ބ. ތުޅާދޫ އިންޖީނުގެއިން އެރަށަށް ދެމުންގެންދާ ކަރަންޓްގެ ޚިދްމަތް ދޭތެރެ ދޭތެރެއިން މެދުކެނޑޭތީ، އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ތުޅާދޫ ކައުންސިލުން މިކަމާމެދު ކަންބޮޑުވުން ފާޅުކުރީ އެރަށުގެ އާންމު ހާލަތާ ގުޅޭގޮތުން ރަށު ކައުންސިލްގެ ރައީސް އިއްޔެ އީވީއަށް ދެއްވި އިންޓަވިއު އެއްގައެވެ. ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ އެރަށުން ފަހަކަށް އައިސް ކަރަންޓްގެ ޚިދްމަތް މެދުކެނޑުން ގިނަ ކަމަށާ، އިންޖީނުގޭގައި ހުރި ވަސީލަތްތަކުގެ ފެންވަރާމެދު ކަންބޮޑުވާކަމަށެވެ. އޭނާ ވިދާޅުވީ އިންޖީނުގޭގައި މިވަގުތު މައްސަލަ ޖެހިފައިވާ ޖަނަރޭޓަރު އަންނަ އަޟްހާ އީދުގެ ކުރިން މަރާމާތުކޮށް ބޭނުން ކުރަން ނުފެށިއްޖެނަމަ، އީދުތެރޭގައި ކަރަންޓްގެ ހިދްމަތް މެދުކެނޑުމުގެ ބިރު އެބައޮތްކަމަށެވެ.
“އިންޖީނުގޭގެ ކަންކަން ވަރަށް ގާތުން ބަލަމުން މިދަނީ. މިހާރު ކަރަންޓް ދެވޭ ހާލަތުގައި މިހުރީ 2 ޖަނަރޭޓަރު. އެދެ ޖަނަރޭޓަރު ދުވާލު ހަތަރުދަމު ހިންގާފައި ބަހައްޓައިގެން މިހާރު މިފުދެނީ. ދެން މައްސަލަ ޖެހިފައި ހުރި 200 ކިލޯ ޖަނަރޭޓަރު މަރާމާތު ނުކުރެވި އެހެން އެހުންނަނީ. ކިހިނެއްތޯ އީދަށް ރަށަށް ގިނަ ބަޔަކު އަންނައިރު އެމައްސަލަ ހައްލުކުރާނީ. މިހާރުވެސް ދޭތެރެ ދޭތެރެއިން ކަރަންޓް އެބަ ކެނޑޭ” ރަޝީދު ވިދާޅުވިއެވެ.
ރަޝީދު ވިދާޅުވީ މިމައްސަލަ ހައްލުކުރެވޭތޯ ފެނަކަ ކޯޕަރޭޝަނާވެސް މަޝްވަރާ ކުރަމުންދާކަމަށާ، ނަމަވެސް އަދި މިކަމަށް އަލިމަގެއް ނުފެންނަ ކަމަށެވެ. އޭނާ ބުނީ ތުޅާދޫގައި ކަރަންޓް ބޭނުންކުރާ ނިސްބަތް ދުވަހެއް ދުވަހަށް މަތިވަމުންދާކަމަށާ، އެރަށުގައި މިހާރު ހުރި ޖަނަރޭޓަރުތަކަކީވެސް އެރަށަށް ފުދޭވަރަށް ވުރެ ކުޑަ ޖަނަރޭޓަރުތަކެއްކަމަށެވެ.
ފެނަކަ ކޯޕަރޭޝަން ބ. ރީޖަނަލް އޮފީހުން ބުނީ ތުޅާދޫގެ ކަރަންޓްގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާ، އެކަން ރަނގަޅުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އެއޮފީހުން ބުނީ އަމާޒަކީ އެރަށަށް ދިމާވެފައިވާ މައްސަލަތައް އީދުގެ ކުރިން ހައްލުކުރުން ކަމަށެވެ. އަދި ތުޅާދޫއަށް ބޮޑު އިންޖީނެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ރީޖަނަލް އޮފީހުން ބުނެއެވެ.
ތިންހާހާ ގާތްކުރާ އާބާދީއެއް އޮތް ތުޅާދޫގެ އިންޖީނުގޭގައި ކަރަންޓް ދިނުމަށް ބޭނުންކުރަނީ 250ކވ ގެ 2 އިންޖީނާއި، 200ކވ ގެ 1 އިންޖީނެވެ. އޭގެ ތެރެއިން މިވަގުތު މައްސަލަޖެހި މަރާމާތުކުރުމަށް މަސައްކަތް ކުރަނީ 200ކވ އިންޖީނެވެ.