ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލު ކުރަނީ

riffath-1.jpeg

ދިވެހިރާއްޖޭގެ ކައުންސިލްތަކުގެ ދައުރުގެ މުއްދަތު ފަސް އަހަރަށް ބަދަލުކުރުމަށް ހުށައަޅައިފިއެވެ.

މި ބަދަލު ގެނައުމަށް ހުށަހަޅާފައިވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ފޮނުއްވި ގާނޫނުއަސާސީ އަށާއި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން އޭޖީ އޮފީހުން އެކުލަވާލާފައިވާ ބިލުގަ އެވެ.

މިވަގުތު ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން އެކުލަވާލި މި ބިލް މިހާރު ވަނީ ރައީސް އޮފީހަށް ފޮނުވާފައެވެ. އެ ބިލްގައިވާ ގޮތުން ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރުމުގެ އިތުރުން ބޮޑެތި ބާރުތަކެއް ވެސް ކައުންސިލްތަކަށް ދޭން ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި ބިލްގައިވަނީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން ރައްޔިތުންގެ ސިއްރު ވޯޓަކުން ހޮވުމަށް ހިމަނާފައެވެ. ހަމައެހެންމެ އަތޮޅު ކައުންސިލްތަކުގައި ހުރިހާ ރަށެއް ތަމްސީލްކުރެވި، ބައިވެރިވުން އޮންނަ ގޮތަށް ހެދުމަށްޓަކައި އަތޮޅު ކައުންސިލްގައި ތިބޭނީ ރަށު ކައުންސިލްތަކުގެ ރައީސުންކަމަށްވެސް ވަނީ ކަނޑައަޅާފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ހާމަ ކުރި ގޮތުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދިނުމެވެ.

މި ބިލުން ކައުންސިލްތަކަށް ލިބިދޭނެ އެންމެ ބޮޑު ބާރަކީ ކައުންސިލްތަކަށް މާލީ ބާރުވެރިކަން ދިނުމެވެ. އެގޮތުން ކައުންސިލްތަކަށް ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ ފައިސާ ދޭން ބިލުގައި ހިމަނާފައިވާއިރު ކައުންސިލްތަކުގެ އިހްތިސާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ 40 ޕަސެންޓަށް ވާ އަދަދު ފައިސާ، ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖައްސާނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުންކަމަށްވެސް އޭޖީ އޮފީހުން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top