ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަކުރަނީ

373697_e864d8ca-4_-2048x1365-1.jpg

ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސް މުއިއްޒު މިރޭ “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން މުސާރައާއި ގުޅޭ ގޮތުން ފިޔަވަޅުތަކެއް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން ހިމެނެ އެވެ. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން ހިމެނެ އެވެ. މިވަގުތު ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑުގައިވާ ގޮތުން 100،000 އަށްވުރެ ބޮޑު މުސާރައެއް ލިބެއެވެ.

މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށާއި ޝަރުއީ ދާއިރާގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

ރައީސް ވަނީ މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް މުއިއްޒުގެ މުސާރަ 50 ޕަސެންޓަށް ކުޑަކުރެއްވުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top