ބ.މާޅޮހު ކައުންސިލް: ބ.އަތޮޅުގެ ނަމޫނާ ރަށުކައުންސިލް

medium_90926.jpg

މާޅޮހު ކައުސިލް މެންބަރުން އެލްޖީއޭގެ ރައީސް އާއި ބައްދަލު ކުރެއްވުން . ފޮޓޯ : އެލްޖީއޭ

ބ. މާޅޮހު ކައުންސިލަކީ ބ.އަތޮޅުގެ ނަމޫނާ ކައުންސިލެވެ. އެއީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ. އެ ނަމޫނާ އެކައުންސިލުންވަނީ ދައްކާފައެވެ. އަތޮޅު ފިޔަވައި މުޅި ރާއްޖެވެސް މިއަދު އަންނަނީ ބ. އަތޮޅު ގައި އޮންނަ ކުޑަކުޑަ މާޅޮސް، ހޯދަމުންދާ ކާމިޔާބުތައް ބަލައިގަނެ އެނަމޫނާގައި ކުރިއަށް ދާން ފަށާފައެވެ. ބައެއްރަށްރަށުގެ ކައުންސިލްތައް ވަނީ ސީދާ މާޅޮހަށް އައިސް އެކައުންސިލުން ކުރިއަށްގެންދާ ތަރައްގީގެ ޕްރޮގްރާމްތައް ބަލައި މައުލޫމާތު ހޯދަމުންނެވެ.

މާޅޮހު ކައުންސިލްގެ މި ކާމިޔާބީގެ ފަހަތުގައިވަނީ ކޮން ކަމެއް ހެއްޔެވެ؟ މީގެ ޖަވާބު ދެއްވީ މާޅޮހުގެ ސިޔާސީ މަގާމެއްގައި ހުންނެވި ވެރިއެކެވެ.

” މާޅޮހު ކައުންސިލްގައި އޮތީ އެމްޑީޕީގެ މެޖޯރިޓީ. އެހެނެއްކަމަކު އެމީހުން ބެލީ ސަރުކާރަށް ޖެއްސުންކުރާކަށް ނޫން. އަދި ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި ސަރުކާރު ބަދުނާމުކުރާކަށްވެސް ނޫން. އޭގެ ބަދަލުގައި އެމީހުން އިސްކުރީ ޕާޓީއަށްވުރެ ގައުމު. ނުވަތަ ރަށް. އެމީހުންބެލީ އެމީހުންގެ ވާޖިބާ އެއްގޮތަށް ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތައް ކޮށްދެވޭތޯ. އެ ގޮތުން މަސައްކަތް ފަށައިގެން ވޭތުވެ ދިޔަ ދެއަހަރުގެ ތެރޭގައި ވަނީ ގިނަ ކަންތައްތަކެއް ކޮށް ރައްޔިތުންގެ އިތުބާރު ހޯދާފަ. ” މިއީ އޭނާގެ ޚިޔާލެވެ.

އެންވަޔަރަން މިނިސްޓްރީގެ އިސް އޮފިޝަލަކު މާޅޮހަށް ތައުރީފު ކުރެއްވީ ކުނި މެނޭޖްކުރުމުގެ ގޮތުން އެރަށް ހޯދާފައިވާ ކުރިއެރުމަށެވެ.  ހިނިތުންވެލައްވަމުން ވިދާޅުވީ މިހާރު އެރަށުގައި ކާޅު ނޫޅޭ ކަމުގައެވެ. ” ކާނެ އެއްޗެއް ނުލިބެންޏާ ކާޅެއް ނޫޅޭނެ ނޫން ހެއްޔެވެ؟ މިވާގޮތަކީ ޑަސް ބިން އުކާލުމާއި ކުނި މެނޭޖް ކުރުމުގެ ކަންތައް ކުރިއަށް ގޮސްފައި އޮތް ވަރުން ކާޅުތަކަށްވެސް އެންމެ ކުޑަމިނުން ޑަސްބިން ހާވާލާނެ ފުރުސަތުވެސް  ނުލިބެނީ. އޭގެ މާނައަކީ އެފަދަ ތަކެތު ކާޅަށް އަތުޖެހުމުގެ ކުރިން އެތަކެތި ބަދަލުވެގެންދަނީ ގަސްކާނާއަށް. އެހެންވީމާ ކާނެ އެއްޗެއް މިހާރު އެއްގޮތަކަށްވެސް ނުލިބެނީ . އަނެއްހެން ބުނާނަމަ ރަށުގައި ކުނިވާ ޒާތުގެ އެއްވެސް އެއްޗެއް ރައްކާތެރިކަމާއެކު ނޫނީ ނުބެހެއްޓުމާއި ވީ އެންމެ އަވަހަކަށް އެފަދަ ތަކެތި ބޭނުންކޮށްގެން ބޭނުންތެރި އެއްޗަކަށް އެކުނިތައް ބަަދަލު ކޮށްލަނީ. ”

އޭނާ ފާހަގަ ކުރެއްވިގޮތުގައި އެރަށުގައި އެންމެ ފުރަތަމަ ވެސް ބެހެއްޓީ ޑަސްބިން ތަކެކެވެ. އެޑަސްބިންތަކަށް ނޫނީ ކުނި ނޭޅުމަށް ރައްޔިތުންގެ ކިބައިން އެދުނީއެވެ. މިއީ އެކަމުގެ ފެށުމެވެ. ރައްޔިތުން އެއަށް ކުނި އެޅުމުން ނުވަތަ ގޭގެ ޑަސްބިންކޮތަޅު އެޅުމުން ރަށުގެ އެކި ތަންތަނުގައި ބަހައްޓާފައި ހުރި ބޮޑެތި ޑަސްބިން ތައް ފުރުމުގެ ކުރިން ޑަސްބިންތައް ނަގައިގެން ގެންގޮސް ކުނި ކޮށްޓަށް ގެންދަނީއެވެ. މިކަމުގައި އެންމެ ފުރަތަމް ހަރަކާތްތެރިވެ ނަމޫނާ ދައްކާފައިވަނީ ކައުންސިލަރުންނެވެ.

