ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މާދަމާއިން ފެށިގެން އަމަލުކުރަން ފަށާނެ!

DSCN9867.jpg

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މާދަމާއިން ފެށިގެން އަމަލުކުރަންފަށަން ނިންމައިފިއެވެ.

އެ ގާނޫނުގައި ބުނާގޮތުން އެ ގާނޫނު ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސްދުވަސް ހަމަވާ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. އެހެން ކަމުން މިރޭ މެންދަމު 12 އިން ފެށިގެން ކުޑަކުދިންގެ ހައްގުތަށް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.

އެ ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން ހިމެނެ އެވެ. އަދި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގަ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި މައިންބަފައިންނާއި ބެލެނިވެރިންނާއި މުޖުތަމައާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ވެސް މިބިލުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

އެ ގާނޫނަށް މާދަމާއިނ ފެށިގެން އަމަލުކުރަން ފަށާއިރު، ރައްޔިތުން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހުވެސް ވިދާޅުވެފައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިމަހު 20 ގައި އަމަލުކުރަން ފަށާނެ ކަމަށެވެ. އެހެންކަމުން ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ މިދިޔަ މަހެއްހާ ދުވަސް ހޭދަކުރީ ވަރަށް ހިތްދަތި އިހްސާސްތަކެއްގެ ތެރޭގައި ކަމަށެވެ. އެއީ އުމުރުން ދެ އަހަރުނުވާ “މައުސޫމް ތުއްތު” އަންހެން ކުއްޖަކަށް، އެކުއްޖާއަށް އެންމެ އިތުބާރު ކުރެވޭ މަގާމުގައި ތިބި ބަޔަކު، ލާއިންސާނީ ގޮތެއްގައި ޖިންސީ ގޯނާކުރުމުގެ ހިތާމަވެރި އިހްސާސްތައް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެކަން އެހެން ހިނގުމަށް މަގުފަހިކުރި އެންމެ ބޮޑު ސަބަބެއް ކަމަށް ރައީސް ވިދާޅުވީ، ތުހުމަތުކުރެވޭ ބައެއް މީހުންނާ އަދުލު އިންސާފު އަރައި ހަމަނުކުރުން ކަމަށާއި ދައުލަތުގެ ބައެއް އިދާރާތަކުން އިހުމާލުވުން ކަމަށެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން، ދައުވާކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން، 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަވެސް ނުނިމި އެބަހުރި ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top