ކޮލަމް ސާންޑް: އޭދަފުށީ ތީސްމާރުޚާން

20190430_170255.jpg

އޭދަފުށީ އަރާއިރު، އަހްމަދު އިސްމާއީލް އޭދަފުށީ ވޮއިސްއަށް އިންޓަވިއު ދެނީ / އީވީ ފޮޓޯ: ޝާހިރު އަހްމަދު

ތީސްމާރްޚާނަކީ އަހަރެމެން ކުޑައިރު ކިޔައިއުޅޭ ވާހަކައެއްގެ ބަތަލެވެ. ވަރުގަދަ ފަހުލަވާނެކެވެ. ވަރުގަދަވެގެން ނޫންނަމަ ހަތް ފުރާނަ އެއްފަހަރާ ދުއްވާނުލެވެނެތާއެވެ! އެންމެ ފަހުން ވާހަކަ ނިމޭ އިރު އެންމެ މަޖަލީ އެބުނާ ހަތް ފުރާނަ އެއްފަހަރާ ދުއްވާލާފައިވަނީ އިލޮށި ފައްޗަކުން ޖަހާފައި ހަތް މެހި އެއް ފަހަރުން މަރާލައިގެން ކަމަށްވުމެވެ.

އެކަމަކު އޭދަފުށީ ތީސްމާރުޚާނަކީ އެކަހަލަ މީހެއް ނޫނެވެ. އޭނާއަށް ތީސްމާރުޚާނެއްގެ ލަގަބު ދޭން ޖެހެނީ ހަތް މެހީގެ ބަދަލުގައި ހަތްފޫޓު ބޮޑުމިނުގެ ކިނބުލެއް މަރާލުމުންނެވެ. މި ޒަމާނުގައި ދިވެހި އަސްކަރިއްޔާގެ ބޮޑު ފައުޖެއް ހަތިޔާރާއެކު ފުލް ކިޓްގައި ގޮސްގެން ނޫނީ ނުކުރެވޭ ވަރުގެ ކަމެއް އެންމެ 12 މީހުންގެ ޓީމަކުން  ކޮށް ނިންމާލާފައިވާތީއެވެ. ހަތްފޫޓުގެ ނުވަތަ އެއަށްވުރެވެސް ބޮޑު ކިނބުލެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަމިއްލަ އަށް އުފައްދާފައިވާ މަދުހަތިޔާރުކޮޅެއް ބޭނުންކޮށްގެން މަރާލި މި ޓީމު ނޫން އެހެން ބަޔަކު ދިވެހި ތާރީޚުން  އަޅުގަނޑަކަށް ހަމަ ގައިމުވެސް އެނގިފައެއް ނެތެވެ

މިއީ އޭދަފުށީ އަރާއިރު އަހުމަދު އިސްމާއީލެވެ. އޭދަފުށީ މީހުންގެ ކަޅު އަހަންމަދެވެ. ކަޅު އަހަންމަދުގެ ނަންކިޔަސް އެ ވާނީ މަލާމާތަކަށެވެ. އޭނާ އަކީ ކަޅު މީހެއް ނޫނެވެ. މިހާރު އުމުރުން 90 އަހަރާ ކައިރިވެފައިވާ އިރު ހަށިގަނޑުގެ ބާރު ދެރަވުމަކީ އިންސާނީ ސުންނަތެވެ. އެކަމަކު އޭނާގެ ޒުވާން ދައުރުގައި އޭނާއަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަކުރެވޭ އޭދަފުށީގެ ބަތަލެކެވެ .މުރާލި މަސްވެރިއެކެވެ. ފުޓްބޯޅަ ކުޅުންތެރިއެކެވެ. އުމުރުންމިހާ ދުވަސްވުމުން ފުޓްބޯޅަ ކުޅެވޭހައި ބުންވަރު ނުހުންނާތީވެ މިހާރުގެ ހޮބީއަކީ ފުޓްބޯޅަ މެޗުތައް ބެލުމެވެ. ލައިވް ކޮށް ދައްކާ މެޗުތަކާއި ދިވެހި ދަނޑުތަކުގައި ކުޅޭ މެޗުތައްވެސް ޓީވީ އިން ދައްކާނަމަ އެއީ ކޮންމެ ގަޑިއެއްގައި ކަމަށްވިޔަސް ނަމާދު ވަގުތު ނޫންނަމަ ބަލާނެއެވެ. މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. ފުރަތަމަ ޑިވިޜަންގެ ކްލަބްތަކަށާއި ގައުމީ ޓީމަށް ކުޅެފައިވާ ފުޓްބޯޅަ ލެޖެންޑް މުހައްމަދު ޖަމީލުގެ ބައްޕަ އެވެ.

އަހަންމަދުގެ ކައްޕިތާނު ކަމުގެ މި ވަރުގަދަ އޮޕްރޭޝަން ކުރިއަށް ގެންދިޔަ ގޮތާ ކާމިޔާބު ކުރިގޮތް އީވީ އަށް ކިޔައިދެއްވިއެވެ.

“އެއީ އެންމެ ޒުވާން ދުވަސްވަރު. މީހަކާ ވެސް ނުއިންނަން. ބ. މުއްދޫ (ދުސިތު ތާނީ ރިސޯޓް) އަކީ އޭދަފުށީ ރައްޔިތުންނަށް ލިޔެދީފައި އޮންނަ ފަޅު ރަށެއް. އެރަށުގައި ކިނބުލެއް އުޅޭކަން ނުވަތަ އެރަށަށް ކިނބުލެއް އަރާކަން އެންގީ ރަށް ބަލަހައްޓަން ލާފައި ތިބި މީހުން”

އަހަންމަދު ބުނީ އެހިސާބުން އަތޮޅުވެރިޔާ އޭދަފުށީ ޔޫސުފްކަލޭފާނުގެ ސަމާލުކަމަށް އެކަން އައިސް ކިނބޫ މަރާލަން ދިއުމަށް އޭދަފުށީން ވަރުގަދަ ޓީމެއް ނެގީ ކަމުގައެވެ.

