ދަރިން ތަރުބިއްޔަތު ކުރުމުގައި ވިސްނަންޖެހޭ ކަންކަން

20140925-027-parents-walking-children.jpg

ކޮންމެ މީހަކުވެސް ޒަވާޖީ ޙަޔާތެއް ފަށަނީ ވަރަށް ފޮނި އުންމީދުތަކަކާއިއެކުއެވެ.  ހިތްހަމަޖެހުމާއި، އުފާވެރިކަމުގައި ޙަޔާތުގެ ދުވަސްތައް ހޭދުމަށް ޢަޒުމް ކަނޑައަޅައިގެންނެވެ. އަލަށް ފަށާ ޙަޔާތަކީ ލޯތްބާއި، ހަމަޖެހުމާއި، އެކަކު އަނެކަކަށްއަޅާލުން އޮންނަ، އަމާންތަނަކަށް ހެދުމުގެ މަތިވެރި އަޒުމުގައެވެ. ޝައްކެއް ނެތް ގޮތުގައި ކައިވެނީގެ ދަނޑުގައި ރަނގަޅު މާތަކެއް ފޮޅިގެންދާނީ މިދެންނެވި ފަދަ ޖައްވެއްގައެވެ.

ކޮންމެ ކައިވެންޏެއްްގެ ވެސް އެންމެ މަތިވެރި މަޤުޞަދަކީ ހެޔޮލަފާ ދަރިފަސްކޮޅެއް ބިނާކުރުމެވެ. އެހެންކަމުން ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް ހިތުގެ ފިނިކަމަކީ ނުވަތަ މުޅި ޙަޔާތުގެ މަޤުޞަދަކީވެސް މިއީއެވެ. ދަރިޔަކު ލިބޭ ވަގުތަކީ ބަޔާންކުރަންވެސް ނޭގޭ ފަދަ އުފަލެއް އިޙުސާސްކުރެވޭ ވަގުތެކެވެ. ނަމަވެސް މިދެންނެވި އުފާ ދާއިމީ އުފަލެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ވަރަށް ބުރަ މަސައްކަތްތަކެކެވެ. ކޮންމެ މަންމައަކާއި ބައްޕައެއްގެވެސް އެންމެ ބޮޑު އުންމީދަކަށްވާނީ އޭނާގެ ދަރިފުޅަކީ، ހެޔޮލަފާ، މުޖުތަމައަށް ލާބަހުރި، އިންސާނަކަށް ހެދުންކަން ކަށަވަރެވެ. މިއުންމީދުގައި ކުލަޖެއްސުމަށްޓަކައި، ރަނގަޅު ގޮތުގައި އެކުއްޖާ ތަރުބިއްޔަތު ކުރާނެގޮތްތައް ބެލެނިވެރިންނަށް އެނގެންޖެހެއެވެ. އެހެނީ ރަނގަޅު ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ ޢާއިލީ ހަމަޖެހުމަށް ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި ރަގަޅު ގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ބައެއް ކަންތައްތަކަށް މިތަނުގައި ބަލާލާނަމެވެ.

ބެލެނިވެރިޔާއަކީ ކާކު؟

ކުއްޖާގެ ބެލެނިވެރިޔާއަކީ ކޮންމެހެން އެކުއްޖާގެ މަންމަ ނުވަތަ ބައްޕައަށްވާކަށް ނުޖެހެއެވެ. ނަމަވެސް ކުއްޖާ ގެންގުޅޭ ފަރާތަކީ ކުއްޖާގެ ބެލެނިވެރިޔާއެވެ. އެހެންކަމުން ކުރިއަށްހުރި މަޢުލޫމާތުތަކަކީ ކޮންމެ ބޭފުޅަކަށްވެސް ބޭނުންކުރެވިދާނެ މަޢުލޫމާތުތަކެއްކަމަށް އަޅުގަނޑު ދެކެމެވެ.

