ދަނޑެއް ލިބިއްޖެ ނަމަ ދެ އަހަރު ތެރޭ ގައުމީ ޓީމަށް ހަތް ކުޅުންތެރިން ނެރެދޭނަން – ވާހިދު

152746_3_aab7e188d0c483a7928d0805eb7ba77cfed45858_medium.jpg

އޭދަފުށީ ފުތްބޯޅަ ލެޖެންޑް އަބްދުލްވާހިދު ހުސައިން. ރަނގަޅު ފެންވަރުގެ ދަނޑެއް އޭދަފުއްޓަށް ލިބިއްޖެނަމަ ގައުމީޓީމަށް ހަތްކުޅުންތެރިން ނެރެވޭނެކަމަށް ބުނި / ފޮޓޯ: މިހާރު

އޭދަފުއްޓަށް ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ލިބިއްޖެނަމަ ދެއަހަރުގެ ތެރޭގައި ގައުމީ ޓީމަށް ހަތްކުޅުންތެރިން ނެރެދޭނަކަމަށް، ފުޓްބޯޅައިން ރާއްޖެއަށް ފުރަތަމަ ރިހިމެޑަލް ހޯދައިދިން އޭދަފުށީގެ ފުޓްބޯޅަ ލެޖެންޑް އަބްދުލްވާހިދު ހުސައިން ބުނެފިއެވެ.

ކޮލަމްބޯގައި 1991 ވަނަ އަހަރު އޮތް ސާފް ގޭމްސްގައި ވާދަކުރި ގައުމީ ޓީމުން ޖާގަ ހޯދި ވާހިދަކީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު އޭދަފުށީ ފުރަތަމަ ކުޅުންތެރިއާ އެވެ. އޭދަފުށީގެ ފުޓްބޯޅައިގެ ކުރިމަގާ ބެހޭގޮތުން “މިހާރު” ނޫހަށް ދިން އިންޓަވިއުއެއްގައި ވާހިދު ބުނީ އޭދަފުށިން ގައުމީ ޓީމަށް ވަރަށްގިނަ ކުޅުންތެރިން ފޯރުކޮށްދީފި ކަމަށާ، ގައިމީ ޓީމަށް އޭދަފުށީން އިތުރު ކުޅުންތެރިން އުފެއްދުމަށް ވަސީލަތްތައް ފުރިހަމަކުރަން ޖެހޭކަމަށެވެ.

“މި ފަސްގަނޑުން އުފަންވި ކުޅުންތެރިން ޓޮޕް ލެވެލުގައި ކުޅެފި. އަދިވެސް އެކަށީގެންވާ ވަސީލަތެއް ނެތް. އައްޑު އަތޮޅު ހިދަތޫގައި 25،000 ގެ އާބާދީއެއް އޮތްއިރު މިދިޔަ 15 އަހަރު ފޯރުކޮށްދެވުނީ ހަތަރު ވަރަކަށް ކުޅުންތެރިން. އެކަމަކު ޓާފް ދަނޑެއް ވެސް އެބައޮތް. މި ރަށުގައި 3000 މީހުންގެ އާބާދީއަކުން ޓޮޕް ލެވެލުގައި އެއް ޓީމު ހެދޭ ވަރަށް ކުޅެފި. ދަނޑެއް ލިބިއްޖެ ނަމަ އެ އަދަދު ދެ ގުނަވާނެ. ދަނޑެއް ލިބިއްޖެ ނަމަ ދެ އަހަރު ތެރޭ ގައުމީ ޓީމަށް ހަތް ކުޅުންތެރިން ނެރެދޭނަން،” ވާހިދު ބުންޏެވެ.

ވާހިދުގެ އިތުރުން މިހާރު ނޫހާ ވާހަކަދެއްކި 1992 ވަނަ އަހަރު އޭދަފުށި ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވިއިރު ޓީމުގެ ކެޕްޓަން އަދި މިހާރު އޭދަފުށީ ފުޓްބޯޅަ ޓީމްގެ މެނޭޖަރ އަބްދުލްމަޖީދު ހަސަންވެސް ވާހިދުގެ ވާހަކަތަކަށް ބާރުލިބޭގޮތަށް ވަނީ ވާހަކަ ދައްކާފައެވެ.

“މި އޮތް ވެލި ދަނޑުގައި ކުޅެގެން ގައުމީ ލެވެލްގައި ގިނަ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިން އެބަތިބި. ދެން ވިސްނާލަބަލަ ރަނގަޅު ދަނޑެއް އޮވެގެން ކިހާ ކުޅުންތެރިއެއް އެ ލެވެލަށް ދާނެތޯ،” މިދިޔަ އަހަރު މިނިވަން ޗެންޕިއަންޝިޕް ޗެންޕިއަންކަން އޭދަފުށި ހޯދިއިރު މެނޭޖަރުގެ މަގާމް ފުރި މަޖީދު ބުންޏެވެ.

މަޖީދުއާއި، ވާހިދު އޭދަފުށީގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއްގެ މުހިއްމު ކަމާމެދު ވާހަކަ ދެއްކިއިރު ރާއްޖޭގެ މިދިޔަ ގަރުނުގެ ފުޓްބޯޅަ ސަހްޝިއްޔަތު ކުޑަމޫސަވެސް މިދިޔަ ހަފްތާގައި ބުނީ އޭދަފުށީގައި ވިނަ ދަނޑެއް ނެތުމުން ހައިރާންވިކަމަށެވެ. އަދި މިއީ ކަމާބެހޭ ފަރާތްތަކުން ވިސްނަންޖެހޭ ކަމެއްކަމަށްވެސް މޫސަ ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top