
އޭދަފުށި ދެކުނުފަރާތު އަތިރިމަތީގައި ބަޔަކު ބަހައްޓާފައިވާ ލަކުޑިތަކެއް. މިފަދަތަކެތި ނެގުމަށް ކައުންސިލުން ވަނީ އާންމުކޮށް އަންގާފައި / އީވީ ފޮޓޯ: ފާރިހް އަހްމަދު ރަޝީދު
އޭދަފުށީ ދެކުނުފަރާތު އަތިރިމަތީ ސަރަހައްދުތަކުގައި ރަށުގެ އާންމުން ބަހައްޓާފައިވާ ތަކެތި ވީހާވެސް އަވަހަކަށް ނަގާނިންމުމަށް އޭދަފުށީ ކައުންސިލުން އާންމު ރައްޔިތުންނަށް އަންގައިފިއެވެ.
މިކަން އެންގުމުގެ ގޮތުން އާންމު އިޢްލާނެއް ބެހެއްޓީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެއިޢްލާންގައިވަނީ އޭދަފުށީގެ ބިންހިއްކުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ލަފާކުރެވޭތީ، ދެކުނުފަރާތުގެ އެކިސަރަހައްދުތަކުގައި އާންމުން ބަހައްޓާފައިވާ ތަކެތި އޭޕްރީލް ފުރަތަމަ ހަފްތާގެ ނިޔަލަށް ނެގުމަށް ކައުންސިލުން އަންގާކަމަށެވެ. ދެކުނުފަރާތު އަތިރިމަތީގައި އާންމުގޮތެއްގައި އާންމުން ބަހައްޓާފައިހުރީ، ގާފުނިފުންޏާ، ލަކުޑިއާ ދަރު އަދި ބާ ދޯނިފަހަރެވެ. މިނޫން ބައެއް ބާވަތްތައްވެސް ހިސާބަކަށް ފެންނަން އެބަހުއްޓެވެ.
އޭދަފުށީ ކައުންސިލުން ބުނީ މިތަކެތި ނަގަން އެންގީ ހިއްކަމުން ދާއިރު ރަށުގެ ގޮނޑުދޮށުން ފެށިގެން އެއްގަމަށް ކޮންމެވެސްވަރަކަށް ވެލިއަޅަންޖެހޭނެތީކަމަށާ، އެކަމުގެ ސަބަބުން އާންމުންގެ އެއްޗަކަށް ގެއްލުމެއް ލިބިދާނެތީކަމަށެވެ. އަދި މިތަކެތި ނުނެގުމުގެ ސަބަބުން ލިބޭ ގެއްލުމަށް ކައުންސިލުން ޒިންމާ ނުވާނެކަމަށްވެސް އިޢްލާންގައިވެއެވެ.
އޭދަފުށީގެ ދެކުނުފަރާތު އަތިރި ސަރަހައްދުގައި އާންމުން ބަހައްޓާފައިވާ މިފަދަ ތަކެތި ނެގުމަށް އޭދަފުށީ ކައުންސިލުން ދޭތެރެ ދޭތެރެއިން އިލްތިމާސް ކުރެއެވެ. އަދި މިއީ މަނާކަމެއްކަމަށްވެސް ކައުންސިލުން ބުނެއެވެ. އެހެންނަމަވެސް މިކަމަށް އާންމުން މާބޮޑު ސަމާލުކަމެއް ދޭތަނެއް ނުފެނެއެވެ.