ލޯބި، އިންޑޮނޭޝިއާ އިން އޭދަފުއްޓަށް !

މިއާ-ކަވަރ-.jpg

(ގައްޔޫމް، ނަސީރު )

މިއީ މި ގަރުނުގައި އޭދަފުށީގައި ހިނގާ ދިޔަ އެންމެ ރީތި ލޯބީގެ ވާހަކައެވެ. ދިވެހިރާއްޖޭގައި ލޯތްބަށްޓަކާ ގުރުބާން ވެ ދިޔަ ދޮންހިޔަލައާއި އަލިފުޅުގެ ވާހަކައިގެ ދެވަނަ ޗެޕްޓަރު ކަމަށް ބަލަމާ ހިނގާށެވެ. ތަފާތަކީ އަލިފުޅާއި ހިޔަލައަކި ލޯބީގެ މިސާލެއްކަމަށް ވިޔަސް ޚިޔާލީ ފަސާނާ އެކެވެ. މަރުވެ ދިޔައީ ކާމިޔާބުގެ އައްސޭރިއާ ހަމައަށް ނާދެވިއެވެ. އެކަމަކު މިއީ ހަގީގީ ހާދިސާއެކެވެ. ދައްތައަށްޓަކާ ކޮއްކޮއެއްގެ ދިރިއުޅުން ގުރުބާން ކޮށްލި އަސަރުގަދަ ލޯބީގެ ވާހަކައެވެ.

އެއީ 1995ވަނަ އަހަރެވެ. އިންޑޮނޭޝިއާގެ ބަނދަރުމަތީ ރަށެއްގެ ކުޑައަވަށެއްގައި ދިރިއުޅޭ ހަސްމިޔާ ނުވަތަ ”މިޔާ” ގެ ކުޑަކުޑަ ދުނިޔޭގައި މާގިނަ އެއްޗެއް ނެތެވެ. ބޭނުން ތަކެއްވެސް ނެތެވެ. ކުރިމަގަށް ކުރެވޭ އުފާވެރި އުއްމީދުތަކެއްވެސް ނެތެވެ. އެއަށްވުރެ އެމީހުންގެ ދުނިޔެ މާކުޑައީއެވެ. އެކަމާ ޚިޔާލުކޮށްލެވޭ ވަރަށް ވުރެ މާ ޅައީއެވެ. ގޭގެ ހަތަރު ފާރުން ބޭރަށް ނުކުމެ އުޅެނީ ކައިރީގައި ހުރި ސްކޫލަށް ދާށެވެ. ދެން ބައެއް ފަހަރު ބައްޕަ މަސައްކަތް ކުރާ ނޫޑްލްސް ފެކްޓަރީއަށް ބައްޕައަށް އެހީތެރި ވުމަށެވެ. ދުވަހު ފުރާގު ނޫން އިތުރު ކަމެއް ބޭނުން ނުވާ މިޔާގެ ކުޑަކުޑަ މި އާއިލާގައި ހިމެނެނީ ބައްޕައާއި މަންމަގެ އިތުރުން ދައްތަ އާއި ބޭބެ އެވެ.

މިޔާ (ހަސްމިޔާ )އަށް، އިބޫ (އިބްރާހީމް ހަސަން) އެންމެ ފުރަތަމަ ފެނުނީ ދައްތަގެ އެކުވެރި ކަމުގައި ގޭތެރެއިންނެވެ. ކުލައާއި އިސްކޮޅުގެ ގޮތުން އަދި ނަސްލީ ގޮތުންވެސް ތަފާތު މި ބީރައްޓެހި، ބޯޓު ދަތުރުކުރާ ޒުވާނާއާއި މިޔާގެ ޒުވާން ދައްތަގެ ގުޅުމަކީ އާދައިގެ ގުޅުމެއް ނޫންކަން އެންމެންނަށް އެނގުނަސް މިޔާ އަށް އެކަން ރޭކާލީ ދުވަސް ތަކެއްގެ ފަހުންނެވެ. މުޅި އާއިލާ އިބޫއާ މެދު ބަހައްޓާ މެހްމާން ދާރީއަކީ އާދައިގެ ގުޅުމަކަށް ވުރެ ފުން އަދި މައުނަވީ ގުޅުމެއް ކަން މިޔާ އަށް އެނގުނީ ދައްތައާއި އިބޫގެ ކައިވެނީގެ ވާހަކަ ގޭތެރޭގައި ދެކެވެމުން ދާން ފެށުމުންނެވެ. އެކަމަކު އޭރު ދައްތައާ އިބޫއާއެކު މަޖާކުރުމާ ސަކަރާތް ގަތުމުގައި މިޔާވެސް ބައިވެރިވެ އުޅޭތީ އެ ދެމެދުގައި ބީރައްޓެހި ކަމެއް ނެތެވެ.

