ތަސްވީރުން އެފެންނަނީ އެމެރިކާގެ ބިލިޔަނަރެއް ކަމުގައިވާ ޖޭމްސް ހަވާޑް މާޝަލް އާއި އޭނަގެ އެންމެ ފަހުގެ އަނބި މީހާ އެނާ ނިކޯލް ސްމިތްއެވެ. މި ދެ މީހުން ކައިވެނި ކުރީ 1994ގައެވެ. އޭރު މާޝަލްގެ އުމުރަކީ 89 އަހަރެވެ. ނަމަވެސް، 26 އަހަރުގެ އެނާ އަށް މާޝަލް ފެނުނީ 89 ބިލިޔަން ޑޮލަރުގެ މީހެއްގެ ގޮތުގައެވެ. ޝައްކެއް ނެތް ގޮތުގައި މާޝަލްއަކީ ބިލިޔަނެރެކެވެ.
ކޮންމެއަކަސް، މިދެ މީހުންގެ ކައިވެނީގެ ތެރޭގައި އެނާ ކުރެން، އޭނަ މާޝަލްއާ ކައިވެނިކުރީ ކޮން ކަމެއް މާޝަލް ކިބައިން ފެނިގެންތޯ ސުއާލުކުރުމުން، އެނާ ބުނިކަމަށް ވެއެވެ. “އަހަންނަށް އޭނަގެ އަސާގަނޑާއި އޭނަގެ ދެ ލޯ ރީތިވެ، އެ އަސާގަނޑާއި އެ ދެ ލޯ ދެކެ ލޯބިވެވުނީއެވެ.
އާޚިރުގައި ކަންތައް ދިމާވީ އެނާ އެދުނު ގޮތަށްކަމަށް ބުނެވިދާނެއެވެ. އެ ދެ މީހުންގެ ކައިވެންޏަށް ދޮޅު އަހަރު ވެސް ނުވަނީސް. 1995ގައި މާޝަލް މަރުވިއެވެ. ނަމަވެސް، އޭގެ އަގުކަމުގައި 8.6 ބިލިޔަން ޑޮލަރު ބެލެވުނު މާޝަލްގެ ތަރިކައިން އެންމެ ލާރިއެއް ވެސް އެނާއަކަށް ނުލިބެއެވެ. އޭނައަށް ލިބުނު ކަމަށް ވަނީ އޭނަ ލޯބިވި ކަމަށް ބުނި މާޝަލްގެ އަސާގަނޑެވެ.
ފަހުން، މާޝަލްގެ ތަރިކައިން ބައެއް އެނާއަށް ލިބެން ޖެހޭނެ ކަމަށް ބުނެ ދައުވާ ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ، އެނާ ވެސް ޑުރަގުގެ މަސްތީހާލަތެއްގެ ސަބަބުން 2007ގައި މަރުވީއެވެ.
ބުނެވޭ ގޮތުގައި މާޝަލްގެ ތަރިކަ މުދާ ހޯދަން އުޅުމުގެ މައްސަލަ ބެލެވެނީ އަމިއްލައަށް މަރުވާން ޖެހުނު އެންމެ ހިތާމަވެރި މަޝްހޫރު ދެވަނަ މައްސަލަ ކަމުގައެވެ.
މި ހިސާބަށް ވާހަކަ ދިޔުމުން، މިފަދަ މައްސަލަތަކުގެ ތެރެއިން އެއް ވަނައަށް އައި މައްސަލަ ނަން ނުގެންފި ނަމަ، ކިޔުންތެރިން އަޅުގަނޑު ކުށްވެރިކޮށްފާނެއެވެ. ނަމަވެސް އެއްވަނައަށް މައްސަލަ ނަންގަތަސް އެއީ ވެސް ހިތް ހަމަ ނުޖެހުމުގެ ސަބަބަކަށް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް، އެއް ވަނައަށް ދިޔަ މައްސަލަ ނަންގަންނަން ޖެހެއެވެ. މިފަދަ އަމިއްލަ މަރުވުމެއް މެދުވެރި ކުރުވި އެންމެ މަޝްހޫރު މައްސަލަ ގުޅެނީ އަމިއްލަ ފަރުދަކު ދަންޖެހި މަރުވުމަކާ ނޫނެވެ. ގައުމެއްގެ މަރާއެވެ. 2008ގައި ރާއްޖެއަށް ގެނެވުނު ގިނަ ޕާޓީގެ ޑިމޮކުރަސީ މެދުވެރި ކުރުވި ގައުމުގެ ދަންޖެހުމުގެ ހިތާމައާއެވެ. އެކަމުގެ ސަބަބުން، ނުމީހުން މީހުންނަށް ވިއެވެ. މުރައްކަބު ޖާހިލުން ބޮޑެތި އިލްމުވެރިންނަށްވިއެވެ. ނާގާބިލު މީހުންނަށް ގައުމުގެ ހިންގުމުގެ އެންމެ އިސް ސަފުތަކުގައި ފައި ހަމަކޮށްލެވޭ ގޮތް ވިއެވެ. އަދި، ވެރިކަމުގެ ގޮނޑިއާ ހަމައަށް ވާސިލުވާ ކޮންމެ ޕާޓީއެއްގެ ނަޒަރުގައި ވެރިކަން ކުރަން އިންތިޚާބުވުމަކީ ގާނޫނީ ގޮތުން، ގައުމު ވެސް ވިއްކާލައި ގައުމުގެ ހަރުމުދަލާއި ޚަޒާނާ އަމިއްލަ ބޭނުމުގައި ހުސްކޮށްލަން ލިބޭ ރަނުގެ ފުރުސަތެއް ކަމުގައެވެ. މިހެން ވުމުން، އެނާ ނިކޯލް ސްމިތު ވެސް ފައިސާގެ ދަހިވެތިކަމުގައި އަމިއްލައަށް މަރުވާން ދިމާވިހެން، ގިނާ ޕާޓީގެ ޑިމޮކުރަސީގެ ސަބަބުން ރާއްޖެއަށް ވެސް ހަމަ އެ ދަތުރު ޖެހުނީއެވެ.
(ޑރ.ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމް ގެ ލިޔުއްވުމެއް )






