ރިސޯޓު މުވައްްޒަފުން ”ނައިޓަށް ރަށަށްދާ“ އިސްލާހު ތަސްދީގު ކޮށްފި.

big_2L8kkSrKqVBrmQKWDXTITx8VK.jpg

ރިސޯޓެއްގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ތަކެއް މުޒާހަރާއެއްގައި - ފޮޓޯ :ޓީމް

ރިސޯޓު ތަކުގައި ވަޒީފާ އަދާ ކުރާ މުވައްޒަފުން ނައިޓަށް ރަށަށް ދެވޭ ގޮތަށް ގާނޫނަށް ހުށައެޅި އިސްލާހު މިއަދު ރައީސުލް ޖުމްހޫރިޔާ ތަސްދީގު ކުރައްވައިފި އެވެ.

މި ބިލް ފާސްކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މި ގާނޫނަށް އަލަށް ގެނެވުުނު އިސްލާހުތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ވަޒީފާގެ އެއްބަސްވުމުގެ ކޮޕީއެއް މުވައްޒަފާއި ހަވާލުކުރުމަށް ލާޒިމުކޮށްފައި ވުމުގެ އިތުރުން މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއި ހަމައަށް އެއްބަސްވުމުގެ ކޮޕީ ހަވާލުނުކޮށްހުރި ފަރާތްތަކުން ވެސް، މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި އެއްބަސްވުމުގެ ކޮޕީ ވަޒީފާ އަދާކުރާ ފަރާތާއި ހަވާލުކޮށް ނިންމަންޖެހެއެވެެ. މީގެ އިތުރުން މަސައްކަތު ގަޑި ނިމުމުން މަސައްކަތްކުރާތަން ދޫކޮށް ދިއުމުގެ ހައްގު މި އިސްލާހުގައި މުވައްޒަފުންނަށް ލިބިދީފައިވެއެވެ.

ވަޒީފާއާއި ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ސަލާމުގެ ޗުއްޓީގެ ގޮތުގައި ބަޔާންކުރާ 30 ދުވަހުގެ ތެރެއިން 15 ދުވަސް، ވިދިވިދިގެން ދެ ދުވަހަށްވުރެ ދިގު ނުވާނެ ގޮތެއްގެ މަތިން މެޑިކަލް ސެޓްފިކެޓަކާއި ނުލައި ސަލާމުގެ ޗުއްޓީގެ ގޮތުގައި ބޭނުންކުރުމުގެ އިޚުތިޔާރުވެސް ދީފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން 10 ޕަސެންޓަށްވުރެ މަދުނޫން އަދަދަކުން “ސާވިސްޗާޖް” ނެގުމަށް ލާޒިމު ކުރުމާއި ސާވިސްޗާޖްގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ދޭނެ ގޮތްތައް ބަޔާންކުރާ މާއްދާތައްވެސް ހިމަނާފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، މި ގާނޫނުގެ ދަށުން ވަޒިފާއާއިބެހޭ ކަންތައްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެ ވަގުތަކުގެ ހަވާލުކުރެވިފައިވާ މިނިސްޓްރީ ހިންގުމާއި ހަވާލުވެ ހުންނެވި މިނިސްޓަރަކު ކަނޑަޅަން ޖެހޭ ކަމަށްވެސް ބުނެފައިވެެއެވެ. އަދި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާއި ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި “މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު” ގެ ނަމުގައި ބޯޑެއް އުފެއްދުމާއި ބޯޑުގެ މަސްއޫލިއްޔަތުތައް ވެސް ހިމަނާފައިވެއެވެ.

ރާއްޖެއަށް އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ވަޒީފާއަދާކުރުމަށް ގެނެވޭނެ އަދަދު ކަނޑައެޅުމާއި، ދިވެހިން ތަމްރީނު ކުރުމަށާއި ވަޒީފާ ދިނުމުގައި އިސްކަން ދިނުމާއި މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ މިންގަނޑާ ބެހޭ މާއްދާތައް ވެސް ވަޒީފާއާއިބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކުގައި ހިމަނާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top