ކިހާދޫގައި އޮތް މާބަނޑު އަންހެނަކު ޑޮކްޓަރަށް ވިއްސަން ނުކެރުނު ވާހަކަ ދޮގު ކޮށްފި

975689104.jpg

ކިހާދޫ ސިއްހީ މަރުކަޒު --ފޮޓޯ :ކިހާދޫ ލައިވް

މިދިޔަ ބުދަ ދުވަހު ބ.ކިހާދު ސިއްހީ މަރުކަޒުގައި މާބަނޑު އަންހެނަކު އެރަށުގައި ހުންނަ ޑޮކްޓަރަށް ވިއްސަން ނުކެރިގެން ފޫޅުމަޔަކު ލައްްވާ ވިއްސި ވާހަކަ ބ.އަތޮޅު ހޮސްޕިޓަލުން ދޮގުކޮށްފި އެވެ.

ހިތާދޫ އޮންލައިން އިން މި ޚަބަރު ގެނެސްދެމުން މާބަނޑު އަންހެން މީހާގެ ފިރިމީހާއާ ހަވާލާ ދީ ބުނެފައިވަނީ، ޑޮކްޓަރާއި ނަރުހުންނަށް ވިއްސަން ނުކެރިގެން ޑޮކްޓަރުގެ އެދުމުގެ މަތިން ދަރިފުޅު ވިއްސީ ފޫޅުމައެއް ލައްވާ ކަމަށެވެ.

އެކަމަކު މިއީ މިކަން ހިނގާފައިވާ ގޮތް ނޫންކަމަށް ވިދާޅުވެ ބ.އަތޮޅު ހޮސްޕިޓަލުން ވަނީ އެކަން ހިނގައިދިޔަ ގޮތް އޭދަފުށި ވޮއިސްއަށް ކިޔައިދީފަ އެވެ.

ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ މުހައްމަދު ރަޝީދު ވިދާޅުވީ މާބަނޑުމީހާ، ވިހެއުމުގެ އެއްދުވަސް ކުރިން ސްކޭން ކުރިއިރު ދަރިފުޅު އޮތީ އޮންނަންވާ ގޮތަށް ނޫން ކަމަށް ސްކޭނުން ދައްކާތީ ޑޮކްޓަރު ރެކޮމަންޑް ކޮށްފައިވަނީ ބަނޑުގައި ރިއްސަން ފެށުމާއެކު އަވަހަށް މިކޮޅަށް (އަތޮޅު ހޮސްޕިޓަލަށް) އައުމަށެވެ.

“މިދިޔަ ބުދަ ދުވަހުގެ މެންދުރު 12 ޖެހިއިރު އޭނާ ބަނޑުގައި ރިއްސަން ފެށީ. އެކަމަކު ސިއްހީ މަރުކަޒަށް ގެންދިޔައީ އެދުވަހު ފަސްގަޑި ބައިގަ. ޑޮކްޓަރު ލަފާ ދެއްވީ އަތޮޅު ހޮސްޕިޓަލަށް ގެންދަން. އެހެންވެ ފުރަން ތައްޔާރުވެގެން ލޯންޗާ ހަމައަށް އައިއިރު މޫސުން އޮތީ ވަރަށް ގޯސްވެފަ. އެހެންވެ  އަނބުރާލާފަ ދާން ޖެހުނީ. އެހާހިސާބުން ހޮސްޕިޓަލުން ބޮޑު ލޯންޗެއް ހަޔަރ ކޮށްގެން ކިހާދުއަށް ފޮނުވޭތޯ މަސައްކަތް ފެށީ. ނަމަވެސް ކިހާދުއަށް ދެވޭނީ ގަޑިއެއްހާއިރު ފަހުން ކަމަށް ވާތީ، ކިހާދޫ ކައިރީގައި އޮންނަ އަމިއްލަފުށި ރިސޯޓާ ގުޅައިގެން ލޯންޗެއް ހަމަޖެއްސީ. އެލޯންޗު އެރަށަށް ދިޔަތަނާ ނަސީބަކުން އޭނާ ވިހެއީ.” ރަޝީދު ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ އޭނާ ވިހޭއިރު ޑޮކްޓަރާއި ނަރސް އަދި އެބުނާ ފޫޅުމައި ވެސް ގާތުގައި ތިބިކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މައިމީހާ އާއި ތުއްތު ދަރިފުޅުގެ ހާލުވެސް ރަނގަޅެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top