ރިސޯޓަކުން ކަނޑަށް އެޅި ކުނިތައް ނަގައިގެން ގެންގޮސް ރިސޯޓުގެ ރިސެޕްޝަނަށް

113301-249097958-10159810912679040-3798842594482757944-n.jpeg

އެމަރެލްޑް މޯލްޑިވްސް ރިސޯޓުން ކަނޑަށް އެޅި ކުނި ނަގައިގެން ރިސޯޓްގެ ރިސެޕްޝަންގައި ބަހައްޓާފައި - ފޮޓޯ: އިގްބާލް

ރ އަތޮޅުގައި ހިންގާ އެމަރެލްޑް މޯލްޑިވްސް ރިސޯޓުން ކަނޑަށް ކަނޑަށްްއެޅި ކުނިތަކެއް ނަގައިގެން  ގެންގޮސް ރިސޯޓުގެ ރިސެޕްޝަން ގައި ބަހައްޓައިފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ އެ ރިސޯޓުގައި ވަޒީފާ އަދާކުރަމުން އަންނަ އިގްބާލު ކިޔާ މީހަކު އޭނާގެ ފޭސްބުކްގެ ސްޓޭޓަސް ގައި ކުރި ޕޯސްޓެއްގައެވެ.

އިގްބާލު ބުނެފައިވަނީ އޭނާ އެކަން ކުރީ އެ ރިސޯޓުން ކޮންމެ ދުވަހަކު ކަނޑަށް ކުނި އަޅާތީ އެކަން ހުއްޓުވުމަށް އެތައް ފަހަރަކު ރިސޯޓްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓާއި ވާހަކަދެއްކުމުން ވެސް އެކަމަށް ހައްލެއް އައިސްފައިނުވާތީ ކަމަށެވެ.

އޭނާ ބުނީ ފަރުތަކުގައި ހަރުލާފައި ހުރި ޕްލާސްޓިކް ކޮތަޅާއި، ކުނިތައް ނަގައި އެ އެއްޗެތި ގެންގޮސް ރިސޯޓް ރިސެޕްޝަންގައި ބެހެއްޓުމުން އެ މައްސަލައިގައި ވަޒީފާއިންވެސް ވަކިކޮށްފައިވާ ކަމަށެވެ.

އިގުބާލަކީ އެމަރެލްޑް މޯލްޑިވްސްގައި އެހެން ފަރާތަކުން ހިންގާ ޑައިވް ސްކޫލުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނާ މި ވަޒީފާއަށް ދިޔައީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

“އަހަރެންގެ ވަޒީފާ ގެއްލުމުން އަހަރެން ދެރައެއް ނުވޭ، އަހަރެން ބޭނުން ނޫން އަހަރެން ޑައިވްކޮށް އުޅޭ ސަރަހައްދުގެ ކަނޑުތަކަށް މިހެންވާން، ޑައިވް ކުރުމަކީ އަހަރެން އާމްދަނީ ހޯދަން ކުރަމުންދާ މަސައްކަތް”، އެ ރިސޯޓް އިން ކަނޑަށް އެޅި ކުނިތައް ނެގުމަށްފަހު އޭގެ ފޮޓޯތައް ހިއްސާ ކުރަމުން އިގްބާލް ބުނެފައި ވެއެވެ.

އިގުބާލު ބުނީ ޓޫރިސްޓުން ތަކެއް ގޮވައިގެން އިއްޔެ ޑައިވިނަށް ގޮސް ފެނުނު މަންޒަރުން ކެތްނުކުރެވުނީ ކަމަށެވެ. އޭނާ ބުނިގޮތުގައި އުކާލާފައި ހުރި ކުނިތައް ކާން މަސްތައް ވަށައިގެން އުޅެ އެވެ. ޕްލާސްޓިކް ކޮތަޅުގެ އިތުރުން އެކި ކަހަލަ ދަޅުތައް އަޑީގައި ގިނައިން ހުރި އިރު، ބައެއް ކޮތަޅުުތައް މުރަކަތަކުގައި އޮޅިފައި ހުއްޓެވެ. ބަދިގޭން އުކާލަނީ ކެއްކުމުގައި ބޭނުންކުރާ، ހަލާކުވާ ފަދަ ސާމާނު ނަމަވެސް، އެއާއެކު ޕްލާސްޓިކް ކޮތަޅާއި ދަޅާއި ރަބަރު އަންގި މޫދަށް އުކާލާ ކަމަށް އިގްބާލް ބުންޏެވެ.

ރިސޯޓުތަކުގައި ކާބޯތަކެތިން އުފެދޭ ކުނި ކަނޑަށް އެޅުން ހުއްދަ ވެފައިވަނީ ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށް އެންވަޔަރްމެންޓް މިނިސްޓްރީން ވަރަށް ކުރިން ހަދާފައިވާ ގަވާއިދަކުންނެވެ. ނަމަވެސް ކާބޯތަކެތީގެ ކުނި ވިޔަސް، ހާއްސަކޮށް ރިސޯޓުތަކުގައި އުފެދޭ ބޮޑެތި އަދަދުތަކުން، ކަނޑަށް އުކާލުމަކީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ވަރަށް ގެއްލުންހުރި ކަމެކެވެ.

ހަމަ އެއާއެކު މިފަދަ ކުނިކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ ކަނޑަށް އުކާލެވޭނީ ކާބޯތަކެތީގެ ބާކީ ބަޔާއި އަމިއްލަޒާތުގައި ފަނާވެދާ ފަދަ ތަކެއްޗެވެ. އަދި އެ ތަކެތި އުކާލަން ޖެހޭނީ އޮޔާއި ވަޔަށް ބަލައި، ރަށްރަށަށް ނުލައްގާ ގޮތަށް އަދި އަތޮޅުން ބޭރަށް ދާ ގޮތަށް ކަމަށް އެ ގަވައިދުގައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top