ކިޝޯރު ކުމާރު ހަތަރު އަންހެނުންނާއި ކައިވެނި ކުރި

did-you-know-kishore-kumar-was-married-to-these-4-women.jpeg

”މެރެ މަހެބޫބު ގަޔާމަތު ހޯގީ، ޔެރާތޭ ޔެމޯސޮމް ނަދީކާ ކިނާރާ، އާއި ތުމްއާގައޭ ހޯ ނޫރާ ގައޭހޯ“ ފަދަ ރީތި އެތައް ބައިވަރު ލަވަތަކެއް ކިޔާފައިވާ މަޝްހޫރު ލަވަކިއުންތެރިޔާ ކިޝޯރު ކުމާރު މަރުވިތާ މިހާރު 35 އަހަރު ވީއެވެ. އެކަމަކު އޭނާގެ އަޑު މަރުނުވެ އަދިވެސް ޒުވާންކަން މަތީގައި ދެމި އެބައޮތެވެ. މިއަދުގެ ލަވަކިޔުން ތެރިން އެލަވަތައް ކޮޕީ ކުރަމުން ދަނީ ފަހުރުވެރި ކަމާއެކުގައެވެ. ކިޝޯރާ އެއްވަރަށް ނުކިޔޭކަމަށް އިއުތިރާފު ވަމުންނެވެ.

އެރީތި ކަޝިޝް އަޑުގެ ޖާދޫގައި އެތައް އަންހެން ކުދިން ޖެހެމުން ދިޔައިރު އޭނާގެ އަމިއްލަ އެދުން ބޮޑު ދުނިޔޭގެ އުފަލަށްޓަކާވެސް އަޑުގެ ބާރުގެ ބޭނުން އައީ ކުރަމުންނެވެ.

ކިޝޯރު ކުމާރަކީ މޮޅު ލަވަކިއުންތެރިއެއްގެ އިތުރުން ފިލްމު ޕްރޮޑިއުސަރެކެވެ. ފިލްމު ޑައިރެކްޓަރެއްވެސް މެއެވެ. މި ހުރިހާ ފަންނެއްގައި އޭނާއަކީ ހިންދީ ފިލްމް އިންޑަސްޓްރީގެ އެދުވަސްވަރުގެ ރަސްގެފާނެވެ. އެހެން ނަމަވެސް އޭނާގެ ފިލްމީ ދުނިޔެ ކިތަންމެ ރީތިވިޔަސް އަމިއްލަ ދިރިއުޅުން އެހާ ރީއްޗެއް ނޫނެވެ.

ހިންދޫއަކު ހަތަރު އަންހެނުންނާ ކައިވެނި ކުރުމަކީ މަދުން ނޫނީ ނުހިނގާ ކަމެކެވެ. އަމުދުން މުސްލިމަކާ ކައިވެނި ކުރެވޭގޮތެއް އެދީނަކު ނޯވެއެވެ. އެކަން ކުރަން ބޭނުންނަމަ އެމީހަކު ޖެހޭނީ ދީން ބަދަލުކޮށް މުސްލިމަކަށް ވާށެވެ. އެކަންވެސް ކިޝޯރު ކުރިއެވެ. ލޯތްބަށްޓަކައި އޭނާގެ ހިންދޫ ދީން ދޫކޮށްލައި މުސްލިމަކަށްވެ އިސްލާމްދީން ގަބޫލު ކުރިއެވެ. ކިޝޯރުގެ ނަން ކަރީމް އަބްދުލް އަށް ބަދަލު ކޮށްފައެވެ.

ހިންދޫން ބުނެއުޅޭ ބަހެއްގައި އޮވެ އެވެ. އިންސާނަކު ލޯބިވާނީ އެންމެ ފަހަރަކު އެންމެ މީހެއް ދެކެ އެވެ. އެކަމަކު އެއީ ހަގީގަތެއް ނޫންކަން ކިޝޯރު ވަނީ އަންގައިދީފަ އެވެ. އޭނާ ވަނީ 4 ފަހަރު 4 މީހުން ދެކެ ލޯބިވެފަ އެވެ. އެހާވަރަކުންވެސް ނުނިންމަ އެވެ. އެލޯބީގައި ދީވާނާވެ އުމުރުން 21 އަހަރުގައި ފުރަތަމަ ކައިވެނި ކުރިއެވެ. ފަހަރުގައި އެއީ ބަންގާލީ ފިލްމެއްގެ ބަތަލާއަކާ އެކުގައި މަސައްކަތް ކުރަން ދިމާވެގެން އުފެދުނު ލޯތްބަކުން ކުރެވުނު ކައިވެއްޏަކަށް ވެދާނެއެވެ. އެފިލްމުގެ ބަންގާލީ މަޝްހޫރު ބަތަލާ ރޫމާ ގޯޝް އަކީ އެކްޓަރެއްގެ އިތުރުން ބަންގާލީ މޮޅު ލަވަކިޔުންތެރިއެކެވެ.

