ރިސޯޓުތަކާއި ސަފާރީތަކުގެ އިތުރުން 10 މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތް ކުރާ ތަންތަނުގެ 60 ޕަސެންޓު މުވައްޒަފުންނަކީ ދިވެހީންގެ ގޮތުގައި ލާޒިމުކުރުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން އިސްލާހެއް ހުށަހަޅައިފި އެވެ.
އެމްޕީ އަލީ ވަނީ މި އިސްލާހު ހުށައަޅުއްވާފައިވާ ކަމަށް އިއްޔެ ޓުވީޓް ކުރައްވާފަ އެވެ.
އަލީ އިތުރަށް ހުށަހަޅުއްވާފައިވާ އިސްލާހްތަކުގެ ތެރޭގައި އެ ގާނޫނުގެ 59 މާއްދާ އިސްލާހު ކުރަން ވެސް ހުށައެޅުއްވި އެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ، އެ ގާނޫނުގައިވާ ގޮތުގެމަތިން މިނިސްޓަރު ކަނޑައަޅަންވާނެ ކަމުގައެވެ.
”ނޯޓިސް ދީފައި ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށާ، ވަޒީފާގައި ބައިތިއްބަންޖެހޭ ދިވެހިންގެ ނިސްބަތް 2 އަހަރު ދުވަހުގެތެރޭގައި 60 އިންސައްތައަށް ހަމަކުރުން ލާޒިމްކޮށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާޙު ކުރުމުގެ ބިލަށް އިސްލާޙު ހުށައަޅައިފިން.“
އިސްލާހުގައި އަލީ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ނޫނީ ބަދަލުކޮށްގެން ނުވާނެއެވެ.
އެގޮތުން އެކަންތައްތައް ވަޒީފާގެ ގާނޫނުގައި ހިމަނައި ގާނޫނަށް އިސްލާހު ގެނެސް އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ދެ އަހަރުގެ ތެރޭގައި އަމަލުކުރަން ވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ.