އިންޑިއާ ސިފައިން ބޭރުކުރެވޭނީ ވަރަށް ގަޓުހުރި ވެރިއަކަށް: އުމަރު

large_163389234157xZmj.jpg

ކުރީގެ ހޯމް މިނިސްޓަރު، އުމަރު ނަސީރު -- ފޮޓޯ/ ސަން

ރާއްޖޭގައި ގާއިމްވެތިބި އިންޑިއާގެ އަސްކަރިއްޔާ ބޭރު ކުރުމަކީ ވަރަށް ޖެހިލުން ކުޑަ، ގަޓުހުރިވެރިއަކަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ މިއީ އާދައިގެ ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މަލްޓި ޑިމޮކްރެސީއެއްގެ ތެރެއިން ރާއްޖޭގެ ވެރިކަމަށް އައި އެއްވެސް ވެރިއަކަށް އިންޑިއާ ސިފައިން ނުބޭލުނު އިރު އިންޑިއާ ސިފައިން  އިތުރުވެގެން ދިޔަ ކަމަށެވެ.

”އިންޑިއާ ސިފައިން ބޭލުމުގެ ވިސްނުމާ، ހިތްވަރާ، ގަޓާ އެ ވެރިންގެ ކިބައިގައި ހަމަ ނެތީ. ގަޓް ހުރި ނަމަ މިހާރު އިންޑިއާ ސިފައިނެއް މި ގައުމުގައި ނުތިބޭނެ. ދެހާސް ދިހަ ވަނަ އަހަރު އިންޑިއާ ސިފައިން އައީ. ނަޝީދު އަކަށް ނުވި. ވަހީދުއަކަށް ނުވި. ޔާމީނުއަކަށް ނުވި. ސޯލިހު އަކަށް ނުވި،” ”ސަން“ އަށް ދެއްވި އިންޓަވިއު އެއްގައި އުމަރު ވިދާޅުވިއެވެ.

އިންޑިއާ އާއެކު ހަދާފައިވާ އެއްބަސްވުންތަކާއި ބެހޭ ގޮތުން އުމަރު ވިދާޅުވީ ޔޫޓީއެފް އެއްބަސްވުން ކަހަލަ ބައެއް އެއްބަސްވުންތައް މިހާރު ވެސް ތަންފީޒު ކުރަމުން ދާ ކަމަށެވެ.

ޔޫޓީއެފްގައި އޮތް އިތުރު ނުރައްކަލަކީ އެ އެއްބަސްވުމުގެ ދަށުން ހަދާ ހާބަރު ނިމުމުން އެ ތަނަށް ބަނދަރުކޮށްފައި އޮންނަ ކޮންމެ މަނަވަރެއްގައި ވެސް ހަތިޔާރު ހުރުން ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވިގޮތުގައި ޔޫޓީއެފްގައި ހިމެނޭ ހާބަރު ނިމުމުން، މަރާމާތު ކުރުމުގެ ނަމުގައި ހަތަރު ފަސް މަނަވަރު އެތަނުގައި ނޯންނަ އިރެއް ނުދާނެއެވެ.

އެހެންވީމާ އެތަނުގައި ތިބޭ ސިފައިން ބޭނުން ވެއްޖެ ކޮންމެ ވަގުތަކުވެސް ރާއްޖެއަށް ހަމަލާއެއްދީ، ވެރިކަމުގެ ތެރެއަށް އަތްބާނާ، އަދި މިނިވަންކަން ފޭރި ގަންނަން މިހާރު ވެސް އެ އޮތީ ފުރުސަތު ދީފައި ކަމަށް އުމަރު ވިދާޅުވިއެވެ.

“އަބަދުވެސް މަރާމާތު ކުރުމުގެ ނަމުގައި ތި ޔޫޓީއެފް ތެރޭގައި ހަތަރު ފަސް މަނަވަރު ނޯންނަ އިރެއް ނުދާނެ. އެހެންވީމަ އެހިސާބުން ހުރިހާ ކޮންޕޮނެންޓެއް އެ ހަމަވީ. އެ މީހުން ބޭނުން ގަޑިއެއްގަ ހަމަލާއެއް ދީ ވެރިކަމުގެ ތެރެއަށް އަތް ބާނާ މިނިވަންކަން ދަމައިގަންނަން މިހާރު ވެސް އެ އޮތީ ފުރުސަތު ދެވިފަ،” އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އިންޑިއާ މަސައްކަތް ކުރާނީ އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ނަމަވެސް ރާއްޖޭގައި ތިބެން ކަމަށެވެ. އެހެންކަމުން ފައިސާއިން ނުވެއްޖެ ނަމަ ބިރު ދައްކައިގެން ނަމަވެސް މި ތަނުގައި ތިބެވޭތޯ އެ މީހުން މަސައްކަތް ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

“ސިފައިން ތިބުމަށް ވެރިމީހާއަށް ދޭންޖެހޭ އަދަކަށް ފައިސާ ވެސް ދޭ ގޮތަށް އެމީހުން ތިބޭނީ. ބިރު ދައްކަންޖެހޭ ހާލަތުގައި ބިރު ވެސް ދައްކާ ގޮތަށް ތިބޭނީ. އެހެންވީމަ އިންޑިއާ ސިފައި ބާލަން ދިވެހީން އެދޭ ނަމަ ދިވެހީން ގެންނަންޖެހޭނީ ޖެހިލުން ކުޑަ ހިތްވަރުގަދަ އަދި ފައިސާގައި ނުހިފާނެ ފައިސާއަށް ހެއްލިގެން ނުދާވަރުގެ ވެރިއެއް،” އޮންލައިން ނޫސް ”ސަން“ އަށް އުމަރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް، ކުރީގެ ރައީސް ޔާމީންގެ އިސް ނެންގެވުމަކަށް ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިން އަތޮޅު ތެރޭގައި ވެސް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފައްޓާފައެވެ.

އިންޑިއާގެ މިލިޓަރީ ސިފައިން މި ގައުމުގައި ތިބުމާ ދެކޮޅަށް ގިނަ ގިނަ ބަޔަކު އަޑު އުފުލަމުން އަންނައިރު، ރައީސް ނަޝީދާއި ސަރުކާރުގެ ބައެއް ބޭފުޅުން ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން ދިފާއު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top