ބިޑް ކުރުމަކާނުލައި ފަޅުރަށްތައް ވިއްކޭގޮތަށް ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރިސޯޓު ހެދުމަށް ބ.އަތޮޅުގެ ތިން ރަށާއެކު ޖުމްލަ 10ރަށް ވިއްކާލުމަށް އިއުލާނުކޮށްފިއެވެ.
ބ.އަތޮޅުން ވިއްކާލަން އިއުލާނު ކޮށްފައިވަނީ ބ.ފަރެސް ، ބ.އިންނަފުށި އަދި ބ.ބޮޑުފިނޮޅެވެ.
ފަރެސް ހިމެނެނީ ވިއްކާލަން އިއުލާނުކޮށްފައިވާ 10 ރަށުގެ ތެރެއިން އެންމެ ބޮޑުއަގުގައި ވިއްކާލަން ނިންމާފައިވާ ދެރަށުގެ ތެރޭގައެވެ.
އެ އިއުލާނުގައިވާ ގޮތުން ބ.ފަރެސް ވިއްކާލަން ނިންމާފައިވަނީ 6.7 މިލިއަން ޑޮލަރަށެވެ. ބ. އިންނަފުށި ވިއްކާލަން ނިންމާފައިވަނީ 2.1 މިލިއަން ޑޮލަރަށެވެ. އަދި ބޮޑުފިނޮޅު، 4.1 މިލިއަން ޑޮލަރަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ރަށްތައް ވިއްކުމަށް އިއުލާންގައި ބުނެފައިވާ އަގުތަކަކީ އަންދާޒީ އަދަދުތަކެއް ކަމަށެވެ. އެ އަދަދުތައް ކަށަވަރުކުރެވޭނީ މިނިސްޓްރީން ގަބޫލުކުރާ ފެންވަރުގެ ސާވޭއެއް ހެދުމަށް ފަހުގައިކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.