ވާދަވެރި ކެންޑިޑޭޓް ”ހުރަގެ“އަށް ލައިގެން އިންތިޚާބަށް ވާދަކުރުމަކީ ޑިމޮކްރަސީ ދަންނަ ކަމެއް ނޫން: ފާރިސް

big_1MLzaRG0Ry1YIM8hhG3Gfc2z4.jpeg

ސިޔާސީ ނުފޫޒުން އިންޓަލިޖެންޓް ރިޕޯޓެއް ވައްދާ ވަކި ބޭފުޅަކު ތިމަންނާޔާ އެންމެ ވާދަކުރާ ބޭފުޅަކު ހަރުގެއަށް ލައިގެން އިންތިހާބަށް ވާދަކުރުމަކީ ތަސައްވަރު ފުދިފައިވާ ޑިމެކޮރެޓިކް ގައުމެއްގައި ކަންކުރާ ގޮތެއް ނޫން ކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ފާރިސްގެ މި ވާހަކަފުޅަކީ ރައީސް ޔާމީންގެ ދިފާއުގައި ވިދާޅުވި ބަސްފުޅެއް ކަމަށް ބެލެވެ އެވެ.

ސަންގު ޓީވީން އިންތިޒާމު ކުރި ރިޔާސީ ބަހުސްގައި ރޭ ފާރިސް ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި ފުލުހުންނާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށާއި ކޯޓްތަކަށްވެސް ނުފޫޒު ވަންނަ މައްސަލަ އަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ފާރިސް ވިދާޅުވީ މައްސަލަތައް އިސްލާހުކުރަން ސަރުކާރަށް ފުރުސަތު ލިބިއްޖެ ކަމަށާއި އެހެންނަމަވެސް އެކަށީގެންވާ ވަރަށް އިސްލާހީ ބަދަލުތައް ފެނިގެން ގޮސްފައި ނުވާ ކަމަށެވެ. އެހެންވުމުގެ ސަބަބުން ބައެއް ރައްޔިތުންނަން އިއްވަމުންދާ ހުކުމަކީ “ހަލާލް ހުކުމެއް” ކަމަށް ރައްޔިތުން މިހާރު ގަބޫލުނުކުރާ ކަމަށެެވެ. މިއީ އިސްލާހުކުރަންޖެހޭ ކަންތައްތަކެއް ކަމަށާއި މިކަންތައްތައް ރައްޔިތުން މިހާރު ބަލަން ބޭނުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ އެތައް ކަންބޮޑުވުމެއް ހުރި ކަމަށްވިޔަސް ފުރުސަތު ލިބިވަޑައިގެންފިނަމަ ކޯޓްތައް މިނިވަންކޮށް، ފުލުހުންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަ މަގުތައް ބަންދުކޮށް، ޕޮރޮސެކިއުޓާ ޖެނެރަލްއަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށެވެ.

ފާރިސް އަށް ވެރިކަން ލިބިއްޖެނަަމަ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތާއީދުކުރާ އަދި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނަން އިހްތިރާމާ ގަދަރު ކުރާނެ ކަމަށާއި ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކާ ދޭތެރޭ އަމަލުކުރަން އޮންނަ އިހްތިރާމުކުރުމުގެ ރީތި އުސޫލުން އަމަލުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ވެރިކަން ކުރެއްވި ބޭފުޅުންނަކީ ދައުލަތަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރެއްވި ބޭފުޅުން ކަމަށްވާތީ ހާއްސަ އުސޫލަކުން އެ ބޭފުޅުންނާ މެދު އަމަލުކުރުމުގެ ގާނޫނީ އޮނިގަނޑެއް އޮންނާތީވެ އެގޮތަށް އަމަލުކުރައްވާނެ ކަމުގައިވެސް ފާރިސް ވިދާޅުވި އެވެ. ވެރިކަން ކުރައްވާފައިވާ ބޭފުޅުންނަށްވެސް ގާނޫނަށް ވުރެ މަތިން ކަންކަން ކުރެވިގެން ނުވާނެ ކަމަށާއި އެހެންނަމަވެސް އެ ބޭފުޅުންނާ މެދު އަމަލުކުރެވެން ވާނީ އާންމު އުސޫލަށް ވުރެ މަތީ މިންގަޑަކުން ކުށް ސާބިތުކޮށްގެން ކަމުގައިވެސް ވިދާޅުވި އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top