މުބާރިކްގެ ގަލަމުން : ދެން ވާނީ ކިހިނެއް ހެއްޔެވެ؟

DSCN1991.jpg

ބއތމ.ގެ ކުދިންކޮޅެއް މޫދު ހަރަކާތުގައި --އިވީ ފައިލް ފޮޓޯ

މީގެ އަހަރެއްހައި ދުވަސް ކުރިން އަހަރެންގެ ލޮލުން ދުށް މަންޒަރެކެވެ. އޭދަފުށީގެ އަތިރިމަތިން ވިލާތުގެ ދޮން ދެމަފިރިން ކުނި ނަގަނީއެވެ. ފެން ހުސްކޮށްފަ ހުރި ފުޅިއާއި ހުސް ދަޅާ ޕެކެޓާއި ކުނި ކޮތަޅުތަކުން އަހަރެމެންގެ އަތްތަކުން ހަޑިކޮށްފައިވާ ގޮނޑުދޮށް އަހަރެމެންނާ ގުޅުމެއްނެތް ބަޔަކު ސާފު ކުރަނީއެވެ.

އެހެން ދުވަހެކެވެ. ހައުސިންގ މިނިސްޓްރީން އޭދަފުށީގެ މަގުތައް ހަދަމުން ދިޔަ ދުވަސްވަރު މެންދުރުގެ ގަދަ އަވީގައި މަގު ހެދުމުގެމަސައްކަތް ކުރަމުން ދިޔަ ބަަންގާޅީންނަށް ހަމައެކަހަލަ ފަރަންޖީން ތަކެއް ދަޅު ބަހަމުން ގެންދަނީއެވެ.

ހިތަށް އެރިއެވެ. ދީނެއް މިއްލަތެއްނެތް ދޮން ފަރަންޖީންގެވެސް ރަނގަޅު އާދަތަކެއް އެބަގެންގުޅެއެވެ. އަހަރެމެންނަކީ ސައްތައިން ސައްތަ މުސްލިމުންނަށް ވެފައި އަހަރެމެންގެ ދީނުގައި ބާރު އަޅުއްވާފައިވާ  މިފަދަ ކަންކަމަށް އަހަރެމެން މިވަނީ ހާދަ ބޮޑަކަށް އިހުމާލު ވެފައެވެ. އެމީހުން މިހުރިހާ ރީތި އާދަތަކެއް ކޮޕީކޮށްފައިވަނީ މުސްލިމުންގެ ފަރާތުންނެވެ. އަހަރެމެންގެ ކާބަފައިން އުޅުނީ އެގޮތަށެވެ. އެކަމަކު މިހާރަކު މިފަދަ ކަންކަމެއް ނުފެނެއެވެ.

އޭދަފުށީގައި ހިތްހަމަޖެހިލައިގެން މޫދަށް އެރޭ ހިތްވާ ކަހަލަ މޫދެއް ނެތެވެ. އޮތްހާވެސް ތަންކޮޅަކީ ދިރާގުގެ ކައިރީގައި ރަށުގެ ހުޅަނގު އުތުރުގައި އެއޮތް ކުޑަކުޑަ ތަންކޮޅެވެ. ސްކޫލް ކުދިންގެ ފެތުމުގެ އިވެންޓްތަކާ ކަސްރަތުގެ ގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ފަތާލަން ދާން އޮތް ތަންކޮޅަކީވެސް އެއީއެވެ. އެހެންނަމަވެސް އަހަރެމެންގެ ދަރިންނާއި އަހަރެމެން މޫދަށް އެރެން ރަށުގައި އޮތް ހަމަ އެކަނި ތަންކޮޅު ކުނިން ތަޣައްޔަރު ކޮށްލަން ހެޔޮވާނެ ހެއްޔެވެ؟ އާއެކެވެ. އެސަރަހައްދަށް ކުނި އަޅަނީއެވެ. އެކަން ސަމާލުކަން ގެނައުމަށް ކުނިއެޅުން މަނާ ސަރަހައްދެއްކަން އެންގުމަށް ބޯޑު ބެހެއްޓިފައި ހުރެއެވެ.  އެބޯޑު ހުރަސްކޮށް ބައެއް މީހުން މަސްކަނޑާފައި ހުންނަ އެއްޗެތި ވެސް ކޮތަޅަކަށް އަޅާފައި އެ އުކާލަނީ އެންމެންގެ ކުރިމަތީގައެވެ. ބައެއް ފަހަރު ކުޑަކުދިން މޫދަށް އެރި އުޅެނިކޮށް މޫދަށެވެ. ނުވަތަ ތޮށިގަނޑުން ބޭރަށެވެ. ގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނި ކޮތަޅުވެސް އެހިސާބަށެވެ. ކުނިއެޅުން މަނާ ނަންބޯޑު ފެންނަން ހުންނަ އިރު އެކަމަށް ގޮންޖަހާލާފައި އެސަރަހައްދު ހަޑިކޮށްލުމަކީ ތިމާމެންނަށް ލިބޭ އުފަލެއް ކަހަލައެވެ. އެކަމަކު ކުނި އުކާލާ މީހާއަށް ވިސްނާނުލެވެނީ މި ކުނިތައް މޫދަށް އުކާލުމުން މާދަމާ މިތަނަށް އެރުމަށް  އޭނާގެ ދަރިފުޅު އަތުވެދާނެ ކަމެވެ. އާއިލާގެ މީހަކުވެސް އަތުވެދާނެ އެވެ.ފަހަރުގައި މަންމަ ނޫނީ ބައްޕަވެސް އަތުވެދާނެ އެވެ. ދެންވާނީ ކިހިނަކުން ހެއްޔެވެ؟

