އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 4

albaqarah-6-7-fiabqr.jpg

ޢަބްދުލް ޣަފޫރު ޢަބްދުއްރަޙީމު ގ.މަންޒިލް

(4 އޮކްޓޯބަރާ ގުޅޭ)  މިފަދަ މީހުން، އެއްވެސް ހައްގަކާ ނުލައި މީހުން މެރިއެވެ. މިފަދަ ބައެއް މީހުންނަކީ އެމީހުން ކުރި ކުށްތަކާ އެއްވަރުގެ އަދަބު ދުނިޔެމަތީގައި ލިބުނު ބައެކޭ ނުބުނެވޭނެއެވެ. އެތައް ސަތޭކަ މީހުން މެރި މީހަކު، ވިއްސަކަށް އަހަރު ޖަލުގައި ހޭދަކޮށްލުން އެއީ އަދުލު އިންސާފު ކަމުގައި ބެލެވިދާނެތޯއެވެ؟ އަދި، މީގެ އިތުރުން، އެފަދަ މީސްމީހުންގެ އަތުން މަރުވެ ދިޔަ މީހުންގެ ހައްގު ކޮބައިތޯއެވެ؟ އެމީހުންގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި ވަކިވާން ޖެހުމާއި، އެމީހުންނަށް ދުނިޔޭގައި ލިބެންއޮތް ހައްގުތައް ކޮބައިތޯއެވެ؟ އާޚިރަތް ދުވަސް ނެތްނަމަ، ރިޗާރޑް ކުކްކިލިންސްކީ ފަދަ ގާތިލުން އެމީހުންގެ ޖަރީމާތަކަށް މަސްއޫލުވާންޖެހި، އެޖަރީމާތަކުގެ ހަގީގީ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ. އަދި، އެމީހުންގެ އަނިޔާ ލިބުނު މީހުންގެ ހައްގުތައް ހޯދޭނޭ ގޮތެއްވެސް ނޯންނާނެއެވެ. އެހެން ވެއްޖެނަމަ، ދުނިޔެވީ ހަޔާތް ވެގެން ދާނީ އެމީހަކު ހިތުހުރި ގޮތަކަށް ކަންތައްތައް ކުރަން އޮތް ތަނަކަށެވެ. ތިމާގެ އަމިއްލަ ފައިދާއަށްޓަކައި، ދުނިޔަވީ ގާނޫނަށް ފިލެއް އޮތް ހިނދެއްގައި، ކޮންމެ ފަދަ ޖަރީމާއެއް ވެސް ކުރަން ޖެހެލުންވާންވީ ސަބަބެއް ނެތެވެ. މިއީ ކީރިތި ޤުރްއާން ދެކޭ ގޮތުގައި ބުއްދި ގަބޫލުކުރާނޭ ގޮތެއް ނޫނެވެ. މީހުންގެ ހައްގުތައް ލިބިދިނުމަށާއި މީހުންކުރި ނުރަނގަޅު ކަންކަމުގެ ހައްގު އަދަބު ލިބުމަށް އާޚިރަތް ދުވަހެއް އޮންނަން ޖެހެއެވެ.

