ހަވީރު ފަހަކުން ރޭގަނޑު އަށަކަށް, މާލެ ސަރަހައްދުގެ މަގުމަތީގައި އުޅުން މަނާ!

big_i1tnUPZ2LrrcM0s-1024x570.jpg

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5 އިން ރޭގަނޑު 8 އަށް މާލެ ސަރަހައްދުގެ މަގުމަތީގައި އުޅުން މަނާ ކުރަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭ އިން ބުނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ އެ ވަގުތަށް ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހުއްޓާލާނެ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މަގުތަކުގައި އުޅުން މަނާކޮށްފައިވާ ވަގުތުތައް ނޫން އެހެން ވަގުތުތަކުގައި މާލެ ސަރަހައްދުގެ މަގުތަކަށް އެކީގައި ތިން މީހުނަށް ވުރެ ގިނައިން ނުނުކުތުމަށް ވެސް އެޗްޕީއޭއިންވަނީ އަންގަވާފަ އެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ މަގުމަތީގައި އުޅުން މަނާ ކުރި ނަމަވެސް އޭގެ ތެރެއިން އިސްތިސްނާ ވާ ފަރާތްތަކެއް ވެއެވެ.

އެގޮތުން ސަލާމަތީ ބާރުތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރު އާއި، ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު އާއި އެމްބިއުލާންސްގެ އިތުރުން ވެމްކޯގެ މުވައްޒަފުންނާއި އެތަނުގެ އުޅަނދުތައް ހިމެނެ އެވެ.

މީގެ އިތުރުން އުރީދޫ، ދިރާގު، ބޭންކްތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އަޅައިގެން އުޅޭ ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދު ފަހަރަށް ވެސް އެ ވަގުތު މަގުތަކުގައި އުޅެވޭނެ އެވެ. އަދި ދައިލަތުގެ “ޖީ” ބޯޑު ހަރުކޮށްފައިވާ އުޅަނދު ފަހަރުތަކާއި ޑިޕްލޮމެޓިކް އުޅަނދުފަހަރުތަކަށް ވެސް އުޅެވޭނެ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ކޮންމެ މީހަކަށް ވެސް އެ ވަގުތުތަކުގައި މާލޭގެ މަގުތަކުގައި އުޅެވޭނެ އެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ގެ ބަލި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާ އެކު ފެތުރެމުންދާއިރު، ދުނިޔޭގެ ގިނަ ގައުމުތަކުގައި ދަނީ މަގުމަތީގައި ނޫޅެވޭ ގޮތަށް ކާފިއު ހިންގަމުންނެވެ. އަދި އާންމުކޮށް އެއްވެ އުޅޭ ތަންތަން ވަނީ ބަންދުކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top