1 – ކުދިންގެ ރަނގަޅު އުޅުމަށް ހިތްވަތުދިނުން:

ޝައްކެތް ނެތްގޮތުގައި ބެލެނިވެރިޔާ ބޭނުންވާ ރަނގަޅު އުޅުމެއް ކުއްޖާގެ ކިބައިގައި އަށަގެންނެވުމަކީ ބެލެނިވެރިޔާގެ ބާރުގައިވާ ކަމެކެވެ. ކުއްޖާ ބޭނުންވާ ކޮންމެ ކަމެއް ބޭނުން ގޮތަކަށް ނިންމަން ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ކުއްޖާއަށް ކަންކަމުގައި ހެޔޮ ނުބައި ވިސްނައިދިނުމަކީ މުހިންމު ކަމެކެވެ. ކުއްޖާއަށް ކަންތައްތައް ބުނެދިނުމުގައި އަނގަބަހުން ކިޔައިދިނުމުގެ ބަދަލުގައި މިސާލުދެއްކުމުން ކުއްޖާއަށް ކަންތައްތައް ދަސްވާލެއް ފަސޭހަވާނެއެވެ.

2 – ކުދިންނަށް ރަނގަޅު ނަމޫނާ ދެއްކުން:

ކުދިން އުޅޭއުޅުމުގައި އަބަދުވެސް ނަމޫނާއަކަށް ބަލާނީ ބޮޑެތި މީހުން އުޅޭއުޅުމެވެ. އަދި އެމީހުން އުޅޭގޮތް ކުދިން ކޮޕީވެސް ކުރާނެއެވެ. އެހެންކަމުން  ބެލެނިވެރިން ކުދިންގެ ކިބައިގައި އަށަގެންނެވުމަށް ބޭނުންވާ ސިފަތައް ބެލެނިވެރިންގެ ގައިގައި ހަރުލެއްވުން މުހިންމެވެ. ބެލެނިވެރިންނަކީ އެކަކު އަނެކަކަށް އިޙުތިރާމްކުރާ ބައެއް ނަމަ ކުދިންވެސް އިޙުތިރާމް ކުރާނެއެވެ. އެހެންކަމުން ކޮންމެ ޢާއިލާއަކީވެސް ލޯތްބާއި، ކުލުނާއި، އޯގާތެރިކަމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ތެދުވެރިކަމާއި، ހިތްހެޔޮކަމާއި، މަތިވެރި އަޚުލާޤުގެ މާތް ސިފަ އަށަގަންފައިވާ ޢާއިލާއަކަށް ވާންޖެހެއެވެ. މިދެންނެވި ނަމޫނާތައް ޢާއިލާގެ ތެރެއިން ފުރިހަމަށް ނުދެއްކޭ ނަމަ، ބެލެނިވެރިން ކިތަންމެ ބޭނުންވިޔަސް ކުއްޖާގެ ކިބާގައި މިއާދަތައް އަށަގެންނެވުމަކީ މުސްތަހީލްކަމެކެވެ. މައިންބަފައިންގެ މެދުގައި އަރާރުންވުން އޮންނަކަމުގައި ވާނަމަ، ދަރިފުޅު މަންމަގެ ބަނޑުގައި އޮންނަ އިރުގައާއި، އޭގެ ފަހުގެ މަރުޙަލާތަކުގައިވެސް އެކަމުގެ ނޭދެވޭ އަސަރުތައް ކުދިންނަށް ކުރާނެއެވެ. މިފަދަ ކުދިންނަށް ނަފްސާނީ ގޮތުން ކުރާ ނޭދެވޭ އަސަރުތަކުގެ ތެރޭގައި، އަމާންކަމާއި ރައްކާތެރިކަން ނުލިބޭކަމުގެ އިޙުސާ އެކުދިންނަށް ކުރެވޭނެއެވެ. ހަމަ އެފަދައިން ހަމަނުޖެހުން ބޮޑު ޢާއިލާތަކުގައި ބައިން ބަފައިންގެ ތެރެއިން ކޮންމެ މީހަކުވެސް ދަރިފުޅު އެމީހެއްގެ ފަރާތަށް ލަންބުވަން މަސައްކަތްކުރުމުން، ދާނެ ވަކިކޮޅެއް ނޭނގި ސުވާލު ތަކެއްގެ ތެރޭގައި ދުވަސްތައް ވޭތުކުރަންޖެހެއެވެ. މިފަދަ ވެއްޓެއްގައި އުޅޭ ކުދިންނަށް އެމީހުންނަކީ އެހެން ކުދިންނާ ތަފާތު ބައެއްކަމަށް އިޙުސާސްކުރެވެއެވެ. ނަތީޖާއަކަށްވަނީ އަމިއްލަ ނަފުސަށް އިތުބާރުކުރުން ފަދަ ދިރިއުޅުމުގެ މުހިންމު ސިފަތައް މިފަދަ ކުދިންގެ ކިބައިން ބީވެގެންދިޔުމެވެ. މިފަދަ ކުދިން ދެކޭގޮތުގައި ޢާއިލީ ވެއްޓަކީ އެކަކު އަނެކަކާއި ދެކޮޅު ހަދައި، އަނިޔާކޮށް ހަދާ ވެއްޓެކެވެ.

