އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި މިއަދު ހަވީރު ތިމަރަފުށީގައި ކުޅުނު މެޗު ލަންދޫ ބަލިކޮށް އޭދަފުށި ސެމީ ފައިނަލަށް ހިނގައްޖެއެވެ.
އޭދަފުށިން މިމެޗް ހޯދާފައިވަނީ 3-1 ގެ ތަފާތުންނެވެ.
މި މެޗުގެ ފުރަތަމަލަނޑު މެޗުގެ 17ވަނަ މިނިޓުގައި ލަންދޫއަށް ޖަހާދީފައިވަނީ ނައުޝާން އެވެ. ނަމަވެސް އޭދަފުށީ ކުޅުންތެރިންގެ ހިތްވަރާއެކު ނަތީޖާ ބަދަލުކުރަން މާދިނަ ވަގުތުތަކެއް ނުނެގިއެވެ. މެޗުގެ 36ވަނަ މިނިޓުގައި އޭދަފުށީގެ އަޒްމީން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްދިނެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ 57 ވަނަ މިނިޓްގައި އޭދަފުށީ އިތުރުލަނޑެއް ޖަހައި މެޗުގެ ނަތީޖާ އޭދަފުށި ކޮޅަށް ބުރަކޮށްދިނީ އާދަމ ނިޒާމް އެވެ. އޭނާގެ މި ލަނޑާއެކު އޭދަފުށި ލީޑްގައި އޮވެގެން ފަސޭހަކަމާއެކު ކުޅެމުން ގޮސް އިތުރުލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްލީ މެޗު ނިމެން އަށް މިނިޓަށް ވެފައިއޮއްވައެވެ.
އޭދަފުށްޓާއެކު ގްރޫޕް ދޭއްގެ ސެމީއަށް ގޮސްފައިވަނީ ތިމަރަފުށްޓެވެ. މި ދެޓީމްވެސް ވަނީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ.
ގްރޫޕް އެކެއްގެ ސެމީގެ ޖާގަތަށް ކަށަވަރުކޮށްފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދުއާއި ދ. ކުޑަހުވަދޫއެވެ.
ފައިނަލް ބުރުގައި އޭދަފުށި ކުޅޭ ފަހު މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. އެދުވަހު އޭދަފުށި ނުކުންނާނީ ތިމަރަފުށްޓާ ދެކޮޅަށެވެ. ގްރޫޕް ދޭއްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ހޮވޭނީ މި މެޗުން މޮޅުވާ ޓީމެވެ.
މުބާރާތުގެ ސެމީފައިނަލް މެޗުތަށް ކުޅޭނީ، މި މަހުގެ 7 އަދި 8 ވަނަ ދުވަހުއެވެ. ފައިނަލް މެޗު އޮންނާނީ، މި މަހުގެ 10 ވަނަ ދުވަހުގެރޭ މާލޭގައެވެ.