ލައިސަންސް ނެތި ނުދުއްވާތި! ޖޫރިމަނާކޮށް 15 ދުވަހަށް އުޅަނދު ހިފަހައްޓަފާނެ!

CP-Hameedh-Petrol.jpg

އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސް ނެތި ދުއްވާނަމަ އެއުޅަނދެއް ދުއްވި މީހަކު ޖޫރިމަނާކުރުމުގެ އިތުރުން 15 ދުވަހަށް އެއުޅަނދު ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ގާނޫނު އިސްލާހު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެގާނޫނު އެގާނޫނު މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ތަސްދީގު ކުރުމާއެކު ޤާނޫނަށް އަމަލު ކުރަން ފަށާނީ ޤާނޫނު ތަސްދީގު ކުރާތާ ތިން މަސް ދުވަސް ވުމުންކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އެހެންވީމާޑިސެމްބަރ މަހުގެ 01 ވަނަ ދުވަހުން ފެށިގެން މިގާނޫނަށް އަމަލު ކުރާނެއެވެ. ފުލުހުން ވަނީ ލައިސަންސް ނެތް މީހުން ދުއްވި ބައެއް ވެހިކަލްތައް މިހާރުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހް ބުނާ ގޮތުން ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް ލައިސަންސް ނުނަގައި ދުއްވާ ފަރާތްތައް، ގާނޫނުގައި ބަޔާންކުރާ ގޮތުގެމަތިން ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތުން ދުއްވި އުޅަނދު ގިނަވެގެން 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ހިފަހައްޓައި، އުޅަނދުގެ ވެރިފަރާތް -/2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

އެޤާނޫނުގައި އިތުރަށް ބުނެފައި ވަނީ ލައިސަންސް އޮވެގެން ދުއްވަންޖެހޭ ނުވަތަ އޮޕަރޭޓްކުރަންޖެހޭ އެއްގަމު އުޅަނދެއް، ލައިސަންސް ނުނަގައި ދުއްވުމަކީ މަނާކަމެއް ކަމަށާއި އެފަދަ ޢަމަލެއް ކުރި މީހެއްގެ އަދަބަކީ، ފުރަތަމަ ފަހަރަށް -/1000 (އެއްހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ. ދެވަނަ ފަހަރަށް -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އެއަށްވުރެ ގިނަ ފަހަރަށްނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް -/2000 (ދެހާސް) ރުފިޔާއިން ޖޫރިމަނާކުރުމެވެ.

ލައިސަންސް ނެތި ވެހިކަލެއް ދުއްވައިފިނަމަ 15 ދުވަހަށް ވެހިކަލް ހިފަހައްޓާ އުސޫލަށް އަމަލު ކުރަން ފެށުމާއިއެކު ބައެއް މީހުން ގެންދަނީ މީސް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

ގާނޫނަށް އަލަށް ގެނައި މިބަދަލުން ޓްރާންސްޕޯޓް މިނިސްޓްރީން އިތުރު ގަވާއިދުތަކެއް ހަދަން ޖެހެއެވެ. އެ ގަވާއިދުތައް ހެދުމަށް ހަމަސްދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު