ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އޭދަފުށި، ހޯދުމާއި ގުޅިގެން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ބައިލައްކަ ރުފިޔާގެ އެހީއެއް ވެދެއްވާފައިވާކަމަށް އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވެއްޖެ އެވެ.
ރަން ތާއްޓާއެކު އިއްޔެ ހަވީރު ފުޓްސަލް ޓީމް އޭދަފުއްޓަށް އައުމުން އެޓީމަށް އެންމެ ފުރަތަމަ މަރުހަބާ ކިއުއްވީ ވެސް އެމްޕީ ސަލީމް އެވެ. އެކަން ފާހަގަ ކުރުމަށް އަތިރިމަތީގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ފާތިހު ވަނީ އެމްޕީ ސަލީމަށް ރަށުގެ ރައްޔިތުންގެ ފަރާތުން ޝުކުރު ދަންނަވާފައެވެ.
އޭދަފުށީ ރައްޔިތުންނާއެކު އަތިރިމަތީގައި ފުރިބާރުވެފައި އޮތް މިރަސްމިއްޔާތުގައި ފާތިހު ވިދާޅުވީ އޭދަފުށީގެ ކުޅިވަރަށް އެމްޕީ ސަލީމްގެ އެހީތެރިކަން ލިބިފައިވަނީ ހަމައެކަނި މިއަދު ނޫންކަމަށެވެ. އެއީ މެދުކުނޑުމެއް ނެތި ލިބެމުން އަންނަަ ކަމެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
”އެމްޕީ ސަލީމަކީ ފެށުނީއްސުރެ އޭދަފުށިގެ ކުޅިވަރަށް ވަރަށް ދީލަތި އެހީއެއް ވެދެއްވާ ބޭފުޅެއް. އޭދަފުށީ ހޯދާ މިފަދަ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ދެގޮތެއްނުވެ ހުންނެވި އެއްބޭފުޅަކީ ސަލީމްކަން ތިޔަ އެންމެ ބޭފުޅުންވެސް ރަނގަޅަށް ދެނެވަޑައިގަންނަވާނެ.“ ސަލީމްގެ އެހީތެރިކަން ފާހަކުރަމުން ރައީސް ފާތިހު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އޭދަފުށީގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ދިގު ތާރީޚެއް އޮތްކަމަށެވެ. ކުޅިވަރާ އޭދަފުއްޓާއި އޮތް ގާތްގުޅުން ފާހަގަ ކުރައްވަމުން އެކަމުގެ ތާރީޚު ސަލީމް ފެއްޓެވީ އޭދަފުށީ ބސމދ ޖަމިއްޔާގެ ފަހުން އުފެދުނު އޭދަފުށީގެ ޒުވާނުންގެ ޖަމިއްޔާއާއި ހަމައިންނެވެ.
އެޖަމއިްޔާ ހިންގުމުގެ މަސްއޫލިއްޔަތުވެސް އަދާކުރެއްވި ސަލީމް ވިދާޅުވި ގޮތުގައި މިފަދަ ތާރީޚީ ކުލަގަދަ މުނާސަބަތެއް ހަމަ މިތަނުގައި ފާހަގަކޮށްފައި ވާނޭ ކަމަށެވެ.
”އެއީ 1986 ވަނަ އަހަރު. އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ، ރާއްޖޭގެ ފުޓްބޯޅައިގެ ދެވަނަ ޑިވިޜަންގެ ޗެމްޕިއަން ކަމުގެ ތަށި ހިފައިގެން ރަށަށް އައިދުވަސް. ނުވަތަ ރާއްޖެތެރެއަށް ފުޓުބޯޅައިގެ ތައްޓެއް ފުރަތަމަ ގެނައި ތާރީޚީ ދުވަސް.“
ސަލީމް ވިދާޅުވީ ގޮތުގައި އޭރުވެސް އަމިއްލަ ޖީބުން ހަރަދު ކޮށްގެން އެންމެ ފުރަތަމަ ރާއްޖެއިން ބޭރުން ކުޅުންތެރިން ގެނެސް ފުޓުބޯޅައިގެ ތާރީޚު ބަދަލުކޮށްލި ކަމުގައެވެ. އެއީ ރަށްދެކެ ލޯބިވާތީއާއި ފުޓުބޯޅައަކީ އޭދަފުށީގެ ލެއާ ގުޅިފައިވާ ކުޅިވަރަކަށް ވާތީ ކަމަށާއި އެމަނިފާނު ދުނިޔޭގައި ހުންނެވިހައި ދުވަހަކު މިއެހީތެރިކަމަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ.
”ހަމައެކަނި މި މުބާރާތަށް ބަލައިލިޔަސް އަޅުގަނޑު އަތުން ހަތްލައްކައެއްހައި ރުފިޔާ ޚަރަދު ކޮށްފައިވާނީ. މިދެންނެވި ބަހުގެ ސާފު ހެއްކެއްގެ ގޮތުން މިދެންނެވީ.
ސަލީމް ވަނީ އޭދަފުށީގެ ބެޑްމިންޓަން ޓީމް ހޯދި ކާމިޔާބީ ފާހަގަ ކުރުމުގައި ވެސް ދީލަތި އެހީއެއް ވެދެއްވާފަ އެވެ.