ސްކޫލް ބަންދުގައި ކޮންމެހެން ބޭނުން ދަތުރެއް ނޫނީ ނުކުރަން އެދެފި.

edd4465fcf0339414fb74e8454e8a5cb.jpg

އެޗްޕީއޭއިން މާލޭގައި ކުރިޔަށް ގެންދިޔަ ޑްރިލްގެ ތެރެއިން

ކުރިއަށް އޮތް ސްކޫލު ބަންދުގައި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ލަސްކުރުމަކީ މި ވަގުތަށް އެންމެ ރައްކާތެރި ގޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިހެން ބުނެފައިވަނީ އެތަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ.

މިދުވަސްވަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުުންދާ ކޮވިޑް 19 އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަމާލުވުމަށް އިލްތިމާސްކޮށް އެޗްޕީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ދަތުރަށް ފެށުމުގެ ކުރިން ދަތުރު ކުރާ ގައުމުގައި ބަލީގެ ހާލަތު އޮތްގޮތް ދެނެގަތުމަށް އިލްތިމާސް ކުރާ ކަމަށާއި ބަލި ފެތުރޭ ގައުމުތަކަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޭސްކުރަންޖެހޭ ބަލިތައް ހުންނަ މީހުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މިދުވަސްވަރު ނުކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ސްކޫލްތަކުގެ މިޑްޓާމް ޗުއްޓީ މާދަމާއިން ފެށިގެން މިމަހުގެ 14 އާއި ހަމައަށް ލިބޭއިރު ޓާމް ޓެސްޓަށް ފަހު ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ދަތުރު ކުރެއެވެ.

އެޗްޕީއޭ އިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ސަމާލުވާންވީ ކަންތައްތައްވެސް އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ. އެގޮތުން ދަތުރުމަތީ އުޅޭއިރު ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ މީހުންނާއި ކައިރިވެ ނޫޅުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވެ، ސެނިޓައިޒާ ބޭނުންކުރުމަށާއި ދަތުރުމަތީ އުޅޭއިރު އަބަދުވެސް ހޭންޑް ސެނިޓައިޒާ ގެންގުޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން މޫނާއި ލޮލާއި އަނގައިގައި އަތްލައި ނުހެދުމަށާއި އެއްގަމު މަހާއި ސީފުޑް ރަނގަޅަށް ކައްކައިގެން ކެއުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

އަދި ރާއްޖެއިން ބޭރުގައި އުޅޭއިރު ޖަނަވާރު ވިއްކާ ވެޓް މާކެޓްތަކަށް ނުދިޔުމަށާއި ދަތުރުމަތީ އުޅޭއިރު ހުން އައިސް ރޯގާ ޖެހިއްޖެނަމަ އެ ގައުމެއްގައި މިފަދަ އަލާމާތްތައް ފެންނަ މީހުން ސިއްހީ ހިދުމަތް ހޯދުމަށް އެ ގައުމެއްގެ ސަރުކާރުން އަންގާފައިވާ ގޮތަށް އަމަލުކުރުމަށާއި ދަތުރުކުރާ ގައުމުގެ ސަރުކާރުން ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އަންގާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ދަތުރުކޮށްފައި އެނބުރި ރާއްޖެ އައުމަށްފަހު، ދަތުރުން އަންނަތާ 14 ދުވަސް ތެރޭ ހުންއައިސް ރޯގާ ޖެހިއްޖެނަމަ ގޭގައި މަޑުކުުރުމަށާއި 1676 ހޮޓްލައިން އަށް ގުޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެޗްޕީއޭ އިން ބުނީ ހޮޓްލައިނަށް ގުޅާއިރު ދަތުރުމުގެ މައުލޫމާތު ހިއްސާކުރަން އެދޭ ކަމަށެވެ.

މީގެ އިތުރުން ޗުއްޓީގައި ރާއްޖެތެރެއަށް ދަތުރުކުރާނަމަވެސް ގިނަ ގިނައިން ސައިބޯނި ލައިގެން އަތްދޮވެ، ރޯގާގެ އަލާމާތެއް ފެންނަނަމަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިޔުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top