ތިންވަނަ ސަބަބަކީ ދުނިޔޭގައި އެކަންކަމުގެ ހަގީގަތް ދެނެގަންނަށް ބޭނުންވާ އެތައް އެތައް ކަމެއް ވެއެވެ. ކީރިތި ޤުރްއާނުގައި ގެނެސް ދެވިފައިވާ އެއް މިސާލު ލިޔެލާނަމެވެ. މީސްތަކުން، ސަލާމް ލެއްވި އީސާގެފާނުގެ ހަގީގަތާއި ބެހޭގޮތުން ތަފާތު ވާހަކަ ދައްކައެވެ. އެއްބަޔަކު ދެކެނީ އީސާގެފާނަކީ އިލާހެއް ކަމެވެ. އެމީހުންގެ އިލާހީ ތަސައްވުރުގައި މާތްﷲއީ ތިންކައުވަންތަ ކަލެކެވެ. އެމީހުން ދެކޭގޮތުގައި އެކަލާނގެ ޒާތުފުޅުގައި ތިންބައި ހިމެނެއެވެ. މީގެ ތެރެއިން އެއްބައަކީ އީސާގެފާނެވެ. އެމީހުން ދެކޭ ގޮތުގައި މިބައި މާތްﷲގެ ޒާތުފުޅުން ފިސާލުވެ، ވަކިވެ، މަރިޔަމްގެފާނު މެދުވެރިކޮށް، އިންސާނީ ސިފަ ލިބިގެން ދުނިޔެއަށް އުފަންވީއެވެ. އަނެއްބަޔަކު ދެކެނީ އެއީ މަރިޔަމްގެފާނާއި ކޮންމެވެސް މީހަކު، ކައިވެނީގެ ބޭރުން ގުޅުން ހިންގުމުގެ ސަބަބުން، ލިބިވަޑައިގެއް ދަރިކަލެއްގެ ކަމެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވަނީ އީސާގެފާނުގެ މިސާލަކީ އާދަމްގެފާނުގެ މިސާލެވެ. މައިކަނބަލަކާއި ބަފައިކަލަކާއި ނުލައި އާދަމްގެފާނު ހެއްދެވުނު ފަދައިން، ބަފައިކަލަކާއި ނުލައި އީސާގެފާނު ހެއްދެވުނު ކަމެވެ. މިއީ ކަމުގެ ހަގީގަތްކަން، އާޚިރަތް ދުވަހުން އެނގޭނޭކަން، ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައިވެއެވެ.

އަދި މީގެ އިތުރުން ވެސް، އަޅުގަނޑުމެން އެކަންކަމުގެ ޖަވާބު ލިބިގަންނަން ބޭނުންވާ އެތައްކަމެއް ވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގެއްލޭ މީހުންނާއި، މަރާލެވި، އެމީހުންގެ ގާތިލަކީ ނުވަތަ ގާތިލުންނަކީ ކޮބައިކަން ނޭނގޭ މީހުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ބައެއްކަހަލަ ކަންތައްތައް ހިނގާ ގޮތުގެ ސިއްރެވެ. މިސާލަކަށް، އެއްބަޔަކު ދުނިޔެއަށް އުފަންވަނީ ސަމައްތަރު ހެޔޮހާލު، ފުރިހަމަ ގޮތުގައެވެ. އަނެއް ބަޔަކު، ނުކުޅެދޭ ހާލުގައެވެ. އެއްބަޔަކަށް ފުރިހަމަ ސިއްހަތަކާއި ދުޅަހެޔޮކަން ލިބިފައި ވެއެވެ. އަނެއް ބަޔަކު ދުނިޔޭގައި އުޅެން ޖެހެނީ ބަލިހާލުގައެވެ. އެއްބަޔަކު ދުނިޔޭގައި ތަނަވަސްކަންމަތީ އުޅެއެވެ. އަނެއްބަޔަކު އުޅެން ޖެހެނީ ފަގީރުކަންމަތީ ދަތި ހާލުގައެވެ. އެއްބައި މީހުން ދުނިޔޭގައި ދިގު އުމުރެއް ވޭތު ކުރެއެވެ. އަނެއް ބަޔަކު ދުނިޔޭގައި އުޅެނީ ކުޑަ ދުވަސް ކޮޅަކު ނުވަތަ މަދު އަހަރުކޮޅަކުއެވެ. މިހެން ކަންތައްތައް ވުމަކީ ތަބީއީ ކަމެކޭ ބުނެ ނިންމާލެވިދާނެ ބާވައެވެ؟ މިކަމުގައިވެސް ސިއްރެއް ވާނޭ ކަމާއި، މިކަމުގެ ހަގީގަތް އެނގޭނޭ ދުވަހެއް އޮންނަން ޖެހޭނޭ ކަމަށް ފެނެއެވެ. ކަހަފު ސޫރަތުގައި މިފަދަކަންކަމުގެ ސިއްރެއްވާނޭކަމާއި، އަދި ފަހުން އެކަންކަން އެނގޭނޭކަމަށް އިޝާރަތް ކުރެވިފައި ވެއެވެ. މީގެ ތަފްސީލު މިވާހަކަތަކާއި ގުޅޭ އާޔަތްތަކާއި އެކު، އިރާދަ ކުރެއްވިއްޔާ ގެނެސް ދެވޭނެއެވެ. މިކަންކަމަށް އިޝާރަތް ކުރެވި، ޙައްޖު ސޫރަތުގެ 17 ވަނަ އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. “ހަމަ ކަށަވަރުން، އީމާން ވި މީހުންނާއި (އެބަހީ، މުސްލިމުންނާއި) ޔަހޫދީންނާއި ސާބިއީންނާއި ނަސާރާއިންނާއި މަޖޫސީންނާއި މުޝްރިކުން، މިއެންމެންގެ މެދުގައި، ޤިޔާމަތް ދުވަހުން، ފައިސަލާ ކުރައްވައި، (އެމީހުންގެ މެދުގައި ޚިޔާލުތަފާތުވީ މައްސަލަތަކާއި ބެހޭ ގޮތުން ރަނގަޅު ސައްހަ ގޮތަކީ ކޮބައިކަން)  މާތްﷲ ނިޔާ ކަނޑައަޅުއްވާ ނެތެވެ. ހަމަކަށަވަރުން، ހުރިހާ ކަމަކަށް، މާތްﷲ ހެކިވެ ވޮޑިގެން ވެއެވެ.”

