ވެޓިކަންގައި ފުރަތަމަ ފަހަރަށް ބަންގި ގޮވައި، ނަމާދެއް ކުރަނީ

ވެޓިކަން ސިޓީ / ފޮޓޯ: އިންޓަނެޓް

ވެޓިކަން ސިޓީ / ފޮޓޯ: އިންޓަނެޓް

ނަސޯރާއިންގެ މައި ފައްޅި ހުންނަ ވެޓިކަންގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބަންގި ގޮވައި، ނަމާދެއް ކުރުމަށް ނިންމައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މާދަމާ ވެގެން ދާނީ ވެޓިކަންގެ ތާރީހުގައި ބަންގި ގޮވާ، ނަމާދެއް ކުރާ އަޑުގެ އިތުރުން ގުރުއާން ކިޔަވާ އަޑު ވެސް ފުރަތަމަ ފަހަރަށް އިވޭ ދުވަހަށެވެ. ވެޓިކަންގައި ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އިޝާނަމާދެވެ. މީގެ ކުރިން ރަސްމީކޮށް ވެޓިކަންގައި ޖަމާއަތް ހަދައިގެން ނަމާދެއް ކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް އަޑު ހަރުކޮށް ބަންގި ގޮވާ، ގުރުއާން ވެސް ކިޔަވާފައި ނުވާ ކަމަށް މީޑިއާ ރިޕޯތްތައް ބުނެއެވެ.

ވެޓިކަންގައި ބަންގި ގޮވައި، ނަމާދެއް ކުރުމަށް ނިންމާފައި ވަނީ މާދަމާ އެގައުމަށް ވަޑައިގަންނަވާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ޝަރަފުގައެވެ. އެގޮތުން އައްބާސްގެ އަރިހުގައި އިސްލާމީ ބައެއް އިސް ދީނީ އިލްމުވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މީޑިއާތަކުން ބުނެއެވެ. އަދި ވެޓިކަންގައި ބާއްވާ ނަމާދުގައި ބައިވެރިވެ ވަޑައިގަންނަވާނީ ވެސް ރައީސް އައްބާސްއާއި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިލްމުވެރިން ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނުގެ ރައީސް އައްބާސް މާދަމާ ވެޓިކަން އަށް ވަޑައިގަންނަވާއިރު، އިޒްރާއީލްގެ ރައީސް ޝިމޯން ޕެރޭސް ވެސް މާދަމާ އެ ގައުމަށް ވަޑައިގަންނަވާނެއެވެ. އަދި ޕެރޭސްގެ އަރިހުގައި ޔަހޫދީ އިލްމުވެރިންގެ ވަފުދެއް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ވެޓިކަންއަށް މާދަމާ ފަލަސްތީނާއި އިޒްރާއީލްގެ ރައީސުން ކުރައްވާ ދަތުރުފުޅަކީ، މިދިޔަ ހަފްތާގައި ނަސޯރާއިންގެ އިސް ފާދިރީ، ޕޯޕް ފްރެންސިސް އެ ދެ ގައުމާއި ޖޯޑަންއަށް ކުރެއްވި ދަތުރުގަ ދެއްވާފައިވާ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

އެ ދެގައުމުގެ ރައީސުން އެއްތަން ކުރެއްވުމަށް ނިންމެވީ ދެ ގައުމުގެ ސުލްހައިގެ މަސައްކަތްތަކަށް މަގުފަހި ކުރުވުމަށް ކަމަށް ޕޯޕް ވަނީ ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top