ކައިވެނީގެ ފަހުން ދައްތަ އޭނާގެ ބިދޭސީ ފިރިމީހާއާ އެކު އެހެން ރާއްޖެއަކަށް ދިއުމަކީ މިޔާ އަށް ފުން އަަސަރެއް ކުރުވި ކަމެކެވެ. ވާހަކަވެސް ނާހާ ރާއްޖެއަކަށް، ފަސޭހައިން ނުދެވޭހައި ވެސް ދުރަށް، އޭނާގެ ހުރި ހަމައެކަނި ދައްތަ ދިއުމަކީ ވަރަށް ބޮޑަށް ދެރަވި ކަމެކެވެ. އެހެންނަމަވެސް އަންހެނުންގެ ދެވަނަ ނަމަކީ މަޖްބޫރީ އެވެ. ކޮންމެ އަންހެންކުއްޖަކީވެސް އޭނާގެ އަމިއްލަ ގެ ދޫކޮށްލާފައި ކޮންމެވެސް ދުވަހަކުން ފިރިމީހާގެ ގެއަށް ދާންޖެހޭނެ ބައެކެވެ. އެގޮތުން މިއާވެސް އެއް ދުވަހަކުން މި ގެއާ މަންމައާއި ބައްޕަ ދޫކޮށް ދާން ޖެހޭނެކަން މަންމަ ވިސްނައިދިނެވެ.

ދައްތަގެ ފިރިމީހާ އޭނާ ގޮވައިގެން އައީ އޭނާގެ ރަށް، އޭދަފުއްޓަށެވެ. އޭރަކީ މިހާރުހެން ފަސޭހައިން މުވާސަލާތީ ގުޅުން ގާއިމް ވެފައި އޮތް ދުވަސްވަރަކަށް ނުވާތީ ދައްތައާއި ގުޅުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އަގު ބޮޑު ކަމެކެވެ. އެހެންނަމަވެސް މަދުމަދުން ގުޅައިގެން ހާލު ބަލައެވެ.

ދައްތަ އުޅެނީ އުފަލުގައެވެ. ކައިވެންޏަށް ފަހުގައިވެސް އިބޫ ޅިޔަންބެ އުޅުނީ ބޯޓު ދަތުރު ކުރާށެވެ. ބޯޓު އިންޑޮނޭޝިއާއަށް އަންނަ ކޮންމެ ފަހަރަކު އިބޫ އުޅެނީ އެގޭގައެވެ. ދިރިއުޅުމުގެ ގާފިލާ ދަތުރު ކުރަމުން އައީ މި ގޮތަށެވެ.

ތިން އަހަރު ފަހުން ދައްތަ އޭނާގެ މައިންބަފައިންނާ ބައްދަލު ކޮށްލަން އިންޑޮނޭޝިއާއަށް ދިޔައީ ދެއަހަރުގެ އަންހެން ދަރިފުޅު ނުހާ ވެސް ގޮވައިގެންނެވެ. އެއީ އެމީހުންގެ އުފާވެރި ދިރިއުޅުމުގައި ނިމުމުގެ ސިއްކަ ޖެހުނު ހިސާބެވެ.

“ވީގޮތަކީ ބޮޑުއީދު ދުވަހު ކޭ އެއްޗެއްގެ ފަހުން އަންހެނުންނަށް ހޮޑުލެވި އުނދަގޫ ތަކެއް ވާން ފެށީ. މިޚަބަރު އަހަންނަށް ލިބުނީ ސައުތު އެމެރިކާގައި ހުއްޓާ. އަންހެނުންގެ ގާތަށް އައިއިރުވެސް ވާނުވާ ނޭނގޭ މި ބަލީގައި ޑޮކްޓަރުންގެ ފަރުވާ އަށް ލުޔެއް ނުލިބި އޭނާ ދިޔައީ ވޭން އުފުލަމުން.” އިބޫ ބުންޏެވެ.

