އިސްލާމްދީނާއި އީމާންތެރިކަމަށް ހުރަސް އެޅޭތީ، ހިންދީ ފިލްމް ޑަންގަލްްއިން ބޮލީވުޑް އަށް ތައާރަފްވެ ގައުމީ އެވޯޑްވެސް ހޯދާފައިވާ ކަޗްމީރަށް އުފަން އުމުރުން 18 އަހަރުގެ ޒާއިރާ ވަސީމް ފިލްމީ ދުނިޔެއިން ވަކިވާން ނިންމައިފިއެވެ.
ފިލްމު ކުޅުން ހުއްޓާލިކަން ހާމަކޮށް އޭނާގެ ސޯޝަލް މީޑިއާގައި ކުރި ދިގު ޕޯސްޓެއްގައި ބުނީ، ފިލްމީ ދާއިރާއަށް ވަނުމަށް އޭނާ މީގެ ފަސް އަހަރު ކުރިން ނިންމި ނިންމުމަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ނިންމުމެއް ކަމަށެވެ.
އޭނާ ބުނީ ފިލްމި ދާއިރާގައި ކިތަންމެ ބޮޑު ކާމިޔާބީއެއް ލިބުނު ކަމަށްވިޔަސް އެކަމުގައި އެއްވެސް ހިތްހަމަޖެހުމެއް ނެތް ކަމަށެވެ. .އަދި ބޮލީވުޑަށް އެޅި ފުރަތަމަ ފިޔަވަޅުން ވެސް ބޮޑު މަޝްހޫރު ކަމެއް ލިބި މުޖުތަމައު ބަލައިގަތް މޮޅު އެކްޓްރެސް އެއްގެ މަގާމު އޭނާއަށް ލިބުނުކަމާއި މީގެ އިތުރުން ޒުވާނުން، ރޯލް މޮޑެލް އެއްގެ ގޮތުގައި ބަަލައިގަންނަން ފެށި ކަމަށެވެ. އެހެންނަމަވެސް ފިލްމީ ދިރިއުޅުމަކީ އަސްލު އޭނާ ކުރިއަށް ދާންވީ ރޮނގުކަމަށް ގަބޫލުކުރަން ބޭނުމެއްނުވާ ކަމަށް އޭނާ ބުންޏެވެ.
“ފަހަރުގައި މި ދާއިރާއަށް އަހަރެން ފިޓްވެދާނެކަން ނޭގެ. އެހެންވިޔަސް މި ދާއިރާގައި ކުރިއަށް ދާން ފެށުމާއެކު އަހަރެންގެ އީމާންތެރިކަމާއި ދީންވެރިކަން އަހަރެން ދުރުވާން ފެށި. މިފަދަ މާހައުލެއްގައި އަބަދު މަސައްކަތް ކުރަންޖެހޭތީ ދީނާ އޮތް ގުޅުން ދުރުވާން ފެށިކަމުގެ އިހުސާސް ކުރެވެން ފެށި.”
މި އިހުސާސްތަކުގެ ސަބަބުން ހިތް ނުތަނަވަސްވިޔަސް އޭނާ ކުރާ މަސައްކަތަކީ ރަނގަޅުމަސައްކަތެއް ކަމަށް ދެކެން ފެށި ހިސާބުން ހަޔާތުގެ ބަރަކާތް ކެނޑިފައިވާ ކަމަށް ޒައިރާ ބުނެފައިވެ އެވެ.
ޒައިރާ ބުނީ، އޭނާއަށް ނަފްސުގެ މުއްސަނދިކަމާއި ސުލްހަ އާއި ހަމަޖެހުން ގެނެސްދިނީ ކީރިތި ޤުރުއާނުން ކަމަށެވެ. އެގޮތުން އޭނާއަށް ހިދާޔަތް ދެއްވުން އެދި މާތް ﷲގެ ރަހްމަތްވަންތަ އެދިގެން ހުރިކަމަށް ވެސް ބުނެފައިވެ އެވެ.
“އެންމެންނަށް އަހަރެން ދޭނެ އިހްލާސްތެރި ނަސޭހަތަކީ، އީމާންތެރިކަމުގެ ނޫރު ނުވަތަ ތިމާގެ ސަލާމަތްތެރިކަން ނަގާލުމަށްފަހު ލިބޭނެ އެއްވެސް މިންވަރެއްގެ ކާމިޔާބެއް، މަޝްހޫރު ކަމެއް، ބާރެއް އަދި މުއްސަނދިކަމެއް ނޯންނާނެ.” ޒައިރާގެ ޕޯސްޓް ނިންމާލަމުން ބުނެފައިވެ އެވެ.