އޭނާ ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަަތުގައި މާޅޮހު ރައްޔިތުންނަކީ ހަމަ ލާމަސީލު ބައެއްކަމުގައެވެ.

އުކާލެވޭ ކުނިި ރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތް ދަސްކުރުމަށް ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަމްރީނުކޮށްފައިވަނީ މާޅޮސް އެކަންޏެއް ނޫނެވެ. ހަމަ އެދަތުރުގައި އޭދަފުށީ ކައުންސިލްގެ މެންބަރަކުވެސް ބައިވެރިވިއެވެ. އެހެންނަމަވެސް ކޯސް ނިންމާފައިއައިސް މާޅޮހު ކައުންސިލަރު ބެލީ އޭނާ ތަމްރީނު ހޯދި މަސައްކަތް ކޮށްގެން ރަށުގައި ކުނި ނައްތާލެވޭނެ ނިޒާމް ގާއިމު ކުރުމަށެވެ. އެކނަ ފަށައިގެން މިއަދާ ހަމައަސް އައިއިރު މާޅޮސްވަނީ އެހެން ހުރިހާ ރަށަކަށް ވުރެ މިރޮނގުން މާބޮޑަށް ކުރިއަރައިގެން ގޮސްފައެވެ. އޭދަފުށީ ކައުންސިލުން އަދިވެސް އެއުޅެނީ   ރައްޔިތުންގެ އެކައުންޓުގައި ފުދޭ ވަރަކަށް ފައިސާ ހުރެމެ އެމީހުންނަށް ޕިކަޕެއް ވިއްކާނޭ ފަރާތެއް ނުވެގެން އެންމެ ކުޑަމިނުން ރަށުގެ އެކި ހިސާބުގައި ޑަސްބިންކޮޅެއްވެސް ނުބެހެއްޓިގެންނެވެ.  ދޯންޏެއް ކުއްޔަށް ދޭނެ މީހަކު ނުވެގެން ކުނި އުކާލެވޭނެ ގޮތެއްވެސް ނެތިފައިކަމަށް ކައުންސިލުން ބުނެއެވެ.

އެންމެ ފަހުން އިއްޔެ ފެތުރިގެން ދިޔަ އުފާވެރި ޚަބަރަކީ މާޅޮހު ކައުންސިލްގެ މަސައްކަތްތަކާމެދު ކައުންސިލްތަކުގެ ބެލެނިވެރިފަރާތްކަމުގައިވާ އެލްޖީއޭއިން ހިތްހަމަޖެހުން ފާޅުކުރި ޚަބަރެވެ. އެލްޖީއޭގެ ރައީސް އުމަރުނަސީރު މިހެން ވިދާޅުވެފައިވަނީ އެރަށުކައުންސިލާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

ފާހަގަކޮށްލަން ޖެހޭކަމަކީ މި ބައްދަލުވުމަކީ ސަރުކާރުން އިސް ނަގައިގެން ނުވަތަ ސަރުކާރުގެ ފަރާތުން އިންތިޒާމުކުރި ބައްދަލުވުމެއް ނޫންކަމެވެ. މިއީ މާޅޮހު ކައުންސިލްގެ ފަރާތުން އިސްނަގައިގެން މާޅޮހު ތަރައްގީގެ ޕްލޭންގައިވާ ކަންތައްތައް މިހާރަށްވުރެވެސް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތަކާމެދު އެލްޖީއޭ އާއި މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ. އެރަށުގެ ތަރައްގީގެ ޕްލޭނާއި މާލީ ފުދުންތެރިކަން އިތުރުކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތަފްސީލު ދެއްއްވައި އެހަރަކާތްތަކަށް ފަސޭހައިން ބަޖެޓް ލިބޭނެގޮތް ހައްދަވައިދެއްވުމަށް އެދި ކައުންސިލުގެ އިސް ނެގުމެކެވެ.

އެލްޖީއޭގެ ރައީސް ވަނީ މާޅޮހު ކައުންސިލްގެ މި ހުށަހެޅުންތައް އުފަލާއެކު ބަލައިގެންފައެވެ. އެ ކައުންސިލުން ތަރައްގީއަށް ކުރާ ހުރިހާ ކަމެއްގައިވެސް އެއްބާރުލުން ދެއްވާނޭކަމުގައި ވިދާޅުވެފައެވެ.

މާޅޮހުގެ މި ކުރިއެރުންތަކަކީ ރައްޔިތުންނަށް ޚިދުމަތް ކޮށްދޭން ބޭނުންވާ ކައުންސިލަރުން ތިބުމުގެ ރީތި ނަމޫނާއެކެވެ. މި ނަމޫނާ އެންމެ ފުރަތަމަ ބަލައިގަންނަން ޖެހިފައިވަނީ އޭދަފުށި ނޫންހެއްޔެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top