އިބޫގެ ޗުއްޓީ ހަމަވެގެން ވަޒީފާއަށް ފުރައިގެން ދިޔައިރުވެސް އޭނާ އުޅެނީ ބަލިވެއެވެ. އޭގެ ތިން މަސް ދުވަސް ފަހުން އެބަލީގައި ދުނިޔެ ދޫކުރީއެވެ.

ކައިވެނީގެ މީރުކަން މުޅިން ނުކެނޑި އޮއްވާ އަނބިމީހާ ދުނިޔެ ދޫކުރުމުން އިބޫ ހަދާނެ ގޮތް ބޮޑުވިއެވެ. އެހެން ނަމަވެސް އެމީހުންގެ ލޯބީގެ ނިޝާނެއްގެ ގޮތުން އިބޫއާ ހަވާލު ކުރި ކުޑަކުޑަ ނުހާ އަކީ ލިބުނު ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެކެވެ.

ނުހާ އާމެދު އިބޫއަށް ވުރެ ބޮޑަށް ވިސްނީ މިޔާ ގެ އާއިލާއިންނެވެ. އެ އާއިލާ ބޭނުންވީ ނުހާ އެމީހުންގެ ބެލުމުގެ ދަށުގައި ބަހައްޓާށެވެ. އެކަމަކު އިބޫއަށް އެގޮތް ގަބޫލު ކުރެވިދާނެ ހެއްޔެވެ؟ އެމީހުންގެ ކައިވެނީގެ ނިޝާން، ދޫކޮށްލާފައި ހުސްއަތާ އެނބުރި ރާއްޖެއަށް ދެވިދާނެ ހެއްޔެވެ؟

މިޚިޔާލުގައި ދެކަފިވެ އިބޫއަށް ދާނެ ދިމާއެއް ނޭނގި ހުއްޓާ މިކަން ހައްލު ކޮށްދިނީ މިޔާގެ އާއިލާއިންނެވެ. އެމީހުންގެ އާދަކާދައާ އެއްގޮތަށް މިޔާ އާއި އިބޫ ކައިވެނި ކުރުވީއެވެ. އެގޮތް އިބޫ ގަބޫލު ކުރީ އޭނާގެ ދަރިފުޅަށް މައެއްގެ ލޯބި ދެވޭނެ ދެވަނަ މީހަކީ އެދަރިފުޅުގެ ބޮޑުދައިތަ މިޔާ ކަމަށް ވާތީއެވެ.

މިޔާ، އިބޫ އާއި ކައިވެނި ކުރީ މިޔާގެ އުމުރުން 18 އަހަރުގައެވެ. ޅިޔަނާ ކައިވެނި ކުރަން މިއާ ގަބޫލުވީ މަޖްބޫރަކުން ނޫނެވެ. އުފަލަކުން ވެސް ނޫނެވެ. އެނޫން ގޮތެއް ނެތީއެވެ. މައިންބަފައިންގެ ނިންމުމެވެ. އޭނާގެ ލޮލުން އެންމެ ކަރުނަ އެންމެ ކަރުނަ ތިއްކަކަށްވެސް އޮހޮރުމުގެ ހުއްދައެއް ނުދީ ހުރިހާ އުފަލެއް މަރުހޫމް ދައްތައަށް ޓަކައި ގުރުބާން ކުރީއެވެ. ކުޑައިރުގެ އެކުވެރިންނާ އޭނާގެ ފަހަތުން ފާރަލަމުން އައި ޒުވާން ކުދިންގެ އާދޭސްތަކާއި އެދުންތަކުގެ ކުރިމަތީގައި ފިސާރި ކެރިގެން ނޫނެކޭ ބުނެފަ އެވެ.

އޭނާގެ ހުރިހާ ކަމެއް ތަގުދިރާ ހަވާލުކޮށްފައި އިބޫއާ އިނދެގެން އައީ އޭދަފުއްޓަށެވެ. އެކަމަކު މިއީ އޭނާ ހީކުރި ކަހަލަ ތަނެއް ނޫނެވެ. އެމީހުންގެ އާދަކާދައާއި ކެއުމާއި އުޅުމާއި ގުޅުންތައް އުޑާ ބިމާހައި ތަފާތު ވެއްޓެކެވެ.