“މުލައްދަނޑީގައި ވަރުހުރި ބާރުގަދަ 12 ޒުވާނުން ނެގީ. އެއީ އޭރު ރަށުގައި ހުރި 12 މަސްދޯނިން ކޮންމެ ދޯންޏަކުން މީހެއް. މަނެގީ ރޯޝަނީ ދޯނިން. ދެން އޭގެތެރޭގައި ބޮޑު އަބްދުއްޅޯހިއާ، ކަޑިބެމެންކަހަލަ ވަރުގަދަ ބައެއް އުޅެނީ”

ކިނބޫ މަރާލި އޮޕަރޭޝަން ކުރިޔަށްދިޔަގޮތް އީވީގެ ރިޕޯޓަރުންނަށް އަހަންމަދު ކިޔައިދެނީ / އީވީ ފޮޓޯ: ޝާހިރު އަހްމަދު

މި ޓީމް މުއްދުއަށް ގޮސް ފުރަތަމަ ކުރިކަމަކީ ކިބުލާ ހަމަލާ ދޭން ހަތިޔާރު އުފެއްދުމެވެ. ހަތިޔާރަކަށް އުފެއްދީ ކޮންމެ މީހަކަށްވެސް އަތަށް ހެޔޮވަރުގެ ދުނބުރި ދަނޑިއެވެ. އޭގައި އަތްވަޅު ލުމަށްފަހު ސީދާ އޮޕަރޭޝަނަށް ނުކުތީއެވެ.

“ޓީމު ދެބަޔަށް ބަހާލާފައި ދެކޮޅުން ދެބައިމީހުން ގޮސް ތަޅާ ފޮޅައިގަތީ. ނަސީބަކުން ވަރަށް އަވަހަށް އޭތި ބަލިކޮށްލެވިއްޖެ. އެހާ އަވަހަށް ބަލި ކޮށްލެވުނީތީވެ ހައިރާންވެސް ވި”

މިވީ ގޮތް އެނގޭ ހެއްޔެވެ. އެކިނބޫ އޮތީ ވަރަށް ބޮޑަށް ބަލިވެ މަރުވާން ތައްޔާރުވެފައެވެ. ރަށަށް އެރިގޮތަށް ފައިބައިގެން ދާން ނޭނގިފައި ކަމަށްވެދާނެއެވެ. އެކަމަކު ނޫކަށިފުރައިގެ ޒުވާން 12 ފަހުލަވާނުން ބޮޑު ހަމަލާއަކަށް ތައްޔާރުވެ ބުންވަރު ހޯދައިގެން މިމަރާލެވުނީ މަރުވަން ތައްޔާރުވެފައިއޮތް ކިނބުލެކެވެ. އެހެންވީމާ އަހަންމަދަކީވެސް ތީސްމާރުޚާނަކަށް ނުވާނެ ގޮތެއް ނޯންނާނެ ދޯއެވެ.

ބޮޑު ހަނގުރާމައަކުން ފަތަހަ ހޯދައިގެން އައި ފާތިހުންނަށް މަރުހާބާ ކިއުމަށް ރައްޔިތުން ނުކުންނަ ފަދައިން މަރުވެފައި އޮތް ކިނބޫ ހިފައިގެން އޭދަފުއްޓަށް އައިއިރު އެ 12 ޒުވާނުންނަށް މަރުހަބާ ކިއުމަށް އޭދަފުށި ރައްޔިތުންއޮތީ ރަސްމީ އިއްޒަތުގައި މި ‘ބަތަލުންނަށް’ މަރުހަބާ ކިއުމަށް އެއްވެފައެވެ.

“އަތޮޅުވެރިޔާ ޔޫސުފް ކަލޭފާނާއި ކެންދޫ ކަލޭފާނު ހުންނެވީ އެންމެ ކުރީގައެވެ. އަތިރިމަތިވަނީ ދިދަ ޖަހައި ޒީނަތްތެރިކޮށްފައި.” އަހުމަދު ބުންޏެވެ.

އަހަންމަދު ބުނީ އެންމެ އުފާވީ އެއިން ކަށި ކޮޅެއް ލިބޭނެކަމަށް ހީކޮށެވެ. އޭގެ ބޭނުމަކީ ކޮބައިހޭ އެހުމުން ބުނީ ފަންޑިތަ ހެދުމާއި އެހެނިހެން ކަންކަމަށްވެސް އެއީ ބޭނުން ބޮޑު އެއްޗެއް ކަމުގައެވެ. އޭނާގެ ރަސްމީ ހިނިގަނޑު ޖަހާލާފައި އެއަށްވުރެ ތަފްސީލަކަށް ނުދިޔައެވެ.

އަހަންމަދު ހުސްހަށިބައެވެ. މީހަކާ އިންނަ އުމުރެވެ. ދެން ކިނބޫ ކަށި ހޯދަނީ ކީއްކުރަން ކަންވެސް އެބަ އެނގޭދޯއެވެ.

ޔޫސުފް ކަލޭފާނު އެ ކިނބޫ ފޮނުވާލީ މާލެއަށެވެ. މާލޭގައި އޭތި ވަޅުލާފައިވަނީ އޭރުގެ ބޮޑުއިސްޓޯރު ކުރިމަތީގައި (މިހާރުގެ އެމްއެމްއޭ) ކުރިމަތީގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top