ޕްރިންސިޕަލަކަށް އެއް ސްކޫލް ގައި ގިނަވެގެން ހުރެވޭނީ 8 އަހަރު.

DSCN9866-1.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން --އީވީ ފައިލް ފޮޓޯ

މީގެ ކުރިން ޕްރިންސިޕަލަކަށް ސްކޫލެއްގައި ކިތަންމެ ދުވަހެއް ވަންދެން ވެސް މަސައްކަތްކުރެވޭ ގޮތަށް ހަމަޖެހިފައި އޮތަސް އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް ގިނަވެގެން ހުރެވޭނީ އަށް އަހަރު ކަމަށް ހަމަޖައްސައި ސްކޫލްތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލް އާންމުކޮށްފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާ މިއުސޫލު މިހާރުވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައެވެ.

އެ އުސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލެއް ހެދީ ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލް ޕްރިންސިޕަލުން އައްޔަން ކުރުމަށެވެ. އޭގެ އިތުރުން އެއް ސްކޫލެއްގައި ދިގު މުއްދަތަކަށް އެއް ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމާއި އާ ހިޔާލުތަކާއި ވިސްނުންތަކަށް ބިނާކޮށް ސްކޫލުތަކުގެ ހިންގުން ހަރުދަނާކުރުމަކީ ވެސް، އުސޫލުގެ ބޭނުމެއް ކަމަށް ބުންޏެވެ.

ޕްރިންސިޕަލުންގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމަކަށްވާއިރު ސްކޫލުތަކަށް ބޭނުންވާ ޕްރިންސިޕަލުން ހޯދަން އިއުލާނު ކުރަންވާނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް ބުނެ އެވެ.

ޕްރިންސިޕަލުންގެ މަގާމަކީ ސީއެސްގެ “ދާއިމީ” ގިންތީގައި ހިމެނޭ މަގާމަކަށްވާތީ އެ މުވައްޒަފުންނާ މެދު ވެސް އަމަލުކުރަންވާނީ އެ ސާވިސްގެ ގަވައިދުގެ ތެރެއިން ދާއިމީ ގިންތީގެ މުވައްޒަފުންނާމެދު އަމަލުކުރާ ގޮތަށެވެ.

ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައަޅާނީ، އުސޫލުގައި ބުނާގޮތުން، އެޑިއުކޭޝަން މިނިސްޓަރުގެ ލަފާގެ މަތިން އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހިމެނޭގޮތަށް އެކުލަވާލާ ފަސް މެމްބަރުންގެ ދާއިމީ ކޮމިޓީއަކުންނެވެ. އެ ކޮމިޓީ އެކުލަވާލަން ޖެހޭނީ ވެސް ޕީއެސް އެވެ.

މިހާތަނަށް އަމަލުކުރަމުން އައިގޮތަށް ބަލާއިރު، ސްކޫލަކަށް ޕްރިންސިޕަލަކު ހޯދަން އިއުލާނުކުރުމަށްފަހު އެ މީހަކާ އިންޓަވިއުކުރާނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕެނަލަކުންނެވެ. އިންޓަވިއުތަކުން ފާސްވެއްޖެނަމަ އެ މީހަކު ޕްރިންސިޕަލްގެ މަގާމަށް ހޮވުނީ އެވެ. އިތުރު ޕެނަލެއް ނުވަތަ ކޮމިޓީއަކުން މަސައްކަތެއް ކުރާކަށް ނުޖެހޭނެ އެވެ.

ޕްރިންސިޕަލްގެ މަގާމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އޮނިގަނޑުގެ ދާއިމީ މަގާމަކަށް ވިއަސް ޕްރިންސިޕަލުން ތިބެން ޖެހޭނީ އެ މަގާމެއްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ ސްކޫލެއްގައި ޓެނުއަޝިޕުގަ އެވެ. އެގޮތަށް ޕްރިންސިޕަލްގެ މަގާމުގައި ތިބޭ މުއްދަތަކީ ހަތަރު އަހަރެވެ. އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން މަސައްކަތްކުރެވޭނީ ވިދިވިދިގެން އަށް އަހަރެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އެ އުސޫލު އާއްމުކުރީ އިއްޔެ ނަމަވެސް އާއްމުކުރި ތާރީހެއް ކަމަށް އެ ލިޔުމުގައި ޖަހާފައިވަނީ ޖެނުއަރީ 16، 2020 އެވެ.

އެ އުސޫލު އާއްމުކުރާ ދުވަހުން ފެށިގެން އެއަށް އަމަލުކުރަންޖެހެ އެވެ. އެއާއެކު ސަރުކާރުގެ ސްކޫލުތަކުގެ އިދާރީީ އޮނިގަނޑުގައި ތިބި ޕްރިންސިޕަލުން އެޑިއުކޭޝަން މިނިސްޓްރީގެ އިދާރީ އޮނިގަނޑަށް ބަދަލުވާނެ އެވެ. އެ ޕްރިންސިޕަލުންނަށް އެއް އަހަރު ދުވަހުގެ ތެރޭގައި ޕްރިންސިޕަލުންގެ ޓެނުއަޝިޕް ހަމަޖައްސައި ނިންމަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޕްރިންސިޕަލުން މަސައްކަތްކުރާނެ ސްކޫލު ކަނޑައެޅުމުގެ އުސޫލާ މެދު ރާއްޖޭގެ ގިނަ ސްކޫލުތަކުގެ ޕްރިންސިޕަލުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ އުސޫލާ ގުޅޭގޮތުން ޕްރިންސިޕަލުންނަށް މައުލޫމާތު ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާކަމަށް ވެސް އެނގިފައި ވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top