އެ ކައިވެނި ކުރީ 1951ވަނަ އަހަރުއެވެ. ކިޝޯރުގެ ބޭބެ، އަޝޯކް ކުމާރު މި ކައިވެންޏަށް ގަބޫލެއް ނޫނެވެ. ނަމަވެސް ކައިވެނީގެ ފަހުން އޭނާވެސް ހުރީ ކިޝޯރާ އެކުގައެވެ.

ދެމަފިރިންގެ ހަނީމޫންގެ ދުވަސްތައް ނިމުނު އިރު ރޫމާ، ކިޝޯރުގެ އަލަތު ދަރިފުޅު އަމިތުކުމާރަށް ބަލިވެއިން ހަބަރު އާއްމު ވެގެން ދިޔައެވެ. އެހެން ނަމަވެސް މިއީ ދަރިއަކު ހޯދަން ތައްޔާރު ނުވެ ތިއްބާ ދިމާވި އިއްތިފާގެކެވެ. މިކަމުގެ ސަބަބުން ރޫމާގެ ފިލްމީ ކެރިއަރަށް ނުބައި އަސަރު ތަކެއް ކުރިއެވެ. އަދި ވިހެއުމަށްފަހު ފިލްމީ ދާއިރާއިން ވަކިވާން އޭނާއަށް މަޖްބޫރުވިއެވެ. ކިޝޯރު ބޭނުންވީ ދަރިފުޅު ބަލަން ގޭގައި އިންނާށެވެ. ކިޝޯރުދެކެ ވާލޯބިން ރޫމާގެ ފިލްމީ ހަޔާތް ގުރުބާން ކުރއެވެ. އާއިލާއާއި އޭނާގެ އެތައް ހާސް ފޭނުންނާ ދެކޮޅަށެވެ.

ކިޝޯރުގެ އަލަތު ލޯބި ނުވަތަ ރޫމާގެ ކައިވެނި ދެމިއޮތީ 7 އަހަރާ ހަމައަށެވެ. އޭރުގެ އެންމެ ރީތީ އެކްޓްރެސް، މަދޫބާލާއާ އެކު ފިލްމް ޗަލްތިކަނާމް ގައްދީއާއި ހާފްޓިކެޓްގެ ޝޫޓިންގ ނިންމާލި އިރު ދެމީހުންތިބީ ވަކިނުވެވޭ ވަރަށް ހިތާވެފަ އެވެ. މިކަން ފަޅާއެރުމުން ރޫމާ ބޭނުންވީ ގުޅުން ނިންމާލައި މިނިވަން ވާށެވެ. އެހެންވެ ދެފަރާތުން ވަރުގަދައަށް ޒުވާބު ކުރުމަށް ފަހު އެންމެ ފަހުން 1958 ގައި ދެމީހުން ވަކިވީއެވެ.

މަދޫބާލާ ދެކެ ކިޝޯރު މޮޔަވާ ވަރަށް ލޯބިވިޔަސް ކައިވެންޏާ ހަމައަށް ދިއުން އެހާ ފަސޭހައެއް ނުވިއެވެ. މަދޫއަކީ މުސްލިމެކެވެ. ހިންދީއަކާއި މުސްލިމެއްގެ ކައިވެނި ނުކުރެވޭތީއެވެ. އެހެންވެ ކިޝޯރު ނިންމީ އޭނާގެ ދީން ދޫކޮށްލައި މުސްލިމަކަށް ވެގެން މަދޫއާ ކައިވެނި ކުރާށެވެ. އެހާވަރަށް މަދޫ އާހެދި ކިޝޯރު ހުރީ މޮޔަވެފައެވެ. އާއިލާ އާއި އެކުވެރިންނާއި ސަޕޯޓަރުންގެ ހާޒިރުގައި އޭނާ މުސްލިމަކަށްވެ ކަރީމް އަބްދުލްގެ ނަމަށް ބަދަލު ކޮށްފަ އެވެ. އެހެންނަމަވެސް ކިޝޯރުގެ ދެވަނަ ކައިވެނި ނުވަތަ ކިޝޯރުގެ އަނތްބެއްގެ ގޮތުގައި މުސްލިމް މަދޫބާލާ ބަލައިގަންނަން އާއިލާއިން ފަސްޖެހުނެވެ.

