ހާލަތަށް ބަލައި ލައިފްޖެކެޓް އެޅުން މަޖުބޫރުކޮށްފި

b_qipSeDlKzBrSPwQRvgOsXePyj.jpg

ކަނޑުދަތުރުކުރާއިރު ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް އެޅުން މަޖްބޫރުކޮށް ކަނޑު އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު އިސްލާހުކޮށް މިއަދު ގެޒެޓް ފިއެވެ.

އެގޮތުން ދިގުމިނުގައި ނުވަ މީޓަރު (30.5 ފޫޓް) ހުންނަ ނުވަތަ އެއަށް ވުރެ ކުދި އުޅަނދު ފަހަރުގައި ދަތުރު ކުރާ އިރު، ފަސިންޖަރުން ލައިފްޖެކެޓް އެޅުވުމަކީ ކެޕްޓަން ކުރަން މަޖުބޫރު ކަމަކަށް ގަވާއިދުގައި ވަނީ ހިމަނާފައެވެ.

ގަވައިދުގައިވާ ގޮތުން, ވަށައިގެން ބަންދު ކުރެވިފައި ހުންނަ އުޅަނދުތަކާއި ނުވަ މީޓަރުން މަތީގެ އުޅަނދުތަކުގައި ލައިފްޖެކްޓް އޮންނަންވާނީ ފަސިންޖަރުންގެ އަތުގަ އެވެ.

އޭގެ އިތުރުން ގަވައިދުގައި ބުނާ ހާލަތެއްގައި ލައިފްޖެކެޓް އަޅާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެކެވެ.

ލައިފްޖެކެޓު އެޅުވުން ކެޕްޓަނަށް ލާޒިމް ކުރާ ހާލަތްތައް

– ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދެއްގައި ދަތުރެއް ފަށާއިރު.

– މޫސުން ގޯސްވުމުގެ ސަބަބުން އެލާޓް ނެރެފައިވާ ސަރަހައްދެއްގައި ދަތުރުކުރާ އިރު (ކޮންމެ ސައިޒެއްގެ އުޅަނދެއްގައި ދަތުރުކުރިޔަސް)

– މޫދު ކުޅިވަރަށް ހާއްސަ އުޅަނދުތަކުގެ ތެރެއިން ނުވަ މީޓަރަށް ވުރެ ކުރު އުޅަނދުތަކުގައި ދަތުރުކުރާއިރު.

މިހާލަތްތަކުގައި ދަތުރުކުރާ އިރު ޕަސިންޖަރުން ލައިފް ޖެކެޓް އެޅުވުމަކީ ކެޕްޓަނަށް ލާާޒިމް ކަމެއްގެ ގޮތުގައި އޮތުުމުގެ އިތުރުން، އަޅާފައި ބާއްވައިގެން ބޭނުންކުރާ ސަފާރީ ފަދަ އުޅަނދުތަކުގައި ތިބޭ މީހުންނަށް ވެސް ފަސޭހައިން އަތުޖެހޭ ގޮތަށް ލައިފް ޖެކެޓް ހުންނަންވާނެ ކަމަށް ގަވާއިދަށް އިތުރުކުރި މާއްދާގައި ވެ އެވެ.

ގަވައިދުގައިވާ ގޮތުން އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭން ވާނެ އެވެ. އަދި ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެންނެވެ.

އަދި ބައެއް ހާލަތްތަކުގައި އުޅަނދުފަހަރު ދަތުރު ކުރުން ވެސް ގަވާއިދުގައި ވަނީ މަނާކޮށްފަ އެވެ. އެގޮތުން, މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ސަރަހައްދެއްގައި، ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެކެވެ.

ނަމަވެސް, ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަޖެންސީ ދަތުރުތައް ކުރުމަށް ހުރަހެއް ނެތް ކަމަށް ގަވައިދުގައިވެ އެވެ.

އުސޫލު ހަރުކަށިކުރި ގަވައިދުގައިވާ ކަންކަމާ ހިލާފުވެއްޖެނަމަ ޖޫރިމަނާ ކުރެވޭނެ ގޮތާއި އަދަދުތައް ވެސް ވަނީ ހިމަނާފަ އެވެ. އޭގެއިތުރުން ގަވައިދުގައި ބުނާ ކަމަކަށް އިހުމާލުވުމާއި، ނުރައްކައުތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން ފަސިންޖަރަކަށް ނުވަތަ ފަޅުވެރިއަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ފޮނުވުމުގެ އިހުތިޔާރު ވެސް ގަވައިދުގައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީއަށް ދީފަ އެވެ.

ލައިފްޖެކެޓް މި މަޖުބޫރުކުރީ މޫސުން ގޯސްވާ ދުވަސްވަރު ކަނޑުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގައި، ބައެއް މީހުން ގެއްލުމާއި ގެނބިގެން މަރުވުމުގެ އެތައް ހާދިސާތަކެއް ހިނގާއިރުވެސް އެކަންކަމާއިމެދު ފިޔަވަޅު ނާޅާކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top