އުނދަގޫވި ކަމަކީ އެއީއެވެ. ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް މައިން ބަފައިންނާއި އެކުވެރިންގެ މަތިން ހަނދާންވެ ދަތްދޮޅިގައި އަތް ވިދި އެކަނިވެރިކަމުގެ އިހުސާސް ތަކުން ލޮލުގައި ހިފެހެއްޓި ކަރުނަތަކަށްވެސް އޮބިއޮންނަ ގޮތެއްނުވިއެވެ.

“އެންމެ އަޖައިބުވީ ރަށުގެ ހިމޭންކަމާ އެއްވަރަށް މީހުންކޮޅު މަދުކަން. އިންޑޮނޭޝިއާގައި ކައިބޮއި އުޅުނު އެއްޗެތި ނުލިބުމަކީވެސް ލިބުނު ހިތާމައެއް. އެކަހަލަ ކެއުމެއް ތައްޔާރު ކުރަން ބޭނުންވާ އެއްޗެއް  ފިހާރަތަކުގައި ވިއްކަން ވެސް ނުހުރޭ. އެހެންވީމާ ކައި އުޅުނީ މުޅިންވެސް ނޫޑުލްސް. ދެން ތަރުކާރީއާ ބިސްގަނޑު. ދެން ރަތްމަސް ލޮނު އަޅާފަ އަވީގައި ބެހެއްޓުމަށް ފަހު ރަނގަޅަށް ސީރާ ވުމުން ތެއްލައިގެން ސަންބޯލް ހަދައިގެން.” ފުރަތަމަ ދުވަސްކޮޅު އުޅެން ޖެހުނު ގޮތުގެ ހަނދާންތައް އާކުރަމުން މިޔާ ކިޔައިދިނެވެ.

ފަހުން ބަނބުކޭލު ތޮއްޓާއި ތޮޅި އަދި ބައެއް ވައްތަރުގެ ފަތްޕިލާވެލިން ސޫޕް ހަދައިގެން ވެސް އިރުކޮއްތު ހަމަޖައްސި އެވެ.

އަނެއް އުނދަގުލަކަށް ދިމާވީ ވާހަކަ ދެއްކުމެވެ. ދިވެހި ބަހާ އިނގިރޭސި ބަސް ނޭނގުމުން ދެން ޖެހުނީ އިޝާރާތުން ވާހަކަ ދައްކާށެވެ. މި ގޮތުން ދައްކާ ވާހަކަ ދޭހަ ކޮށްދެވޭނީ ވެސް ގިނަ ފަހަރު އުނދަގުލުންނެވެ.

މިޔާގެ މި ނުކުޅެދުންތެރިކަމަށް ގޭމީހުންނާ އަވައްޓެރިން އެހީވާން ފެށިއެވެ. ބައިވަރު ވައްތަރުގެ ކާ އެއްޗެތި ގެނެސްދިނެވެ. ދިވެހި ބަހުން ވާހަކަ ދައްކަން ދަސްކޮށް ދެވޭތޯ މަސައްކަތް ފެށިއެވެ. އެހެންވިޔަސް މި ބީރައްޓެހި ދިރިއުޅުމާމެދު ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. މަންމަ އާއި އަމިއްލަ ގައުމު މިސް ވަނީއެވެ. ބޭނުންވީ އެނބުރި އިންޑޮނޭޝިއާ އަށް ދާށެވެ. އިބޫއާ ނުހާ ގޮވައިގެން އެތަނުގައި ދިރިއުޅޭށެވެ.

“އެކަމަކު އެއީ ޚަރަދު ބޮޑު ކަމަކަށް ވެފައި އިބޫ ގަބޫލު ނުވީމާ ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް އޭދަފުށީގައި ދިރިއުޅެން ނިންމީ.” ރީތި ދިވެހި ބަހުން މިޔާ ބުންޏެވެ.

ކުޑަދުވަސް ކޮޅެއް ފަހުން އޭނާއާ އިބޫގެ ފުރަތަމަ ދަރިފުޅުވެސް އުފަންވީއެވެ.

މިޔާ، މަޑުމަޑުން ދިވެހި އާދަތަކަށް ހޭލެވެން ފެށިއެވެ. އަވައްޓެރިން ގެންނަ ފާޑުފާޑުގެ ދިވެހި ކެއުންތައް ކަމުދާން ފެށިއެވެ. އޭގެ ތެރެއިންވެސް ލޮނުމިރުސް ވެގެން ދިޔައީ މިޔާ އަށް މާމީރު އެއްޗަކަށެވެ.