3 – ބެލެނިވެރިންގެ އިޙުސާސްތައް ކުދިންނަށް ހާމަކުރުން:

ކުއްޖާ ކުރާ ކަންތައްތަކާއި އުޅޭއުޅުމަށް އަބަދުވެސް ފާރަލައި ބަލަންޖެހެއެވެ. މިކަންކުރަންޖެހެނީ ކުއްޖާއަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. މުޖުތަމަޢުގެ އެހެނިހެން ނުފޫޒުތަކާ ހުރެއެވެ. މިގޮތަށް ކުއްޖާ ކުރާ ކަންތައްތަކާއި އުޅޭއުޅުން ބަލަމުން ދަނިކޮށް، ކުއްޖާގެ ފުށުން ފާހަގަކުރެވޭ ކަންތައްތަކާއިމެދު ބެލެނިވެރިންނަށް އިޙުސާސްކުރެވޭގޮތް ކުއްޖާއަށް ހާމަކުރުމަކީ މުހިންމް ކަމެކެވެ. މިގޮތުން ކުދިންނާ މުޢާމަލާތްކުރާއިރު އަބަދުވެސް ތިމާއަށް ނިސްބަތްކޮށް ފެށުން ވަރަށް މުހިންމެވެ. މިސާލަކަށް ” މަންމަ ވަރަށް ދެރަވޭ ދަރިފުޅު ނުކިޔާ އުޅޭތީ!” މިގޮތަށް އިޙުސާސްތައް ބުނެދޭން ފެށުމުން، ކުދިން އެއިޙުސާސްތަކަށް ވިސްނަން ފަށާނެއެވެ. އަދި އެކުދިންގެ އިޙުސާސްތައް ބުނެދޭންވެސް އެކުދިންނަށް ފަސޭހަވާނެއެވެ.

4 – ކުދިން ކުރާ ރަނގަޅު ކަންތައް ފާހަގަކުރުން:

އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަކޮށް ވާހަކަ ދެއްކެނީ ކުދިންކުރާ ގޯސްކަންތައްތަކުގެ ވާހަކައެވެ. ކުދިންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކާއި، އެކުދިން ކުރާ ރަނގަޅުކަންތައްތަކުގެ ވާހަކަ އަޅުގަނޑުމެންނަށް އެކުދިން ކައިރީދެއްކެނީ ވަރަށް މަދުންނެވެ. މިއީ ވަރަށް ދެރަކޮށް އަޅުގަނޑުމެންނަށް ކުރެވޭކަމެކެވެ. ކުއްޖާ އުޅޭއުޅުމުގައި ރަނގަޅު ކަމެއް ފާހަގަ ވަނީނަމަ އެކަމެއް ފާގަކުރަންޖެހޭނެއެވެ. އަދި ކުއްޖަކު ރަނގަޅުކަމެއް ކުރަން ހުރިތަން ފެނިއްޖެ ނަމަ ވަގުތުން އެކަން ފާހަގަކޮށް ތައުރީފްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ތަޢުރީފްކުރުމުން ކުއްޖާގެ އުޅުން އިތުރަށް ރަނގަޅުވެ، ރަނގަޅު ކަންތައްތައް ކުރުމަށް ހިތްވަރު ލިބިގެންދާނެއެވެ. އެހެންކަމުން ކުދިން ކުރާ ނޭދެވޭ ޢަމަލުތަކަށްވުރެ ގިނައިން ފާހަގަކުރަންވާނީ ކުދިންކުރާ ރަނގަޅު ކަންތައްތަކެވެ.

