ބ. މާޅޮހުގައި ދަނޑުވެރިކަމުގެ ނާސަރީއެއް ގާއިމު ކުރުމަށް ސަރުކާރުން ފަސް ލައްކަ ރުފިޔާގެ އެހީއެއް ދޭން ނިންމައިފި އެވެ.
މާޅޮހާއެކު ޖުމްލަ ދިހަ ރަށެއްގައި މިފަދަ ނާސަރީތައް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
ނާސަރީ ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ހަތް މަސްދުވަހުގެ ތެރޭގައި ނާސަރީގެ މަސައްކަތް ނިންމަންޖެހެ އެވެ.
މި ނާސަރީތަކަކީ އެ އަތޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު ކުރިއަށްގެން ދިއުމުގައި މައިގަނޑު މަރުކަޒުތައް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މަސައްކަތުގެ އެއްބަސްވުން ތަކުގައި ފުރަތަމަ ސޮއިކޮށްފައިވާ ދިހަ ރަށަކީ، ބ.މާޅޮސް، ހއ.ކެލާ، ށ މިލަންދޫ، ނ.ކެނދިކުޅުދޫ، ރ. އިންނަމާދޫ، އއ. މަތިވެރި، މ.މުލައް، ތ.ކިނބިދޫ، ގއ. ދާންދޫ ގެ އިތުރުން ގދ.ތިނަދޫ ސިޓީ އެވެ.
އަންދާޒާ ކުރެވޭ ގޮތުގައި ކޮންމެ ނާސަރީއަކުން އަހަރަކު ގާތްގަނޑަކަށް 50,000 ގަސް އުފައްދާނެ އެވެ. މި ތަންތަނުން ހައްދައި ބޭރުކުރާ ހުރިހާ ގަހެއް ގުނޭނީ ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ތެރެއިންނެވެ. މީގެ އިތުރުން، މި ނާސަރީތަކުގެ ސަބަބުން ކައިރި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.






