މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް: ހުތުބާ

IMG_0054.jpg

ފޮޓޯ: ރާޔަން

މަގުތަކުގެ ހައްގު އަދާކުރުމަށް ޓަކައި މަގުމަތިން ކުނިބުނި ނަގައި ސާފުކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަމަށާއި އެއީ އީމާންކަމުގެ އެންމެ ކުޑަމިންވަރު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

“މަގުމަތީގެ އަދަބުތައް” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، އަހުލާގީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނޭ ކަމަށާއި މަގުމަތީގެ އަދަބުތަކާއި ހައްގުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެން ދާނެ ކަމަށެވެ.

އަދި ދިރިއުޅޭ ގެދޮރާއި ކިޔަވަންދާ ސްކޫލާއި މަގުމަތި ސާފުތާހިރުކޮށް ބާއްވަން ދަރީންނަށް ދަސްކޮށްދޭން ވާނެ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ދިރިއުޅޭ ގެދޮރާއި ކިޔަވަންދާ ސްކޫލާއި މަގުމަތި ސާފުތާހިރުކޮށް ބާއްވަން ދަރީންނަށް ދަސްކޮށްދޭ ފަދައިން، ކުންފުނިތަކާއި މުއައްސަސާތަކާއި ބޭރު މީހުން ގެންގުޅޭ ފަރާތްތަކުންވެސް އެ މީހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް މަގުމަތީގެ އަދަބުތައް ދަސްކޮށްދޭން ޖެހޭ ކަމަށް މިއަދުގެ ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން، މަގުމަތީގެ ހައްގުތަކުގެ ތެރޭގައި މީހަކަށް ގެއްލުމެއް ލިބިދާނެ އެންމެހައި ކަންތައްތަކުން ދުރުހެލިވުން ހިމެނޭ ކަމަށާއި މަގުމަތީގެ ހައްގު އަދާކުރުމުގެ ތެރޭގައި މަގުހިނގާ މީހުންގެ ފަރާތުން، އެހެން މީހުންނަށް ކުރާ އުނދަގުލާއި ގޯނާ ހުއްޓުވުމާއި މާރާމާރީގެ އަމަލުތައް ހުއްޓުވުން ހިމެނޭ ކަމަށް ބުނެފައިވެއެވެ. އަދި ގޯތިގެދޮރުގައި އުފެދޭ ކުނި، މަގުމައްޗަށް އުކާލާ މީހުން އުޅޭ ކަމަށާއި ބޭނުންކޮށްފައި އޮންނަ ޓިޝޫ އާއި ހުސްފުޅި އާއި ދަޅު ފަދަ ތަކެތި މަގުމައްޗަށާއި ގޮނޑުދޮށަށް އުކާލުމާއި އެތަންތަން ގޮނޑުވެ ތިމާވެއްޓަށް ގެއްލުން ހުރި އަމަލުތައް ކުރާތަން ފެންނަކަމީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

މަގުމަތީގެ އަދަބުތަކުގެ ތެރޭގައި ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކުރުން ހިމެނޭ ކަން ފާހަގަކޮށް ހުތުބާގައި ބުނީ، މަގުމަތިން ނުރުހެވޭ މަންޒަރުތަކާއި ކަންކަން ފެންނަ ހިނދު އެފަދަ އަމަލުތައް ކުރާ މީހުންނަށް ނަސޭހަތްދީ އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ނުކުރާ ނަމަ، ތިބާއަކީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރާ މީހަކަށް ނުވާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top