އާދެ، މިދެންނެވި ސަބަބުތަކަށް ޓަކައި، އާޚިރަތް ދުވަހަކީ ކޮންމެހެންވެސް އަންނަން ޖެހޭނޭ ދުވަހެއްކަން، ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައި ވެއެވެ. މީސްތަކުން ހެޔޮމަގަށް އެޅުވުމަށް ބާރު އެޅުވުމުގެ ގޮތުންނެވެ. އަޅުގަނޑުމެންގެ ވުޖޫދު ގުޅިފައިވަނީ ހަމައެކަނި ދުނިޔެއާއި އަދި ދުނިޔަވީ ހަޔާތާއި ނޫންކަމާއި، އާޚިރަތް ދުވަހަކާއި އަދި އުޚުރަވީ ހަޔާތެއް ވާކަމާއި، އިންސާނާގެ ދުނިޔެވީ އަމަލުތަކާ މެދު އެދުވަހުން މަސްއޫލުވާން ޖެހޭނޭކަން ހިތުގެ އަޑިން ގަބޫލު ކުރެވިއްޖެނަމަ، އޭނާގެ އުޅުން އިސްލާހުކުރުމަށް ބާރު އަޅައި އެހީވެދޭނެތީއެވެ. މިސަބަބަށްޓަކައި، ކީރިތި ޤުރްއާނުގެ ސޫރަތްތަކުގައި އާޚިރަތުގެ ވާހަކަތައް ގެނެސް، އެދުވަސް ލޮލަށް ފެންނަ ކަހަލަ ގޮތަކަށް ސިފަކޮށްދީ ބަޔާންކުރެވިފައިވެއެވެ. ތަޤުވާވެރި މުއުމިނުންނަކީ މިކަން، އާޚިރަތްދުވަސް އަންނާނޭކަން، ހިތުގެ އަޑިން ގަބޫލުކޮށް، ކަށަވަރު ކުރާ ބައެއް ކަމުގައި، އަޅުގަނޑުމެން އަލްބަޤަރާ ސޫރަތުގެ އެއާޔަތުގެ މާނައާއި މެދު ވިސްނަމުން ދާ މި އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. އާދެ، وبالآخرة هم يوقنون، އާޚިރަތް ދުވަސް (އަންނާނޭކަމާއި މެދު) ތަޤުވާވެރި މުއުމިނުން ކަށަވަރުކޮށް ޔަޤީންކުރެއެވެ.

