ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު، އޭދަފުށީ ގަދަކޯޅިމާގޭ ހައިޝަމް ހަސަން ކްލަބް މާޒިޔާ އަށް ސޮއިކޮށްފި އެވެ.
ރާއްޖޭގެ ފުޓްބޯލަ ގައުމީ ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި ހައިޝަމް، މާޒިޔާ އަށް ސޮއިކުރީ ތިން އަހަރުގެ މުއްދަތަށެވެ. ހައިޝަމް އަކީ އަންނަ ސީޒަނަށް މާޒިޔާ އަށް ސޮއިކުރުވި ތިންވަނަ ކުޅުންތެރިޔާ އެވެ. އޭނާ އާއި އަކްރަމްގެ ކުރިން މާޒިޔާއިން ވަނީ ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ޝެމޮޝޮން ސޮއިކުރުވައިފަ އެވެ.
އުމުރުން 22 އަހަރުގެ ހައިޝަމް މީގެ ކުރިން ކުޅެމުން އައީ ކްލަބް އީގަލްސް އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މާޒިޔާ އަށް ހައިޝަމް ދިޔައީ ކްލަބް ވެލެންސިއާ އިން ވެސް އޭނާ ގެންނަން މަސައްކަތް ކުރަމުންދަނިކޮށެވެ. ހައިޝަމް ލައްވައި ކޮންޓްރެކްޓް އާ ކުރުވަން ކްލަބް އީގަލްސް އިން ވެސް މަސައްކަތްކުރި އެވެ.
އޭދަފުށީ ދަނޑުގައި ކުޅެ މޮޅު ކުޅުންތެރިއަކަށް ވުމަށްފަހު މިނިވަން ޗެމްޕިއަންޝިޕް 2017 ގައި އޭދަފުށި ވާދަކުރި ޓީމުން ވިދާލި ހައިޝަމް މިދިޔަ ތިން ސީޒަންގައި ކުޅުނީ ކްލަބު އީގަލްސް އަށެވެ. ގައުމީ ޓީމަށް އޭނާ ކުޅެން ފެށީ 2019 ގައެވެ.
އޭނާގެ ނަން އެންމެ މަޝްހޫރުވެ މަގުބޫލު ވެގެންދިޔައީ ސާފް ޗެމްޕިއަންޝިޕްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ
މިދިޔަ މަހު ބޭއްވި އޭޝިއަން ކަޕް 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖޭގެ ޓީމުގެ ކެޕްޓަންކަން ވެސް ކުރީ ހައިޝަމް އެވެ.
ޒުވާން ގައުމީ ޓީމުން ހައިޝަމަށް ޖާގަ ލިބުނީ އޭދަފުށީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ފާސިރު (ފާއްޓޭ) ގެ އެހީތެރިކަމާއެކުގައިކަމަށް ”މިހާރު “ގައި ބުނެފައިވެއެވެ. ފާއްޓެގެ ސިލެކްޝަން އޭރު 19 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވެ ހުރި ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) އަށް ކަމުދިޔައީ އެވެ.