އޭދަފުށި އިންޖީނުގެއަށް އިއުލާނު ނުކޮށް މުވައްޒަފުން ނަގައިގެން ނިމާލް، އޭސީސީއަށް !

b_ENGKnAjjGuaW9uep1G1DF1OT4.jpg

ޕީއެންސީގެ ނައިބްގެ މަގާމރައީސް ނިމާލް -- ފޮޓޯ: ކޮންގްރެސް މީޑިއާ

ކ. އަތޮޅުގެ ކައުންސިލްގެ ރައީސް އަދި ލޯކަލް ގަވަރުމެންޓު އޮތޯރަޓީ (އެލްޖީއޭ)ގެ ބޯޑު މެންބަރު، މުހައްމަދު ނިމާލު، ފެނަކަ އެމްޑީގެ މަގާމުގައި މުހައްމަދު ނިމާލު ހުންނެވި ދުވަސްވަރު އޭދަފުށީ އިންޖީނުގެއަށް އިއުލާނު ނުކޮށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް މުވައްޒަފުން ނެގި ކަމަށް ބުނާ މައްސަލައިގާ އެންޓި ކޮރަޕްޝަން ބޯޑް(އޭސީސީ) އަށް ހާޒިރުވާން އަންގައިފިއެވެ.

އޭސީސީ އިން މިކަމާގުޅިގެން ނިމާލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ މައުލޫމާތެއް ސާފުކޮށް ބަޔާނެއް ނަގައި އޭގައި ސޮއިކުރުމަށް މާދަމާ 11:30 އަށް އޭސީސީއަށް ހާޒިރުވާން އަންގާ ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި މިވަގުތު ހުންނެވި ނިމާލް އޭސީސީއަށް ހާޒިރުކުރުމަށް ސިޓީ ފޮނުވާފައިވާތީ އެކަން ހާމަކޮށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ބުނެފައިވަނީ އެކަމަކީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި މިވަގުތުއޮތް އެ ކޯލިޝަނަށް ބިރުދައްކާ ނުފޫޒު ބޭނުންކޮށްގެން އެ ކޯލިޝަންގެ މަސައްކަތްތައް ހުއްޓުވުމަށް ކުރާކަމެއް ކަމަށެވެ.

އަދި އެއީ އެ ކޯލިޝަންގެ ފަރާތުން މަގާމުތަަކަށް ހޮވިވަޑައިގެންފައިވާ ބޭފުޅުންގެ މަސައްކަތަށް ހުރަސް އެޅުމަށް ސަރުކާރުން ހިންގާ އަމަލެއް ކަމުގައި ދެކޭ ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން “ދެން” އަށް މައުލޫމާތު ދެއްވަމުން ނިމާލު ވިދާޅުވީ، އެއީ އެމަނިކުފާނު ފެނަކައިގެ އެމްޑީއަކަށް ހުންނެވި އިރު 2012 ވަނަ އަހަރު ހިނގާފައިވާ ކަމެއް ކަމަށާއި އެހެން ނަމަވެސް ގަވައިދުން ބޭރުން އެއްވެސް މުވައްޒަފަކަށް ވަޒީފާ ދީފައިނުވާނެ ކަމަށެވެ.

“އަޅުގަނޑު ކީއްކުރަންތޯ އެފަދައިން ކަމެއް ކުރަންވީ؟ ކުރަންވީ ސަބަބެއް ވެސް އޮންނަންވާނެ ނޫންތޯ؟ އޭދަފުއްޓަކީ އަޅުގަނޑުގެ އާއިލާ މީހަކު، ދުރުތާ ތިމާގެ މީހަކު ކީއްކުރަން ގާތް ރައްޓެހި މީހަކު ވެސް ހުރި ތަނެއް ނޫން. ދެން ކޮން އަމިއްލަ ފައިދާއަކަށްތޯ އަޅުގަނޑު އެފަދަ ކަމެއް ކުރާނީ؟ ނުގަވާއިދުން އެއްވެސް މީހަކަށް ވަޒީފާ ދީފައެއް ނުވާނެ .މިއީ ސިޔާސީ ގޮތުން އަޅުގަނޑާއި އިދިކޮޅާ މެދު އޮންނަ ދެބަސްވުންތަކެއްގެ ސަބަބުން ނަންގަވައިގެން އުޅުއްވާ މައްސަލައެއް ” ނިމާލު ވިދާޅުވިއެވެ.

ނިމާލްގެ މައްސަލައެއް އޭސީސީން ބަލަން ނިންމާފައިވާއިރު، ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް އަތޮޅު ކައުންސިލަރުންގެ ރައީސުންގެ ތެރެއިން ހޮވިފައިވަނީ ނިމާލެވެ. އޭނާއަށް އެ މަގާމަށް ހޮވިފައިވަނީ ވަގުތު ހަމަވިއިރު އޭނާ އެކަނި ކުރިމަތިލާފައިވާތީއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top