މިއީ މަދޫބާލާގެ އަލަތު ކައިވެންޏެވެ. އޭނާގެ އުމުރުން 27 އަހަރުގައި ކިޝޯރު ކުމާރުއާ ކައިވެނި ކުރެވުނު އިރު މަދޫބާލާ އައީ ލަންޑަންގައި ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުންނެވެ. އަނެއްކޮޅުން ކިޝޯރުގެ އާއިލާއިން މަދޫބާލާއަކީ ކިޝޯރުގެ އަނތްބެއްގެ ގޮތުގައި ގަބޫލު ނުކުރުންވެސް އެއީ އޭނާއަށް ކުރިމަތިވި ޗެލެންޖެކެވެ. ކިޝޯރަށް ވެސް އޮތީ ދެމަގުން އެއްމަގު ޚިޔާރު ކުރުމެވެ. ލޯބި ނުވަތަ އާއިލާ އެވެ.

މަދޫ ކިޝޯރުކުމާރާއި އެހާ އަވަހަށް ކައިވެނިކުރުމުގެ އަނެއްބޭނުމަކީ އޭނާގެ ހަޔާތުގައި ހަމައެކަނި ލޯބިވި މީހާ، މަޝްހޫރު އެކްޓަރު ދިލިޕްކުމާރުގެ ނާކާމިޔާބު ލޯބީގެ ހަނދާންތަކުން ދުރުވުމެވެ. އެހެންނަމަވެސް މަދޫ ބޭނުންވި ގާތްކަމާ އޯގާތެރިކަން ކިޝޯރުގެ ފަރާތަކުން ނުލިބުނެވެ. އެހެންކަމުން އޭނާގެ ކުށެއްނެތް ރީތި ހިނިތުން ވުމާއި މޫނުގެ ފަރިކަން ހިތާމައިގެ އަނދިރި ކަމަށް ބަދަލުވެގެން ދާން ފެށިއެވެ. މަދޫގެ ބަލި ހާލުވެސް އައީ ދަށްވަމުންނެވެ.

މަދޫގެ ދައްތަ މަދުރް ބުޝަން ފިލްމްފެއާ އަށް ދިން އިންޓަވިއު އެއްގައި ބުނިގޮތުން މަދޫ ބަލިވާން ފެށުމުން ކިޝޯރު އެއްގޮތަކަށްވެސް އަޅައެއް ނުލަ އެވެ. ހާއްސަކޮށް މަދޫ ދަރިމައި ނުވާނެ ވާހަކަ ޑޮކްްޓަރު ބުނުމުން ކިޝޯރު ވަރަށް ބޮޑަށް ދުރުވެގެން ދިޔަ އެވެ. ޝޫޓިން، ފިލްމު، ނުވަތަ ރެކޯޑިންގ ގައި ބިޒީ ކަމުން ފުރުސަތު ނުލިބެނީ ކަމަށް ބުނެ އެންމެ ފަހަރަކުވެސް މަދޫގެ ހާލު ދެކެލަން ނާދެ އެވެ. މަޑުމަޑުން މަދޫއާ ދުރުވަމުން އައިސް އެންމެ ފަހުން މުޅިން ވަކިވެގެން ދިޔައީއެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް އޭނާ ކިޝޯރަށް އިންތިޒާރު ކުރި އެވެ. މި ހާލުގައި 9 އަހަރު ބަލިވެ އުޅުމަށް ފަހު 33 އަހަރުގެ ޒުވާން އުމުރުގައި 23 ފެބްރުއަރީ 1969ގައި ދުނިޔެ ދޫކުރީއެވެ.

