ބ. ދަރަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ.
މި ޚިދުމަތް އެ ރަށުގައި ފައްޓަވައިދެއްވީ އިމިގްރޭޝަންގެ ވަގުތީ ޒިންމާދާރުވެރިޔާ، ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ އަޙްމަދު ވަޙީދު އެވެ.
މި ރަސްމިއްޔާތުގައި ދަރަވަންދޫ ކައުންސިލްގެ ރައީސް ޢަލީ ސަމީޙު އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން ރަށުގެ ރައްޔިތުންނާއި އިމިގްރޭޝަންގެ އޮފިސަރުން ވަނީ ބައިވެރިވެފަ އެވެ.
އިމިގްރޭޝަނުން ވިދާޅުވީ ބ.އަތޮޅުން ޕާސްޕޯޓު ނެގުމަށް ބޭނުންވާ ފަރާތްތަކަށް މިހާރު ”އިމުގާ“ މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް ހުށަހަޅާއިރު “ކަލެކްޝަން ޕޮއިންޓް”ގެ ގޮތުގައި އޭދަފުށީގެ އިތުރުން ދަރަވަންދޫ ޚިޔާރުކުރެެވޭނެ ކަމަށެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، މަރުކަޒީކޮށް ދެމުން ދިޔަ މުހިއްމު ޚިދުމަތްތައް ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ، މަސައްކަތް ކުރަމުންނެވެ. މިގޮތުން އިމިގްރޭޝަންގެ ދަށުން ދޭ ޕާސްޕޯޓާއި، އައިޑީކާޑުގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ކޮންމެ އަތޮޅަކުންވެސް މަދުވެގެން އެއްރަށުގައި މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.
ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމަށް އަތޮޅުތަކުގެ ރައްޔިތުން އަންނަނީ، ބޮޑު ހޭދައެއް ކޮށް މާލެއަށް ދަތުރު ކުރަމުންނެވެ. މިޚިދުމަތް ރަށްރަށުން ލިބެން ފެށުމާއެކު މާލީގޮތުން ރައްޔިތުން އުފުލަމުން ދިޔަ ބޮޑު ބުރައަކަށް ނިމުމެއް އަންނާނެ އެވެ.






