެވެ. ކާމިޔާބުކަމާއެކު ވަޒީފާއަދާކޮށްފައިވާ ގިނަމީހުން ވަޒީފާއަދާކޮށްފައިވަނީ އެންމެ ކުޑައިރުއްސުރެވެސް އެވަޒީފާތަކަށް ޝައުގުވެރި ވެގެންނެވެ. ކުރިއަށްދާނެ ދާއިރާއެއް ކަނޑައެޅި އެ އުންމީދުތަކާއެކު މަސައްކަތްކޮށްގެނެވެ. އެމާޓޯ (1994) ހާމަކުރައްވާ ގޮތުގައި ބައްޕައާއެކު ގިނަވަގުތު އުޅޭކުދިންނަށް ކެރިއަރ އިޚްތިޔާރުކުރުމަށް ފަސޭހަވެއެވެ. އަދި އިގުތިޞާދީ ކަންކަމަށް ދަރިން ލޯހުޅުވޭލެއް ބޮޑުވެ، ވަޒީފާ އަދާކުރުމުގެ ރޫޙު އެކުދިންގެ ހިތުގައި ވަރަށް ބޮޑަށް އުފެދޭކަމަށް ފަރސްޓަންބަރގް އަދި ޗަރލިންގ (1991) ހާމަކުރައްވައެވެ. މިކަންކަމަކީ ދަރިންގެ ކުރިމަގު އުޖާލާވެނެ ކަންކަމެވެ. އެކުދިންގެ ކުރިމަގު އުޖާލާކޮށްދޭނެ ކަންކަމެވެ.
ބައްޕައާއެކު ގިނަވަގުތު ހޭދަކުރާކުދިންގެ އިހުސާސްތައް މާ ރަނގަޅު
ބައްޕައާއެކު ވަގުތު ހޭދަކުރުމަކީ ދަރިންނަށް އުފާވެރިކަން ލިބޭ ކަމެކެވެ. އެ އުފާވެރިކަމާއެކު ހިތްހަމަޖެހުންލިބި ނުރަނގަޅު އިހުސާސްތަކުން ދަރިން ދުރުކޮށްދެއެވެ. ކުކް (1994) ހާމަކުރައްވާ ގޮތުގައި ބައްޕަ، ދަރިފުޅަށް ގިނަ ވަގުތު ދޭނަމަ މައިންބަފައިންނާ ދަރިން އޮންނަ ގުޅުން ވަރަށް ބޮޑުތަން ރަނގަޅުވެއެވެ. އެކަމުގެ ސަބަބުން ދިމާވާކުއްލިކަންކަމުގައި އަޅާނެ ރަނގަޅު ފިޔަވަޅު ދަރިންނަށް ދަސްވުމާއި، ހިތާމަވެރިކަން އިހުސާސްކުރަންޖެހޭ ހާލަތްތަކުގައި ކެތްކުރުމާއި ތިމާ އުޅޭ މާހައުލަށް ލޯހުޅުވޭލެއް އިތުރުކަން ދިރާސާތަކުން ދައްކާކަމަށްވެސް ކުކް (1994) ހާމަކުރައްވައެވެ. މިކަންކަމުގެ ސަބަބުން އުފާވެރި އިހުސާސްތައް އުފެދި ރަނގަޅު ނޫން އިހުސާސްތަކުން ދަރިން ދުރުކޮށްދެއެވެ. އީސްޓަރ ބްރޫކްސް އަދި ގޯލްޑްބަރގް (1984) ހާމަކުރައްވާ ގޮތުގައި ދަރިންނާއެކު ބައްޕަ، ގިނަ ވަގުތު ހޭދަކުރުމަކީ ރަނގަޅު ނޫން އިހުސާސްތަކުން ދަރިން ދުރުކޮށްދޭ ކަމެކެވެ.
