ބަޖެޓު 25 ބިލިޔަނަށް ކުޑަކުރަން ޖެހޭ: އޭދަފުށީ ދާއިރާގެ މެންބަރު

large_156036150919nYS8.jpeg

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް- ފޮޓޯ :ސަން އޮންލައިން

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް، 36.9 ބިލިޔަން ރުފިޔާއިން 25 ބިލިޔަން ރުފިޔާއަށް ކުޑަކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ބަޖެޓް ބަހުސްގައި މަޖިލީހުގެ އިދިކޮޅު މެންބަރުންގެ ތެރެއިން އެންމެ ފުރަތަމަވެސް ވާހަކަ ދެއްކެވީ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމްއެވެ. އޭނާ ވިދާޅުވީ ކުރީ ސަރުކާރުގައި ދައުލަތުގެ ދަރަނި އެވްރެޖްކޮށް ހުރީ ހަތަރު ބިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް މި ސަރުކާރުގައި ދަރަނި ހުރީ ގާތްގަނޑަކަށް 14 ބިލިއަން ނުވަތަ 13 ބިލިއަން ރުފިޔާގައި ކަމަށެވެ. އެއީ ވަރަށްބޮޑު ނުރައްކަލެއް ކަމަށށް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ބަޖެޓުގައި ޖަހާފައިވާ އަދަދުތަކާއި މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައި ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ކޮންމެ އަހަރަކުވެސް ފެނިގެންދަނީ ދައުލަތް އެތައް ބިލިޔަނަކުން ދަރަނިވެރި ވަމުންދާ ތަނެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައިވެސް 10 ބިލިޔަން ރުފިޔާއިން ދަރަނިވެރި ވާނެކަމަށް އަންދާޒާ ކުރި ނަމަވެސް އެއަދަދު 14 ބިލިއަނަށް އަރާނެކަމަށް ލަފާ ކުރެވޭކަމަށް ސަލީމް ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަރަށްބޮޑަށް ދަށްވެ ދަރަނީގެ މިންވަރު އިންތިހާއަށް އިތުރުވެފައިވާއިރު، މިހާލަތުގައި މަސައްކަތް ކުރަންޖެހޭނީ ދަރަނި ނަގާ މިންވަރު އިތުރު ނުކޮށް ދަރަނި ކުޑަ ކުރަންކަމަށް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ސަރުކާރުން އަމަލު ކުރާގޮތަށް ކަންކަން ގޮސްފިނަމަ ކުރިއަށް އޮތް ރޯދަމަސް އަންނަ އިރު ތަކެތީގެ އަގު އިންތިހާއަށް އުފުލި ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތި ވެދާނެކަމަށެވެ. މިކަމުގެ ނުރައްކާ ދައުލަތުގެ މަތީފަންތީގައި ތިބި މީހުންނަށް ނުކުރާނެ ކަމަށާއި، މިކަމުގެ އަސަރު ކުރާނީ ނިކަމެތި ދިވެހި ރައްޔިތުންނަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

“މި ލެވެލްއަށް ކަންކަން ދާން ފެށުމުން އަޅުގަނޑުމެން އަމިއްލައަށް ފައިސާގެ އަގު ވައްޓާލާ ޑޮލަރުގެ އަގު 19 އާ 20 އާއި ހިސާބަށް ދިޔައީމަ އަނެއްކާ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ދާނެ،” ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދަރަނި ބޮޑުވަމުން އަންނަ ވަރަކަށް ޑޮލަރުގެ އަގު ބޮޑުވަމުން އަންނާނެ ކަމަށާއި އެއީ ވެސް ވިސްނާލަންޖެހޭ ކަމެއް ކަމަށެވެ.

ސަލީމް ވިދާޅުވީ ރައްޔިތުން މިއަދު އުޅެނީ އަނގަޔާއި އަތާ ދިމާނުވެގެން ކަމަށާއި މިހާލަތުގައި ވެސް މުލިއާގޭގެ އެކިއެކި ހަރަދު ތަކުގެ ގޮތުގައި ދުވާލެއްގެ މައްޗަށް 75 ހާސް ރުފިޔާ ހަރަދުކުރާ ކަމަށެވެ.

ސަލީމް ވިދާޅުވީ ރައްޔިތުން ނުކައިނުބޮއި ތިއްބާ އެންމެ މީހަކަށް އެވަރުގެ ބޮޑު އަދަދެއް ހަރަދު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސް ކުރުމަށް ޖުމުލަ 13.4 ބިލިއަން ރުފިޔާ ހޯދަން ޖެހެއެވެ. އެއީ ބަޖެޓު ޑެފިސިޓްގެ ގޮތުގައި ހިމެނޭ 9.7 ބިލިއަން ރުފިޔާއާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.8 ބިލިއަން ރުފިޔާއާއި އެހެނިހެން ގޮތްގޮތުން ބޭނުންވާ 805 މިލިއަން ރުފިޔާއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top