ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ވެރިކަމުގެ ނިޒާމް ބަދަލު ނުުކުރެވޭނެ: މައުމޫން

162341_2ebf6519-e_.jpg

ދެ ފަރާތަކުން މަޝްވަރާ ކޮށްލައިގެން ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމް ބަދަލު ނުކުރެވޭނެކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

މައުމޫން ވިދާޅުވީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި އެއީ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ބަދަލު ގެނެވޭނެ ކަމެއް ނޫން ކަމަށެވެ.

ރާއްޖޭގައި މިހާރު ވެރިކަން ކުރާ ރިޔާސީ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ ދައުލަތުގެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ. އެކަމާ ގުޅޭގޮތުން ފުރަތަމަ މަޝްވަރާ ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކަމަށް ވިދާޅުވެ އެ މަޝްވަރާތަކަށްފަހު ރަނގަޅު ގޮތެއް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ޖޫން މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަރުލަމާނީ ނިޒާމު ގެނައުމާބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ސޯލިހު ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލި އިރުގައި ނިޒާމުގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑުއަހައިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދުވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.

ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ރައީސް ނަޝީދު ވަނީ އެ މޭރުމުން ކިތަންމެ ފަހަރަކު ވާހަކަފުޅު ދައްކަވައިފަ އެވެ.

ނަޝީދުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި މިހާރު ވެރިކަން ކުރާ ނިޒާމަކީ ރައްޔިތުންގެ ރުހުމާއެކު ރައްޔިތުން ވޯޓު ދީގެން ގެނައި ނިޒާމެއް ކަމުގައެވެ.

“ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް. ވީމާ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ.” އެމްއާރްއެމްގެ ލީޑަރ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ ތެރެއިން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ވެސް ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލުމަކީ އެއްގޮތަކަށްވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށާއި، އެކަން ނުވެސް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top