ބައްޕައާއެކު ގިނަ ވަގުތު ހޭދަކުރާ ކުދިންގެ އިޖްތިމާޢީ ގުޅުން މާ ބަދަހި
ބައްޕައާ އެކު ގިނަވަގުތު ހޭދަކުރުމަކީ އިދިކީލި އިހުސާސްތަކުން ކުދިން ދުރުކޮށްދޭ ކަމަކަށްވާއިރު، އެކަމުގެ ސަބަބުން ރައްޓެހިންނާ އޮންނަ ގުޅުން ބަދަހި ކޮށްދެއެވެ. ކުދިންނާ ޖެހޭ މައްސަލަތައް މަދުވެ އަމިއްލައަށް ކަންކަންކުރުމުގެ ހިތްވަރު ލިބި، އަނެކާގެ އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި ފަސޭހަކަމާއެކު އެހީތެރިކަން ހޯދާކަން ފާހަގަ ކުރެވޭކަމަށް ހެރިސް (2009) ހާމަކުރައްވައެވެ. ގޮޓްމެން (1994) ހާމަކުރައްވާ ގޮތުގައި ބައްޕައާއެކު ގިނަވަގުތު ހޭދަކުރާ ކުދިން އެހެން މީހުންނާ ގުޅި، ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރެވެ. އަދި އެކުވެރިންނާ އޮންނަގުޅުން ރަނގަޅުވެ، ރަނގަޅު ރަޙުމަތްތެރިން އިޚްތިޔާރުކުރުމުގެ ފުރުޞަތު ބޮޑުވެ، ކުދިންގެ މަގުބޫލުކަން ފަސޭހަކަމާއެކު ހޯދެއެވެ. މިކަންކަމުގެ ސަބަބުން އިޖަތިމާޢީ ގުޅުންތައް ހަރުދަނާވެ މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވާ މިންވަރު އިތުރުވެއެވެ.
ބައްޕަގެ އަޅާލުން ނުލިބޭނަމަ އެތައް މައްސަލައެއް
ބައްޕަގެ އަޅާލުން ނުލިބުމަކީ ދަރިންނަށް ވަރަށް ގިނަ އަސަރުތަކެއް ކުރިމަތިވާނެ ކަމެކެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ދަރިންނަށް ނިކަމެތިކަން އިޙްސާސްވާނެ ކަމެކެވެ. ހެދަރިންގޓަން (1997) ހާމަކުރައްވާ ގޮތުގައި ބައްޕައިންގެ އަޅާލުން ނުލިބުމަކީ، ކުދިން ކިޔަވަމުންދާ ދުވަސްވަރު އަޚްލާގީ ގިނަ މައްސަލަތަކެއް ދިމާވާ ކަމެކެވެ. ބައްޕައިންގެ އަޅާލުން އެއްވެސް ގޮތަކަށް ނުލިބޭކުދިންގެ ގްރޭޑް ލެވެލް ބައްޕައިންގެ އަޅާލުން ފުރިހަމައަށް ލިބޭކުދިންނަށްވުރެ ދަށްކަން ފާހަގަކުރެވޭކަމަށްވެސް ހެދަރިންގޓަން (1997) ހާމަކުރައްވައެވެ. ބިލަރ (1981) ހާމަކުރައްވާ ގޮތުގައި ބައްޕައިންގެ އެހީތެރިކަން ނުލިބޭ ކުދިން ހިސާބު މާއްދާއަށް ދަށެވެ. ބައްޕައިންގެ އަޅާލުން ނުލިބޭ ގިނަ ކުދިން ސްކޫލުދައުރުގެ ވަކި ހިސާބަކުން މެދުކަނޑަލަންޖެހޭކަމަށް މެކްލެނަހެން (1994) ހާމަކުރައްވައެވެ.
ބައްޕައާ ނުލާ އުޅެމުންދާ އަންހެންކުދިން މަކަރުހެދުމާއި ދޮގުހެދުން، ބައްޕައާއެކު އުޅެމުންދާ އަންހެންކުދިންނަށްވުރެ ދެ ގުނަ އިތުރުކަމަށް ޕާރކް (1996) ހާމަކުރައްވައެވެ. އަދި އެފަދަ ކުދިން ކުރާ ކުށްތަކަށް މައާފަށް އެދުމަށް ދެކޮޅުހަދާކަން ފާހަގަކުރެވޭކަމަށްވެސް ޕާރކް (1996) ހާމަކުރައްވައެވެ.