5 – ކުދިން ދައްކާ ވާހަކައަށް ސަމާލުކަންދިނުން:

މައިންބަފައިންނާއި ދަރިންނާއި ދެމެދު ކުރެވޭ މުޢާމަލާތް ވާންޖެހޭނީ އޯގާތެރިކަމާއި އިޙުތިރާމުގެ މައްޗަށް ބިނާވެފައި އޮންނަ އެއްޗަކަށެވެ. ތިމާ ހިތްހަމަނުޖެހޭ ކަމެއް ކުއްޖެއްގެ ކިބައިން ފެނުނަސް އެކަމެއް މަނާކުރުމަށް ހަރުއަޑުން އަމުރުކުރުމުގެ ބަދަލުގައި ކައިރިއަށް ގެނެސް އޯގާތެރި ބަސްތަކަކުން މަޑުމައިތިރި ކަމާއި އެކު ނަޞޭޙަތްދެވިދާނެއެވެ. ހަމަމިހެން ކުއްޖާ އަމިއްލަ އަށް ކުރާ ރަގަޅު ކަންތައްތަކުގެ އަގު ވަޒަން ކުރަން ޖެހޭނެއެވެ. އެހެނީ މިފަދަ ކަންތައްތަކުގެ އަގުވަޒަން ނުކުރާނަމަ އަދި ކުރިންބުނި ހާލަތުގައި ނަޞޭޙަތް ދިނުމުގެ ބަދަލުގައި ހަރުއަޑުން ކުއްޖާއާއި ދިމާއަށް އަޑުލައިހަދާނަމަ ކުއްޖާގެ ހަޔާތްކެނޑި، މައިންބަފައިންގެ ގަދަރު އެކުއްޖެއްގެ ކުރިމަތީގައި ގެއްލިގެންދެއެވެ. އަދި ކުދިން މައިންބަފައިންނަށް ކުރާ އިހުތިރާމު ކުޑަވެގެންދެއެވެ. ކިތަންމެ އަވަދި ނެތި އުޅެންޖެހުނު ކަމުގައިވިޔަސް، މަންމައާއި ބައްޕައާއި ދެމީހުންވެސް ކުދިންނާއެކު ވަގުތު ހޭދަކުރަންވާނެއެވެ. އަދި ކުދިންނާ ވާހަކަ ދައްކާ މަޝްވަރާކޮށް ކަންތައްތަކާ ޚިޔާލު ބަދަލުކޮށް ހަދަންވާނެއެވެ. މިގޮތަށް ކުދިންނާ ވާހަކަ ދައްކާއިރު ހަމަ އެކަނި ބެލެނިވެރިޔާ ވާހަކަ ދެއްކުމުގެ ބަދަލުގައި ކުދިންނަށްވެސް ވާހަކަ ދެއްކުމުގެ ފުރުޞަތުދީ، ކުދިން ދައްކާ ވާހަކައާއި އެކުދިން ފާޅުކުރާ ޝުޢޫރުތަކަށް ސަމާލުކަންދީ، ކަނުލައި އަޑުއެހުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ކަންތައް ކުރުމުން ކުދިންނަށްވެސް އެކުދިންގެ އަގު ވަޒަންކުރާކަން އިޙުސާސްކުރެވި، އެކުދިންނަކީވެސް މުހިންމު ބައެއްކަމުގައި ޤަބޫލުކުރެވޭނެއެވެ.

6 – ވަޢުދު ފުއްދުން:

ކުދިން ގާތު ކަމެއް ކޮށްދޭން ބުނުމުގެ ކުރިން އެކަމީ ކޮށްދެވޭ ފަދަ ކަމެއްތޯ ބަލަންވާނެއެވެ. ކޮށްނުދެވޭނެ ކަމެއް ކޮށްދޭން އެއްވެސް ޙާލެއްގައި ބުނެގެންނުވާނެއެވެ. ކުދިންނަށް ކަމެއް ކޮށްދޭނަމޭ ބުނެފި ނަމަ ލަސްނުކޮށް އެކަމެއް ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް ކަންތައް ކުރުމުން ބެލެނިވެރިންނަށް އިތުބާރުކުރުމަށާއި، ކުދިން ރަގަޅު ކަމެއް ނުވަތަ ނުރަގަޅުކަމެއް ކޮށްފި ނަމަ ދެންވާނެގޮތް އެކުދިންނަށް އެނގޭނެއެވެ.