މަދޫބާލާ އާއި ކިޝޯރުކުމާރް

މަދޫބާލާ މަރުވުމަށްފަހު ކިޝޯރު ކައިވެނި ކުރީ 1976ގައި ޔޮގީތާ ބާލީ އެވެ. ދެމީހުންގެ އެކުގައި ކުޅުނު ދެތިން ފިލްމަކުން ތައާރަފު ވެގެން ކައިވެންޏާ ހަމައަށް ދިޔައީއެވެ. ނަމަވެސް މިކައިވެނި ދެމިއޮތީ ދެ އަހަރު ދުވަހަށެވެ. ކިޝޯރުގެ މިޒާޖު ހުންނަ ގޮތުންނާއި ބައިވަރު އެހެން ސަބަބުތަކަކާވެސް އެކު ގުޅުން އިތުރަށް ކުރިއަށް ގެންދަން ޔޮގީތާ ބޭނުން ނުވީއެވެ. އެހެންވެ ކިޝޯރު ގާތުން ވަރިވެގެން ޔޮގީތާ ކައިވެނި ކުރީ މިތުން ޗަކްރަބަތީއާއެވެ. ޔޮގީތާ މަރުވަންދެން ވެސް އުޅުނީ މިތުންނާއެކު ރީތި ދިރިއުޅުމެކެވެ.

ކިޝޯރުގެ 4ވަނަ ކައިވެނި ކުރެވުނީ އޭނާގެ އުމުރުން 51 އަހަރުގައި 1980ވަނަ އަހަރު ލީނާ ޗަންދާާވާކަރު އާއެވެ. ލީނާގެ އުމުރުން 25 އަހަރުގަ އެވެ. ކިޝޯރުގެ ދޮށީ ދަރިފުޅު އަމިތުކުމާރަށް ވުރެ އެންމެ ދެ އަހަރު ދޮށީ ލީނާ ޗަންދާާވާކަރު އަކީ އެދުވަސް ވަރުގެ އެންމެ ހޮޓް ބަތަލާ އެވެ.

މިއީ ލީނާގެ ދެވަނަ ކައިވެންޏެވެ. އުމުރުން 20 އަހަރުގައި ލީނާ ގެ ފުރަތަމަ ކައިވެނި ކުރެވުނީ އިންޑިއާގެ ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ސިއްދާތު އާއެވެ. އެހެންނަމަވެސް ކައިވެނީގެ ހަތަރުވަނަ އަހަރު ދިމާވި އެކްސިޑެންޓެއްގައި ސިއްދާތު މަރުވީއެވެ.

ކިޝޯރު ލީނާގެ ހަޔާތަށް އައީ ލީނާގެ ފިލްމު ”ޕިޔާރް އަޖްނަބީ “އަށް ލަވަކިޔައިދިން ދުވަސްވަރު އެވެ. މިފިލްމުގެ ލީނާގެ ޝޫޓިންގ އަށް ވެސް އަންނަނީ ދެމީހުން އެކުގައެވެ. އެހިސާބުން ދެމީހުންގެ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމަށް ނިންމައި ކައިވެންޏާ ހަމައަށް އައީ އެވެ.

ކިޝޯރް، ލީނާ އަދި ސްމިތު ކުމާރް

މި ކައިވެނި ކުރެވުނީ ލީނާގެ މުޅި އާއިލާގެ ނުގަބޫލުގަ އެވެ. ބުނެވޭ ގޮތުގައި ލީނާގެ ބައްޕަވަނީ ކިޝޯރަށް އެގެއަށް ވަނުން ވެސް މަނާ ކޮށްފައެވެ. އުމުރުގެ ތަފާތަކުން ނޫނެވެ. ދާއިމީ ކައިވެންޏަކަށް ވެދާނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ. ކިޝޯރު ކުމާރު ގެ، ހަގު ދަރިފުޅު ސުމިތު ކުމާރުގެ މަންމަ އަކީ ލީނާ އެވެ.

މި ކައިވެންޏަށް ހަތްއަހަރު ވީތަނާ ކިޝޯރު ކުމާރު މަރުވީ އުމުރުން 58 އަހަރުގައި 13 އޮކްޓޫބަރު 1987 ގައި ހާޓް އެޓެކެއް ޖެހިގެންނެވެ. އޭރު ސުމިތު ކުމާރުގެ އުމުރަކީ5 އަހަރެވެ. ލީނާގެ އުމުރުން 32 އަހަރެވެ. ހުވަފަތްވުމަށް ފަހު ލީނާ އާއި އަމިތު އަދި ކިޝޯރުގެ ފުރަތަމަ އަނބި ރޯމާ އުޅުނި އެކުގައިި އެއް ގެއެއްގައެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު