
އެސްޓީއޯ އޭދަފުށީ ފިހާރައަށް ގޮސްތިބި ބަޔަކަށް އެތަނުގެ މުވައްޒަފަކު އެހީތެރިވަނީ. ރޯދަސޭލް ވަރަށް ކާމިޔާބުކަމަށް އޭދަފުށީ އެސްޓޯއީ ބްރާންޗުން ބުނޭ / ފޮޓޯ: އަބްދުލްޤައްޔޫމް
ބޮޑެތި ޑިސްކައުންޓްތަކާއެކު އާދީއްތަދުވަހު އެސްޓީއޯއިން ފެށި ރަމަޒާން ބާޒާރަށް ބ. އަތޮޅުގެ ރަށްރަށުން ވަރަށްބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެސްޓީއޯ އޭދަފުށީ ފިހާރައިން ބުނެފިއެވެ.
އެސްޓީއޯ އޭދަފުށީ ފިހާރައިން ބުނީ މިދިޔަ ދެދުވަހުވެސް އަތޮޅުގެ ރަށްރަށުންނާ، އޭދަފުށިން ގިނަ ވިޔަފާރިތަކެއް ކޮށްފައިވާކަމަށާ، ބައެއް ތަކެތީގެ ސްޓޮކް އަލުން ގެންނަންޖެހޭ ހިސާބަށް ގޮސްފައިވާކަމަށެވެ. އެސްޓީއޯ އޭދަފުށީ ބްރާންޗްގެ މެނޭޖަރ އަހްމަދު ޒަމީލް މިއަދު އީވީއަށް ވިދާޅުވީ މިފަހަރުގެ ސޭލްގައި އެންމެ ބާރުބޮޑީ އިލެކްޓްރޯނިކް ސާމާނަށްކަމަށާ، އިތުރު ސްޓޮކެއް ގެނައުމަށް މިހާރު އޯޑަރު ޖަހާފައިވާކަމަށެވެ.
“ވިޔަފާރި ވަރަށް ރަނގަޅޭ ބުނެވޭނީ. ހާއްސަކޮށް އަތޮޅުތެރެއިން ބޮޑުތަރުހީބެއް އެބަލިބޭ. ބައެއް ސާމާނުގެ ސްޓޮކް ދަށްވެގެން އަޅުގަނޑުމެން މިހާރު އޯޑަރުކޮށްފިން އިތުރު ސްޓޮކަކަށް. ވަރަށް އަވަހަށް ލިބޭނެކަމަށް މިބަލަނީ” ޒަމީލް ވިދާޅުވިއެވެ
އެސްޓީއޯ އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރި އަށް ގެންދާ ރަމަޒާން ބާޒާރުން ކުރާ ކޮންމެ 1،000ރ. ގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ހަފުތާއަކު ގުރުއަތެއް ނަގައި، ހާއްސަ އިނާމެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.