ބައްޕައާ ނުލާ އުޅޭކުދިންނަށް ޖިސްމާނީ އަނިޔާ ލިބޭ މިންވަރު ބައްޕައާއެކު އުޅޭކުދިންނަށްވުރެ އިތުރުކަމަށް ބިލަރ (1981) ހާމަކުރައްވައެވެ. އަދި ބައްޕައާ ނުލާ އުޅޭ ކުދިންގެތެރޭން ފުރާވަރަށް އަރަމުންދާކުދިން ޖިންސީކަންކަމުގައި ހަރަކާތްތެރިވާލެއް އަވަސްކަމަށް އީސްޓަރ ބްރޫކްސް އަދި ގޯލްޑްބަރގް (1984) ހާމަކުރައްވައެވެ.
ބައްޕައާ ނުލާ ދަރިން ބޮޑުވަމުންދާނަމަ ދަރިންނަށް ލިބޭ ތަފާތުވައްތަރުގެ އަނިޔާތައް އިތުރުވެއެވެ. ޖިންސީ އަނިޔާއެވެ. ނަފްސާނީ އަސަރެވެ. ޖިސްމާނީ އަނިޔާއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކުދިންނަށް ޖިސްމާނީ އަނިޔާ ބޮޑަށް ކުރަނީ ބައްޕަމެން ކަމަށެވެ. ނަމަވެސް ޔޫއެސް ޑިޕާރޓްމަންޓް އޮފް ހެލްތް އެންޑް ހިއުމަން ސަރވިސަސް (1990) ރިޕޯޓްތަކުން ދައްކަނީ ކޮންމެ އަހަރަކު، ދަރިންނަށް އަނިޔާކޮށްގެން 900،000 ރިޕޯޓްކުރެވޭއިރު، އޭގެ ތެރޭން ބައްޕައިންގެ ފަރާތުން ކުރާ އަނިޔާއަށްވުރެ ދެގުނަ އިތުރު އަދަދަކަށް މަންމައިން އަނިޔާކުރާކަމެވެ. އެހެންކަމުން ބައްޕަމެންނަކީ ދަރިންނަށް އަނިޔާ ކުރާ ބައެއް ނޫވެ. ދަރިންނާ ގުޅުން އޮންނަ، ދަރިންދެކެ ލޯބިވާ ބައެއްކަމަށް ގަބޫލުކުރަން ޖެހެއެވެ.
ނިންމުން
ބައްޕައިންގެ އަޅާލުމާއި ލޯތްބަކީ ކުދިންނަށް ކޮންމެހެން ބޭނުން ހަދިޔާއެކެވެ. ކުދިންނާއެކު ބައްޕަމެން ހޭދަކުރާ ވަގުތަކީ މުހިންމު ހަދިޔާއެކެވެ. އެހަދިޔާގެ ސަބަބުން ކުދިންގެ ވިސްނުން ރަނގަޅުވެއެވެ. ކުދިންގެ ނަތީޖާ ރަނގަޅުވުމަށް މަގުފަހިވެއެވެ. ކުދިން ކުރިމަގާމެދު އެކުދިން މާ ބޮޑަށް ވިސްނައެވެ. ކުދިންގެ އިހުސާސްތައް މާ ރަނގަޅުވެއެވެ. ކުދިންގެ އިޖްތިމާޢީ ގުޅުންތައް އިތުރަށް ބަދަހި ވެއެވެ. މީގެ އިތުރުން ކުދިންނާއެކު ވަގުތު ހޭދަނުކުރާނަމަ އެތައް މައްސަލައެއް ކުދިންނަށް ދިމާވެ، އިޖްތިމާޢީ މައްސަލަތަކުގެ ހާއްޔަކަށް އެކުދިން ވެއްޓެއެވެ.
އެހެންކަމުން ކޮންމެ މަންމައަކާއި ބައްޕައަކުވެސް ކުދިންނަށް ވަގުތު ދިނުމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. އެކުދިން ހިތްހަމަޖައްސާލުމަކަށް އެކަންޏެއް ނޫނެނެވެ. އެކުދިން އުފާކޮށްދިނުމަށް އެކަންޏެއް ނޫނެވެ. ދަރިންގެ ކުރިމަގު އުޖާލާކޮށް، ކާމިޔާބު ހަޔާތެއް ދަރިންނަށް ހޯދައި ދިނުމަށްޓަކައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top