ގައުމީ ޔުނިވަރސިޓީން 2016 ވަނައަހަރު 6265 ކުދިންނަށް މަތީތައުލީމަށް ކިޔެވުމުގެ ފުރުސަތު

2016term1.jpg

ޖުމްލަ 6265 ކުދިންނަށް މަތީ ތައުލީމަށް ކިޔެވުމުގެ ފުރުސަތާއެކު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ(އެމްއެންޔޫ) އިން 2016 ވަނައަހަރު ޖެނުއަރީގައި ފަށަން ހަމަޖައްސާފައިވާ ކޯސްތަކުގެ ތެރެއިން ތަފާތު ދާއިރާތަކުގެ 192 ކޯސް އިއުލާންކޮށްފިއެވެ.

އެމްއެންޔޫގެ އިއުލާނުގައިވާގޮތުން 6265 ދަރިވަރުންނަށް ޖާގަދިނުމަށް ހަމަޖެހިފައިވާ 2016 ވަނައަހަރުގެ ފުރަތަމަޓާމްގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު މާލެއާއި ކުޅުދުއްފުށީގެ އިތުރުން ލ.ގަން، ގދ.ތިނަދޫ އަދި އައްޑޫސިޓީގައިވާ ޔުނިވަރސިޓީގެ ކެމްޕަހާއި ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގަމުންގެންދާ އައުޓް ރީޗްސެންޓަރުތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.

192 ކޯހުގެ ތެރޭގައި ހިމެނެނީ ފައުންޑޭޝަންލެވެލް، ސެޓްފިކެޓްލެވެލް3، އެޑްވާންސް ސެޓްފިކެޓް،ޑިޕްލޮމާ، އެޑްވާންސް ޑިޕްލޮމާ، ބެޗެލަރޒްޑިގްރީ، މާސްޓަރސް، ޕީއޭސީ، ޕޯސްޓްގްރެޖްއޭޓް ލެވެލްގެ ކޯސްތަކެވެ.

ކޯސްތައްހިމެނޭ ދާއިރާތަކުގެ ޖާގައަށް ބަލާއިރު އާޓްސްގެ ދާއިރާއިން 570، އުނގަންނައިދިނުމުގެ ދާއިރާއިން 1380، އިންޖިނިއަރިން ޓެކްނޮލޮޖީއިން 190،ސިއްހީ ދާއިރާއިން 475، ފަތުރުވެރިކަމުން 630، އިސްލާމީ ތަރުބިއްޔަތުގެ ދާއިރާއިން 510، ސައިންސްގެ ދާއިރާއިން 170، ގާނޫނީ ދާއިރާއިން 140، ވިޔަފާރީގެ ދާއިރާއިން 535، ނިޔަމިކަމުގެ ދާއިރާއިން 120 ޖާގަ ހިމެނެއެވެ.

ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް ބޭނުންވާ އިނގިރޭސި އިމްތިހާނުގެ ފުރަތަމަބުރު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރު ނޮވެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ.
ފުރަތަމަބުރުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 17 ވަނަދުވަހުގެ 2:00ގެ ކުރިން، ދެވަނަބުރުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރުމަހުގެ 12ވަނަދުވަހުގެ 2:00 އާހަމައަށް ހުޅުވާލާފައިވާކަމަށް އެންއެންޔޫގެ އިއުލާނުގައި ވެއެވެ.

ޔުނިވަރސިޓީގެ ދަނާލުތަކުގެ %25 ޚާއްސަކޮށްފައިވަނީ އަލަށް ހޮވާ ދަރިވަރުންނަށެވެ. ދަނާލުން ޖާގަ ހޯދަން ހުށަހެޅުމުގެ ފުރުސަތު ކޯހަށްއެދި ހުށަހަޅާފޯމުގައި އޮންނާނެއެވެ.

މި ކޯސްތަކާ ބެހޭގޮތުން އެމްއެންޔޫއިންވަނީ އަތްމަތީފޮތެއް ނެރެފައެވެ. “މަތީ ތައުލީމާއި މަސައްކަތްތެރިކަމުގެ ކޯސްތަކުގެ އަތްމަތީ ފޮތު”ގެ ނަމުގައި ތައްޔާރުކޮށްފައިވާ މިފޮތުން މައުލޫމާތު ސާފުވާނެއެވެ. މި ފޮތް ޔުނިވަރސިޓީގެ ކެމްޕަސްތަކުންނާ ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިންވެސް ހިލޭ ލިބެން ހުންނާނެކަމަށާ ޔުނިވަރސިޓީގެ ވެބްސައިޓުންނާއި 3345155 ފޯނުންވެސް ކޯސްތަކާބެހޭ މައުލޫމާތު ސާފުކޮށްދޭނެކަމަށް އެމްއެންޔޫގެ އިއުލާނުގައި ވެއެވެ.

ޖެނުއަރީ މަހުފަށާ ކޯސްތަކާ ބެހޭ މައުލޫމާތުދިނުމާއި ކަމާބެހޭގޮތުން މަޝްވަރާ ކުރުމަށް އެމްއެންޔޫއިން ބާއްވާ “ފަހިދުވަސް2015 ” އަންނަ އޮކްޓޯބަރުމަހު އޮންނާނެއެވެ. އެމަހުގެ އެކަކުން ތިނަކަށް ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހައަކަށް ޔުނިވަރސިޓީގެ މަރުކަޒީ އިދާރާގައި އޮންނާނެކަމަށްވެސް އެމްއެންޔޫގެ އިއުލާނުގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top