ބަޖެޓް 2020: ބަނދަރާ، ނަރުދަމާއާ އެކު ކިހާދޫ ރައްޔިތުން ހެއްވާލާނެ – ކައުންސިލްގެ ރައީސް

154126_1ef038ee-d_.jpg

ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް (މ) ރާއްޖޭގެ ނާއިބް ރައީސާއެކު މިއަހަރު ބޭއްވި ބައްދަލުވުމެއްގައި ކިހާދޫގެ މައްސަލަތަކާމެދު މަޝްވަރާ ކުރައްވަނީ / ފޮޓޯ ރައީސް އޮފީސް

އަންނަ އަހަރުގެ ބަޖެޓުގައި ކިހާދޫއަށް ފެނާއި ނަރުދަމާ، އަދި ބަނދަރުގެ މަސައްކަތް ފެށުމަށް ހިމެނިފައިވުމަކީ ކިހާދޫގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ކިހާދޫ ކައުންސިލްގެ ރައީސް އިބްރާހީމް ފަޒީލް ވިދާޅުވެއްޖެއެވެ.

ފަޒީލް މިހެން ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓްގައި ކިހާދޫއަށް ހިމެނިފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން އީވީ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ފަޒީލް ވިދާޅުވީ ނަރުދަމާއާ ފެން އަދި ބަނދަރު މަސައްކަތް ފެށިއްޖެނަމަ ކިހާދޫ ރައްޔިތުންނަށް ހިންދެމިލެވޭނެކަމަށާ، އެއާއެކު ރަށަށް ލިބިގެންދާ ކުރިއެރުން ވަޒަން ކުރެވެން ފަށާނެކަމަށެވެ.

“ކިހާދޫ ފެން ތަޣައްޔަރުފައި މިއޮތީ، ބަނދަރު ފުނޑުފުނޑު ވެފައި އޮންނަތާ ކިތައް އަހަރު، މިކަމާ ގުޅިގެން ޓޫރިޒަމް މިހާ މުއްސަނދި އަތޮޅެއްގައި މިރަށުގައި ގެސްޓްހައުސް ވިޔަފާރި ނުފެށިވެސް މިއޮތީ. އެހެންވީމާ ރައްޔިތުން ހިންދެމިލާ ހިނިތުންވުން ގެންނާނެކަމެއް މިމަޝްރޫއުތައް ފެށިގެން ދިއުމަކީ” ކައުންސިލްގެ ރައީސް ފަޒީލް ވިދާޅުވިއެވެ.

2020 ބަޖެޓްގައި ކިހާދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމަށް ކަނޑައަޅާފައިވަނީ 4.2 މިލިޔަން ރުފިޔާއެވެ. އަދި ބަނދަރު މަރާމާތު ކުރުމަށް އޮޕިޑް ފަންޑުން 29 މިލިޔަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހާ ހަވާލާދީ ކިހާދޫ ކައުންސިލުން ބުނެއެވެ. ފަޒީލް ވިދާޅުވީ މަޝްރޫއުތަކަށް ވާނުވާ ސީދާ ރައީސް އޮފީހުން ގާތުން ބަލާނެކަމަށެވެ.

“މިދިޔަ މަހު ރައީސް އޮފީހުން ވިދާޅުވީ އަންނަމަހު ބަނދަރުގެ މަސައްކަތް ފެށޭވަރަށް ވެހިކަލްތައް އެރުވޭވަރުވާނޭ. ހަމަ ވަރަށް ގާތުން މިދަނީ މޮނީޓަރ ކުރަމުން.”

ކިހާދޫ ބަނދަރަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ކިހާދޫ ރައްޔިތުންނާއި، ސަރުކާރުގެ އެހީއާއި، ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ހަދާފައިވާ ބަދަރެކެވެ. ބަނދަރު ހެދިތާ ގިނަ ދުވަސްތަކެއް ނުވެ 2004 ވަނައަހަރު މުޅިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ކިހާދޫ ބަނދަރަށް ވަނީ ބޮޑެތި ގެއްލުންތައް ވެފައެވެ. އެރަށުގެ މީރު ފެންފަށަލަ ތަޣައްޔަރުވީވެސް ހަމަ ސުނާމީގައި ލިބުނު ގެއްލުންތަކަށްފަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top