އަމިއްލަ ދަރިންނާއި އެކި ފުރައިގެ އެންމެން މޫދަށް އެރެންއޮތް ތަންކޮޅު މިގޮތަށް ހަޑިކުރުމަކީ ނާތަހުޒީބީ އަމަލެކެވެ. ރަށުގެ ރީތިކަމަށް ކުރެވޭ މަލާމާތެކެވެ. ވިސްނާލައްވާށެވެ. ކުޑަކުޑަ މި ސަރަހައްދަށް މަސްކަނޑާފައި ހުންނަ ކައްޓާ މަރުވެފައި ހުންނަ މީދަލާ ކުނިވެފައި ހުންނަ ތަކެތި ޖަމާވާ ތަނަކަށް ވެއްޖެނަމަ މޫދަށް އެރިއުޅޭ މީހުންނަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ކުނިއުކާލުމުގެ ހިދުމަތް ރަށު ކައުންސިލުން އެބަދެއެވެ. ޚަރަދުތަކެއް ހިނގާތީވެ ކުޑަކުޑަ އަގަކާއެކުގައެވެ. ޚިދުމަތް ދެމުން ގެންދަން ފެށި އިރު ގިނަބަޔަކު އެޚިދުމަތް ހޯދަން ރަޖިސްޓްރީ ކުރި އެވެ. އެހެންނަމަވެސް ރަޖިސްޓަރީ ކުރި މީހުންގެ ތެރެއިން ވެސް މިހާރު ފައިސާ ނުދައްކާ ގޭގެ އަދަދު މަދެއް ނޫނެވެ. އޭގެ ބަދަލުގައި ކުނި ކޮތަޅު ހިފައިގެން މިދަނީ ކުނި ގޮނޑަށެވެ. އެކަމަކު ކުނި ކޮތަޅު ގޮނޑަށް އުކާލުމުގެ ބަދަލުގައި ފަސޭހަ ގޮތް ފަސޭހަކޮށްލައިގެން ގޮނޑަށް ދާމަގުމަތީގެ ކޮންމެވެސް ތަނަކަށް އުކާލެވިފައި ހުންނަ ތަން އެބަފެނެއެވެ. އެކޮތަޅު އެތަނުގައި ހުރެ ކުނިވެ އޭގެ ސަބަބުން ސަރަހައްދުގައި މެހި ގިނަވެ ރަށު ތެރެއަށް ފެތުރިގެން ދެއެވެ. ދެންވާނީ ކިހިނެއް ހެއްޔެވެ؟

ކުނި އުކާލުމުގެ ނިޒާމެއް އޮތީ ގާއިމް ކުރެވިފައެވެ. އެނިޒާމުގެ ދަށުން ރަށު ކައުންސިލުން ކުނިތައް ބޭރު ކުރާ ގޮތާ އެކަން ހިނގާގޮތުގެ ވާހަކަ ދެއްކުމަކީ މުޅިން އެހެން ވާހަކަ އެކެވެ.. އެނގި ޔަގީންވާ ކަމަކީ  ގޭގެއިން ނަގާ ކުނިތައް އަޅާނީ ކުނި ގޮނޑަށެވެ. ރަށުތެރެއަކަށް ނާޅާނެއެވެ.

މިހާރު ފެންނަ މަންޒަރަކީ އެމީހަކު ދިރިއުޅޭ ހިސާބެއްގެ އަތިރިމައްޗަކީ ނުވަތަ މޫދަކީ ކުނިގޮނޑުކަމުގައި ދައްކަން މަސައްކަތް ކުރާ ތަނެވެ. އެކަމަކު ހޭލުންތެރިކަމާ ތަރައްގީއާ ތަހުޒީބު ވެފައިވާ މުޖްތަމައެއްގެ ބަޔަކު ދިރިއުޅޭ ރަށެއްގައި މިދަރަޖައަށް ކަންތައް ދިއުމަކީ ކިހިނެއް ބަލައިގަނެވޭނެ ކަމެއް ހެއްޔެވެ. ބުނެބަލާށެވެ. މިގޮތަށް ކޮންމެ ކަމެއްގައި އަހަރެމެންގެ ފިޔަވަޅުތައް ފަހަތަށް އެޅޭނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top