7 – ޤަވާޢިދު ހެދުން:

ކޮންމެ ޢާއިލާއެއްގެ  ތެރޭގައިވެސް އެޢާއިލާއެއްގައި މިހެނޭ މީހުން ޢަމަލުކުރާނެ ޤަވާޢިދުތަކެއް ހެދިފައިހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް ނިދާ ގަޑިއާއި، ފަތިހު ހޭލާނެ ގަޑި ފަދަ މުހިންމު ކަންތައްތައް ޤަވާޢިދުގައި ހިމެނިދާނެއެވެ. ކުދިންނަށް ވެސް އެކުދިން ޢަމަލުކުރާނެ ޤަވާއިދުތަކެއް އަންގާދެވިފައި އޮންނަންޖެހޭނެއެވެ. ނަމަވެސް މިޤަވާޢިދުތައް ހަދާއިރު އެންމެ އިސްކަންދޭންޖެހޭނީ ކުއްޖާގެ ޢުމުރާގުޅޭގޮތަށް ޤަވާއިދުތައް ހެދުމަށެވެ.   މިގޮތަށް ޤަވާޢިދުތަކެއް ހެދުމުގެ ސަބަބުން ކުދިންނަށް އެކުދިންގެ އުޅުން ބައްޓަންކުރުމަށް އެހީތެރިވެދޭނެއެވެ. ބަންގި ގޮވުމުން އެވީ ނަމާދުކުރަންކަމާއި، ފިލާވަޅު ދަސްކުރާ ގަޑި ޖެހުމުން އެވީ ފިލާވަޅު ދަސްކުރުންމަކާއި ކުޅިވަރުކުޅުމަށް ހަމަޖެހިފައިވާ ވަގުތު ކިޔަވަން ނުޖެހޭނެކަމާއި، އެވަގުތު ކުޅެން އުޅުނުކަމުގައި ވީނަމަވެސް އެއްވެސް މީހަކު އެއްޗެއް ނުބުނާނެކަން ކުދިންނަށް ކަށަވަރުވާނެއެވެ.

8 – ބުނާބަހުގައި ހިފެހެއްޓުން:

ޢަމަލުކުރާނެ ޤަވާޢިދުތަކެއް ހެދިފައިވާނަމަ، އެޤަވާއިދުތައް ތަންފީޒުކުރަންވާނެއެވެ. “ނޫން” ގެ މާނައަކީ ހަމަ ނޫންކަމުގައި ހަދަންވާނެއެވެ. އެހެން ނޫން ކަމުގައި ވާނަމަ އެކުދން ބެލެނިވެރިންނަށް އިތުބާރެއް ނުކުރާނެއެވެ. އަދިއެކުދިން ބޮޑެތިވެގެން ޤާނޫނާ ޤަވާއިދަށް ބޯލެބުންވެސް ދުރުވާނެއެވެ. އެހެނީ ކުދިންނަށް ދަސްވެފައި ހުންނާނީ އެފަދަ ކަންތައްތަކަކީ ކޮންމެހެން ޢަމަލުކުރަން ޖެހޭ ކަންތައްތަކެއް ނޫންކަމަށެވެ.

9 – “ޕޮޒިޓިވް”ކޮށް ވާހަކަ ދެއްކުން:

ކުދިންނާ ވާހަކަ ދައްކާއިރު ޕޮޒިޓިވްކޮށް ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް: “ތިޔަ ތަށި ތެޅިދާނެ!” މިހެން ބުނުމުގެ ބަދަލުގައި “ތަށި ބާރަށް ހިފަހައްޓާ!” ނުވަތަ “ބަލައިގެން އުޅޭތި” މިފަދަ ގޮތަކަށް ބުނެވިދާނެއެވެ. މިހެން ހެދުމުގެ ސަބަބުން، ކުދިންވެސް ކަންކަމުގައި ވިސްނާނީ އެކަމެއްގައި އޮންނަ ރަނގަޅު ގޮތަށެވެ.