“އެހުރިހާ އެއްޗަކަށްވުރެވެސް އަދިވެސް ދިވެހި ކެއުންތަކުގެ ތެރެއިން އެންމެ މީރީ މާމަ (މައިދައިތަ) ފުނޑައިގެން ކައްކާ މަސް ރިހަ.” މިޔާ ބުންޏެވެ.

މާމަ މީރުކޮށް ކައްކާ ފުނޑިރިހަ އާއި ބަތާ ފިހުނުމަހާ މިހެން ގޮސް ސެޓް ހަމަކޮށް އިބޫމެންގެ އާއިލާ އެއްކޮށް އެއްތަށިމަތީގައ ނިކަން މީރު ކޮށް ކާތަން ބަލަން މިޔާ އަށް ހުރެވެއެވެ. ކެއުމުގެ ސުފުރާ އަކީވެސް އާއިލީ ގުޅުން ބަދަހިކުރުމަށް ހާދަހާ ފައްކާ ތަނެކޭ ހިތަށް އަރައެވެ. މިއާ ގެެ މަންމަ މެން ތައްޔާރުކޮށް އުޅުނު އިންޑޮނޭޝިޔާގެ ތަފާތު މީރު ކެއުންގަނޑުތައް ތައްޔާރުކޮށް މި ސުފުރާއަށް ގެނެސް އިބޫމެން ދަހި ކޮށްލަން ބޭނުންވީ މި މަންޒަރު ބަލަން ހުރެފައެވެ.

އެކަމަށް ބޭނުންވާ އިންގްރީޑިއަންޓްސް ރަށުން ލިބެން ނެތުމުން މާލެއައިސް ސުޕަރމާކެޓްތަކުން އެއްޗެތި ހޯދިއެވެ. މަންމައަށް ފޯނު ކޮށްގެން އިތުރު މައުލޫމާތު ހޯދައިގެން އިންޑޮނޭޝިއާގެ މަޝްހޫރު ނާސި ގޮރޭން އާއި ބާމިގޮރޭންއާއި ފާޑުފާޑުގެ ބަތް ގަނޑާ އިންޑޮނޭޝިއަން ސްޓައިލް ބިރިޔާނީ އޭދަފުއްޓަށް ތައާރަފް ކުރިއެވެ. ފުރަތަމަ ގޭމީހުންގެ ސުފުރާއަށެވެ. އެމީހުންނަށް މީރުވެގެން ވިޔަފާރީގެ ގޮތުގައި ވިއްކަންވެސް ފެށީއެވެ.

އެމަސައްކަތުން ފުދޭ ވަރެއްގެ އާމްދަނީއެއް ވެސް ހޯދިއެވެ. އަހަރަކު އެއް ފަހަރު މަންމަމެންނާ ބައްދަލު ކުރަން އިންޑޮނޭޝިއާއަށް ދާއިރު އޭނާ ކުރާ މަސައްކަތުން ލިބޭ ފައިސާ އަކީވެސް އިބޫގެ އަތުން ކުރަންޖެހޭ ޚަރަދަށް ލިބޭ ލުޔެކެވެ.

އެހެންނަމަވެސް ދެވަނަ ދަރިފުޅު ލިބުމާ ދައްތަގެ ދަރިފުޅާއެކު ތިން ދަރިން ބަލަން ޖެހުމުން އެކަން ހުއްޓާލަން ޖެހުނީއެވެ. އެކަމަކު އޭގެ މާނައަކީ ދަރިން ބެލުމަށް މިޔާ ގޭގައި އިނީއެއް ނޫނެވެ. އޭނާ ގަބޫލު ކުރާ އުސޫލަކީ ދިރިއުޅުމުގެ މާނައަކީ ހުރިހާ ކަމެއްގައިވެސް ދެމަފިރިން އެއްވަރަށް ހިއްސާ ވުމެވެ. އެހެންވެ އާމްދަނީ ހޯދަން ހަމައެކަނި ފިރިމީހާގެ ބޮލަށް ކަނޑާލުމަކީ އިންސާފެއް ނޫނެވެ. ދެމީހުންވެސް މަސައްކަތް ކުރަން ޖެހޭނެއެވެ. ދިރިއުޅުމަކީ އެއީއެވެ. އޭދަފުށީގެ އަންހެނުންނަށް އޭނާ ދައްކައިދިނީ އެނަމޫނާއެވެ. އޭދަފުށީގެ ވައިފެނަށް ދިރުނު ހިސާބުން ފެށިގެން އިންޖީނެއްގެ ސޯބެއް އެނބުރޭހެން އޭނާއައީ މަސައްކަތުގައި އެނބުރެމުންނެވެ. އޭގެ އިތުރުން ރަށުގެ އިޖްތިމާއީ ހަރަކާތްތަކުގައިވެސް މިއާ އަކީ ފާހަގަ ކުރެވޭ ނަމެކެވެ.

