”ވެށި ފަންނު“ ރަސްމީކޮށް ހުޅުވައިފި

ވެސހި.jpeg

މޫދަށް އެރޭ ސަރަހައްދަކާއި ހިތްފަސޭހަ މައިޒާނެއް ހިމެނޭ ގޮތަށް އޭދަފުށީ ދެކުނު ފަރާތުގައި އޭދަފުށިީ ކައުންސިލުން ސަރުކާރުގެ އެހީއާއިއެކު ތަރައްގީ ކުރި ”ވެށި ފަންނު“ އިއްޔެ ހަވީރު ރަސްމީކޮށް ހުޅުވައިފި އެވެ.

މިތަން ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދު ސަލީމެވެ.

ރަށުގެ ގިނަ ބަޔަކު ބައިވެރިވި މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭދަފުށީ ކައުންސިލުގެރައީސް މުހައްމަދު ފާތިހު ވިދާޅުވީ ”ވެށި ފަންނު“ އަކީ މޫދަށްއެރި އުޅުމުގެ އިތުރުން ހަވީރު ފިންޏަށް އާއިލާއާއެކު ހިތްފަސޭހަ ކޮށްލަން އައިސްލުމަށްވެސް ރަނގަޅު ވެއްޓެއް ކަމުގައެވެ. އެހެންކަމުން މި ތަނުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަށް ރައްޔިތުންގެ ކިބައިން އޭނާ އެދިވަޑައިގެންނެވި އެވެ. އަދި މި ސަރަހައްދު ތަރައްގީކުރުމަށް ސަރުކާރާއި މަޖިލީހުގެ މެންބަރު، އަހުމަދު ސަލީމާއި އޭދަފުށީގެ ތަރައްގީގައި ވަރަށް ބޮޑު ބައިވެރިވުމެއް އޮންނަ. ކްރައުން ކޮމްޕެނީގެ ހިއްސާދާރު، އޭދަފުއްޓަށް ނިސްބަތްވާ އަހުމަދު ނަޒީރުގެ އެހީތެރިކަން ފާހަގަ ކުރެއްވި އެވެ.

އޭދަފުށީ ”ވެށިފަންނު“ މަޝްރޫއު ޑިޒައިންކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. އެކުންފުނިން ކޮށްފައިވާ މަސައްކަތް ތަކުގެ ތެރޭގައި މިސަރަހައްދު ހެދުމަށްޓަކައި ފަޅު ފުންކުރުމާއި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 60 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ޖެހުމާއި 70މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.

މިދިޔަ އަހަރުގެ މޭ 27 ވަނަ ދުވަހު، އެމްޓީސީސީ އާ ހަވާލުކުރި މި މަޝްރޫއުގެ ފިޒިކަލް މަސައްކަތްތައް އެކުންފުނިން ނިންމާލާފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ

އޭދަފުށީގައި ފަތާ ސަހައްދެއް ނުވަތަ ކަސްރަތު ކޮށްލުމުގެ ބޭނުމުގައި މޫދަށް އެރުމަށް ޚާއްސަ ތަނެއް ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. މި ސަރަހައްދު ތަރައްގީވެގެން އައުމަކީ ރައްޔިތުންގެ ދުވަސް ވީ ހުވަފެނެއް ހަގީގަތަށްވުން ފަދަ އުފާވެރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top