10 – ޒިންމާ ނަގަން ދަސްކޮށްދިނުން:

އަޅުގަނޑުމެން ބެލެނިވެރިންނަށް މިހާރު ހީވެފައި އޮންނަނީ ކުއްޖާ ކިޔެވުމުގެ ދުވަސްވަރު ހަމައެކަނި އޭނާއަށް ކުރެވޭނެ ކަމަކީ ސްކޫލަށް ދިއުމާއި، ސްކޫލުން ދޭ ފިލާވަޅުތައް ދަސްކުރުން އެކަންޏެވެ. ދަރިފުޅުގެ ޢުމުރުން ފަނަރަ ސޯޅަ އަހަރުވާއިރުވެސް ދަރިފުޅު ލާ ޔުނީފޯމް ދޮއެއިސްތިރިކޮށްދޭން ޖެހެނީވެސް އެހެންވެގެންނެވެ. ނަވަސް މިއީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫނެވެ. މިހެން ހެދުމުން ދުވަހަކުވެސް ދަރިފުޅަށް ޒިންމާ ނަގައިގެން ކަންތައްތައް ކުރުމަށް އާދައެއް ނުވާނެވެ. ކުއްޖާ އެންމެ ތުއްތު އިރުވެސް އޭނާގެ ޢުމުރާ ގުޅޭގޮތުން ޒިންމާ ނަގަން ދަސްކޮށްދެންވާނެއެވެ. މިސާލެއްގެ ގޮތުން ދަންނަވަނީ ނަމަ ގްރޭޑް 1، 2 ގައި އުޅޭ ކުދިންނަށް، ކޮންމެ ދުވަހަކުވެސް އެކުދިންގެ ޓައިމްޓޭބަލަށް ފޮތް ނެގުމަކީ އެކުދިންގެ ޒިންމާއަކަށް ހެދިދާނެއެވެ. އަދި ހަމަ އެހެންމެ ރަނގަޅަށް ޒިންމާދާރު ނުވެވުމުން ވެދާނެ ގެއްލުންތަކާއިމެދު ސަމާލުވާންވެސް ދަސްކޮށްދޭންވާނެއެވެ. މިސާލަކަށް ޓައިޓޭބަލަށް ހަމައަށް ފޮތް ނާޅައިފިނަމަ ފިލާވަޅުތައް ހަމަ އަށް ނުލިބޭނެކަމާއި، ފިލާވަޅުތައް ހަމައަށް ނުލިބިއްޖެ ނަމަ ޓެސްޓުން ފާސްނުވާނެކަން ބުނެދީ ސަމާލުކުރެވިދާނެއެވެ.

11 – ބެނިވެރިންނަށް ދަރިފުޅު މުހިންމުކަން އަންގައިދިނުން:

ޢާއިލާގެ ތެރޭގައި ކުދިންނަކީ ވެސް  މުހިންމު ބައެއްކަން އެނގުމުން ކުދިން ވަރަށް އުފާވާނެއެވެ. ވީމާ ކުދިންނަށް ކުރެވޭ ކަހަލަ ކުދިކުދި ކަންތައްތައް އެކުދިންނާ ޙަވާލުކޮށްގެން ގޭތެރޭގައި އެކުދިންގެ މުހިންމުކަން އަންގައި ދެވިދާނެއެވެ. މިގޮތަށް ކަންތައް ކުރުމުން ޢާއިލާގެ ތެރޭގައި ޒިންމާ ނަގައިގެން މަސައްކަތްކުރުމުގެ އާދަ ކުދިންގެ ކިބާގައި ހަރުލާނެއެވެ.

12 – ހިތްހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކުރުން:

މަންމައާއި ބައްޕައާއި ދެމީހުންވެސް ކޮންމެ ދުވަހަކުވެސް ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލުމަކީ ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިވަގުތު ކޮޅަކީ ކުދިންނާއެކު ކޮންމެވެސް ކަހަލަ ކުޅިވަރެއް ކުޅޭ ވަގުތުކޮޅަކަށްވެސް ހެދިދާނެއެވެ. ނުވަތަ ތަފާތު ވާހަކަ ދައްކާ މަޖާކުރާ ވަގުތުކޮޅަކަށްވެސް ހެދިދާނެއެވެ. މިގޮތަށް ވަގުތު ހޭދަކުރުމުން ބެލެނިވެރިންނާއި ކުދިންނާ ދޭތެރޭ އޮންނަ ގުޅުން ވަރުގަދަވާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top