މިއާ އޭދަފުއްޓަށް ހިޖުރަ ކުރިތާ މިހާރު 21 އަހަރު ވީއެވެ. ދައްތަގެ ދަރިފުޅު ނުހާ ބޮޑުވެ މާލޭގައި ވަޒީފާ އަދާކުރަނީއެވެ. މިޔާ އަށް ތިން ދަރިން ލިބި އެކުދިންވެސް ބޮޑެތި ވެއްޖެއެވެ. ދޮށީ އަންހެން ދަރިފުޅުގެ އުމުރުން 19 އަހަރެވެ. ދެވަނައަށް ލިބުނު ފިރިހެން ދަރިފުޅުގެ އުމުރުން 16 އަހަރުގައި އޯލެވެލް ނިންމައި އޭލެވެލް އަށް ތައްޔާރު ވަނީއެވެ.ދެން ހުރި 11 އަހަރުގެ ދަރިފުޅު ގްރޭޑް 6 ގައި ކިޔަވަނީއެވެ.

އޭދަފުށީގެ އާބާދީ ކުޑަވެ ދިވެހިންގެ ކެއުން ކަމުނުގޮސް އެކަމާ ހިތްދަތިވެގެން އެނބުރި އިންޑޮނޭޝިއާއަށް ދިރިއުޅުން ބަދަލުކުރަން އުޅުނު މިޔާގެ މިހާރުގެ ޚިޔާލު ހުރީ ކިހިނެއް ހެއްޔެވެ. ފިރިމީހާ ހުރީ ރަނގަޅު ވަޒީފާ އެއްގައެވެ. ދިރިއުޅުން އުފާވެރިއެވެ. މިއާ ބުނަނީ ކީކޭ ހެއްޔެވެ؟

މިޔާ ،ގަސްކާނާ ފިހާރައިގާ، މަސައްކަތުގައި

“އޭދަފުށިގެ މި ދިރިއުޅުން ދޫކޮށްލާފައި އެނބުރި ގައުމަށް ދާހިތެއް މިހާރަކު ނެތް. މިތަނުން އަހަރެންގެ ދުނިޔެ ފެނުނީ. މިތަނުގައި އޮތީ އަހަރެންގެ އާއިލާ އާއި އަވައްޓެރިން. އަހަންނަށް ދިރިއުޅުމާ ލޯބި ދަސްވީ މިރަށުން. އިބޫ އަހަންނަށް ދުނިޔެ ދައްކައިދީފި.” 41 އަހަރުގެ މިއާ ބުނީ މިހެންނެވެ.

 

މިޔާ ބުނީ ދަރިން ބޮޑެތިވިޔަސް ހުރިހާ ކުދިންގެ ކިޔެވުން އަދި މުޅިން ނުނިމޭތީވެ ދިރިއުޅުމަށް އަދިވެސް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތަށް އެންމެ ފަހުން އިތުރުވީ އެގޭ ކައިރީގައި ގްރީން ސްޕޮޓް ނަމުގައި ހިންގަމުންއައި ގަސްކާނާ ފިހާރަ ހިންގުމެވެ. އެތަނުގެ ވެރިމީހާ ހުންނަނީ މާލޭގައެވެ. އޭނާގެ ހިއްސާއަކީ މާލެއިން ތަނަށް ބޭނުންވާ މުދާ ފޮނުވުމެވެ. މިއާގެ ހިއްސާއަކީ ފިހާރަ ހިންގުމެވެ. އީވީގެ ޓީމް މިއާ އާއި ބައްދަލު ކުރަން ދިޔައިރު އޭރުވެސް މިޔާއިނީ ބުރަކޮށް މަސައްކަތުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top