ކިތަންމެ ބައިވަރު ތިއްބަސް އިންޑިއާ ސިފައިން ބާލާނަން- އުމަރު .

ind-dornier-haq-7.jpg

އިންޑިއާގެ ޑޯނިއަރ އާއެކު މިލިޓަރީ ސިފައިން ހަނިމާދޫ އެއާޕޯޓުގައި -އަދިވެސް ފޮޓޯ:

ރާއްޖޭގައި ކިތަންމެ ބައިވަރު އިންޑިއާސިފައިން ގާއިމްވެ ތިބި ކަމަށް ވިޔަސް ހުރިހާ ސިފައިން ބާލާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް އަބަދުވެސް ފާޅުގައި ދެކޮޅު ހަދަމުން ގެންދަވާ އުމަރު، އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ޑޯނިއާ ފްލައިޓެއް ހަދިޔާކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދަކީ ކަޅު ދުވަހެއް ކަމަށާއި މި ނުރައްކަލުގެ ވާހަކަ އޭނާ ދައްކަވަން ފެށިއިރު މިކަން ގަބޫލު ނުކޮށް ތިއްބެވި ބޭފުޅުންނަށް މިވަމުންދާ ގޮތް އިހުސާސް ކުރެއްވޭނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

“މިހާރު މިއޮތް ސަރުކާރު އަޅުގަނޑުމެން އަތުން ބަލިވާނެ. ބަލިވީމަ އިރާދަކުރެއްވިއްޔާ އިންޑިއާ ސިފައިން ވެސް މިގައުމުން ބާލާނަން. ކިތަންމެ ވަރުގަދަ އެގްރީމެންޓެއް ހަދާފައި އޮތް ނަމަވެސް އިންޑިއާ ސިފައިން ބާލާނަން،” އުމަރު ވިދާޅުވެފައިވެއެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އެކި ގޮތްގޮތަށް އަޑު އުފުލަމުން ގެންދާއިރު ބޭރުގެ އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންގެ ފައުޖެއް ނުވަތަ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެއަށް ރައްދު ދެއްވައި އުމަރު ވިދާޅުވީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަތުގައި މިވަގުތު ހަތިޔާރު ނެތުން އެއީ ނުރައްކާ ކުޑަވާ ކަމެއް ނޫން ކަމަށާއި ހެލިކޮޕްޓަރުގައި ގޮސް އިންޑިއާ މަނަވަރަކުން ހަތިޔާރު ގެނެސް، ރާއްޖޭގައި މިތިބަ 150 އިންޑިއާ ސިފައިން ހަތިޔާރު އެޅި ފައުޖަކަށް ބަދަލުވުމަށް ބޭނުންވާނީ އެންމެ ދެ ގަޑިއިރު ކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖެ އައިސް ރާއްޖޭގައި އިންޑިއާގެ ތިން އުޅަނދެއް ބާއްވައިގެން އަށް އަހަރު ދުވަހުގެ ތެރޭގައި އައްޑޫއިން ފެށިގެން ހދ. ހަނިމާދޫއާ ހަމައަށް ފެތުރިގެންފައިވާއިރު މި ސަރުކާރަށާއި ސަރުކާރު ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް މިމަންޒަރު ނުފެންނަނީތޯ އުމަރު ސުވާލުކުރެއްވި އެވެ.

“މިއީ މިނިވަން ގައުމެއް މިގައުމަށް އެހެން ގައުމެއްގެ ސިފައިން ފައިބާ އެގޮތަށް ނުތިބެވޭނެ. ދިވެހި ތާރީހުގައި ބޭރު ގައުމެއްގެ ސިފައިން ރާއްޖޭގައި ބެހެއްޓީ ދެ ފަހަރެއްގައި. ފުރަތަމަ ފަހަރު ދޮންބަންޑާރައިން ދިވެހި ރާއްޖެއަށް ފަރަންސޭސި ސިފައިން ގެނައުން، އޭގެ ފަހުން ދެވަނަ ބޮޑު ހަނގުރާމައިގައި ދުވަސްވަރުގައި ދިވެހިރާއްޖެއަށް ހަމަލާއެއް އައިސްފާނެތީ އިނގިރޭސި ސިފައިން އައްޑޫގައި ބޭތިއްބީ،” އުމަރު ވިދާޅުވި އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top