ކުންފުނިތައް ނުވިއްކާ ގައުމު ނުހިންގޭނަމަ އެއްފަރާތްވުމަށް ރައީސް ޔާމީން ގޮވާލައްވައިފި

viber_image_2022-01-13_17-29-34-920-850x548.jpg

ސަރުކާރުގެ ކުންފުނިތައް ވިއްކާ ނުލައި ގައުމު ނުހިންގޭ ކަމަށް ވާނަމަ އެއްފަރާތަށް ޖެހިލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.

ކޮމަންޑޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ ކެނޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ޖަލްސާއެއްގައި އިއްޔެ ކޮމަންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެހެން މީހުންގެ މަސައްކަތުން ބިނާކޮށްފައި ހުންނަ ތަންތަން މި ސަރުކާރުން ފައިސާ ހޯދަން ވިއްކަމުންދާ ކަމަށެވެ.

އަދި ސަރުކާރުގެ ތެރެއިން އުފެދޭ ވަޒީފާތަކަށް ވުރެ ގިނަ ވަޒީފާތައް އުފައްދަނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކަމަށާއި ނަމަވެސް މި ސަރުކާރުން މިހާރުވެސް 13 ކުންފުނި ވިއްކާލަން ނިންމާފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ މި 13 ކުންފުނި ހިންގަން ޔޫރަޕަކުން ނާންނާނެ ކަމަށެވެ. މި ކުންފުނިތައް ހިންގަން އަންނާނީ އިންޑިއާ އިން ކަމަށް ވިދާޅުވެ އެންމެ ފުރަތަމަ ވިއްކާލާނެ ކުންފުންޏަކަށް ވާނީ އައިލޭންޑް އޭވިއޭޝަން ކަމަށާއި އެ ކުންފުނި ބަނގުރޫޓުކޮށްލީ ވެސް ވިއްކާލުމުގެ ބޭނުމުގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ސަރުކާރުގައި އޮތީ “މަންމަގެ އުނގުގައި އޮތް ފައްޓަރުބައި” ވިއްކާލުމުގެ ފަލްސަފާ ކަމަށާއި މިއަށް ވުރެ މަގާމުން އެއްފަރާތަށް ޖެހުނަސް މާ ރަނގަޅުވާނެ ކަމަށެވެ.

“ކީއްކުރަންތޯ އެހެން މީހުންގެ މަސައްކަތުން ބިނާކޮށްފައި ހުންނަ ތަންތަން މި މީހުންގެ ނުކުޅެދުންތެރިކަމާއި ހެދި ފައިސާ ހޯދަން ވިއްކަން ޖެހިގެން މި އުޅެނީ؟ ވިއްކައިގެން ނޫން ގޮތަކަށް ގައުމު ނުހިންގޭ ނަމަ މުޅި ރައްޔިތުންގެ ހައްގުގައި އެއްފަރާތަށް ޖެހެން ޖެހެންވީ ނޫންތޯ. އެއީ ނޫންތޯ ރައްޔިތުން ބޭނުންވާނެ ގޮތަކީ” ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ވިދޅުވީ 13 ކުންފުނި ވިއްކާލުމުން އެތައް ހާސް ވަޒީފާއެއް އުފެއްދުމުގެ ފުރުސަތު ގެއްލިގެންދިޔައީ ކަމަށާއި ކުންފުނިތަކުގެ ހިއްސާ ބޭރުގެ ކުންފުނިތަކަށް ވިއްކާލާފައި އޮތުމުން ދަތިވާ އެތައް ކަމެއް އެބައޮތް ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން ފެން ކުންފުނީގައި ބޭރުގެ ކުންފުންޏެއްގެ ހިއްސާ އޮންނާތީ ފެނުގެ އަގު ކުޑަކުރެވެން ވެސް ނެތް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ފާއިތުވި ފަސް އަހަރަކީ މުޅި ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ސަރުކާރުގެ ކުންފުނިތަކުން ފައިދާގެ ނިސްބަތް ބަޖެޓަށް އެންމެ ބޮޑަށް ދިން ފަސް އަހަރު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީން ވެރިކަމަށް އައުމަށްފަހު އަބަދުވެސް ރާއްޖެ އަށް ހިތްދަތި ދަތުރެއް ޖައްސާ ކަމަށާއި އެކަންކަން ރަނގަޅު ކުރުން އޮންނަނީ އެހެން ބައެއްގެ ޒިންމާއަކަށް ވެފައި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top