ތަޤުވާވެރި މުއުމިނުންގެ މުހިއްމު ބައެއް ސިފަތައް ބަޔާންކޮށް ދިނުމަށްފަހު، މިބައި ނިންމާލެވިފައިވަނީ، އެމީހުންނަށް، އިލާހީ ހިތްވަރާއި ބިޝާރާ، އުފާވެރި ޚަބަރު، ދެމުންނެވެ. ދުނިޔަވީ ހަޔާތް އެމީހުން ވޭތު ކުރަމުން ގެންދަނީ ރަނގަޅުގޮތުގައި ކަމާއި އަދި އާޚިރަތް ދުވަހުން އެމީހުންނަށް ކާމިޔާބު ލިބޭނޭކަން ބަޔާން ކުރަމުންނެވެ. أولئك على هدى من ربهم وألئك هم المفلحون، ‘އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ ދެއްކެވި ތެދު މަގުގައި ތިބި ބަޔަކީ އެމީހުންނެވެ. އަދި ކާމިޔާބީ ލިބޭނޭ މީހުންނަކީ ވެސް ހަމަ އެމީހުންނެވެ’. މިއާޔަތުގެ ހިޔަލުގައި ހިނދުކޮޅެއް ހޭދަކޮށްލަމާތޯ އެވެ.

أولئك ‘އެއީ’ މިލަފްޒަކީ އަރަބި ބަހުގައި ގިނަ ބަޔަކަށް އިޝާރަތްކުރުމަށް ބޭނުންކުރެވޭ ނަމެކެވެ. މިއާޔަތުގައި މިލަފްޒުން އިޝާރަތް ކުރަނީ ދެވަނަ އާޔަތުގައި ނަންގަނެވިފައިވާ، އަދި ދެން އޮތް ދެއާޔަތުގައި އެމީހުންގެ ސިފަތައް ބަޔާންކޮށް ދެވިފައިވާ، ތަޤުވާވެރި މުއުމިނުންނަށެވެ. މިއާޔަތުގައި ބަޔާން ކުރެވިފައިވަނީ އެމީހުންތިބީ މާތްﷲ ދެއްކެވި ހިދާޔަތުގެ މަގުގައި ކަމެވެ. އާދެ، އެމީހުން ތިބީ އެކަލާނގެ ދެއްކެވި ތެދުމަގުގައި ފައިތަލަ ސާބިތުކޮށްގެން ކަމެވެ. އެމީހުން ފާހަގަކުރެވޭނޭ ވަކި ކަހަލަ ސިފަތަކެއް އެމީހުންގެ ކިބައިގައި ވެއެވެ. ދެވަނަ އާޔަތާއި ތިންވަނަ އާޔަތުގައި ބަޔާން ކުރެވިފައިވާ ސިފަތަކެވެ. ޣައިބަށް އީމާންވުމާއި ނަމާދު ޤާއިމު ކުރުމާއި، ލިބިފައިވާ ރިޒުގަކުން އެހެން މީހުންނަށް ހޭދަކުރުމާއި، ކީރިތި ޤުރްއާނަށާއި އަދި އެފޮތުގެ ކުރީންވެސް ބާވާލެއްވުނު ފޮތްތަކަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، މިސިފަތަކެވެ. މި ކަމުން، އާދެ، އެމީހުން އެތިބީ ތެދު މަގުގައިކަން ކަނޑައަޅާލެވި ފާހަގަކޮށް ދެވިފައި ވުމުން، ޝައްކެއްނެތް ގޮތުގައި، އެމަގުގައި ތިބުމަށް މުއުމިނުނަށް ހިތްވަރާއި ބާރު ލިބެއެވެ.

މިއާޔަތުގައި މިނަންގެނުވުނު އިލާހީ ހިތްވަރު ދިނުމުގެ އިތުރުން، ތަޤުވާވެރި މުއުމިނުންނަށް ބިޝާރާއެއް ވެސް ދެވިފައިވެ އެވެ. އާދެ، އެމީހުންނަކީ ‘ފަލާހު’، ކާމިޔާބު، ލިބިގެންވާ މީހުންނެވެ. ދުނިޔަވީ ހަޔާތުގެ ވަރުގަދަ އިމްތިހާނުން ފާސްވެ، އާޚިރަތް ދުވަހުން، އިނާމު ލިބޭނޭ މީހުންނަކީ އެމީހުންނެވެ. އާޚިރަތް ދުވަހު، ދިންނެވުން ލިބުމުގެ އިނާމެވެ. ނަރަކައިގެ ވޭނާއި އަޒާބުން މިންޖުވެ، ސަވާބައި ދަރުމަ ލިބޭނޭ މީހުންނަކީ އެމީހުންނަށް ވާނޭތީއެވެ. އެމީހުންގެ ދުނިޔަވީ ހަޔާތް ހެޔޮގޮތުގައި ވޭތުކޮށްލުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންވެ، އާޚިރަތް ދުވަހުން، އެމީހުން، ބިރުގަނެ، ޖެހިލުންވާންވީ ކަމެއް ނޯންނާނެއެވެ. މާތްﷲގެ ރުހުމާއި އަދި، އެކަލާނގެ ސަވާބާއި ނިއުމަތް، އައްތީނު ސޫރަތުގައި ބަޔާން ކުރެވިފައިވާ ފަދައިން (فلهم أجر غير ممنون) މެދުކެނޑުމެއް ނެތި އެމީހުންނަށް ލިބޭނޭ ތީއެވެ.

އާދެ، މިހިސާބުން އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސްއާޔަތުގެ ތަފްސީރު ނިމުނީއެވެ. ނިންމާލުމުގެ ގޮތުން، މިބައިގެ ކުރު ޚުލާސާއެއް ލިޔެލާނަމެވެ. މިބައި ފެށުނީ ވަކިކުރެވިފައިވާ އަކުރަތަކުގެ ތެރެއިން ތިން އަކުރަކުންނެވެ. އަލިފް ލާމް މީމް، މިތިން އަކުރުންނެވެ. އެއަށްފަހު، ކީރިތި ޤުރްއާނުގެ މައުޟޫއަކީ އިލާހީ ހިދާޔަތުގެ މަގު ބަޔާން ކޮށް ދިނުންކަން ކަނޑައަޅާލެވުނެވެ. އަދި، މިހިދާޔަތުން، ތެދުމަގުން، ފައިދާ ކުރާނީ ތަޤުވާވެރި މުއިނުންނަށްކަމުގައި ބަޔާން ކުރެވުނެވެ. ދެން، މިފަދަ މުއުމިނުންގެ ބައެއް ސިފަތައް ބަޔާންކޮށްދެވުނެވެ. އޭގެ ތެރޭގައި، ޣައިބަށް، އީމާންވުމާއި، ނަމާދު ގާއިމުކުރުމާއި އެހެން މީހުންނަށް، ވީވަރަކުން، އެހީތެރިވުމާއި، ކީރިތި ޤުރުއާނާއި އަދި އެހެން އިލާހީ ފޮތްތަކަކީ ވެސް މާތްﷲ ބާވާލެއްވި ފޮތްތަކެއްކަމަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުން ހިމެނެއެވެ.

މިބައިގައި، އިސްލާމް ދީނުގެ އަގީދާ އާއި ބެހޭ ބައެއް މުހިއްމު އަސާސުތައް ބަޔާންކުރެވި ނުވަތަ އެކަމަށް އިޝާރަތް ކުރެވިފައި ވެއެވެ. އެންމެ ފުރަތަމަ މާތްﷲއަށާއި މަލާއިކަތް ބޭކަލުންނަށް އީމާންވުމެވެ. މިކަން، ޣައިބަށް އީމާން ވުމުގެ ތެރޭގައި ހިމެނެއެވެ. ދެން ފޮތްތަކަށް އީމާން ވުމެވެ. މިކަމުގެ ތެރޭގައި ރަސޫލުބޭކަލުންނަށް އީމާންވުން ހިމެނެއެވެ. ތިންވަނައަށް، އާޚިރަތް ދުވަހަށް އީމާންވުމެވެ. އީމާން ކަމުގެ ބައެއް އަސާސީ ކަންތައްތަކުގެ އިތުރުން، މިބައިގައި އިސްލާމް ދީނުގެ ދީނީ ބައެއް ރުކުންތައް ވެސް ބަޔާން ކުރެވިފައި ވެއެވެ. ނަމާދު ކުރުމާއި ޒަކާތް ދިނުން ފަދަ ރުކުންތަކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top