ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ 85 އިންސައްތަ ނިމިއްޖެކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަސައްކަތުގެ އަޕްޑޭޓް ދެމުން އެމްޓީސީސީއިން ބުނީ މިހާރު ކުރިއަށްދަނީ އާ ހާބަރ ބޭސިންގެ ޕޭވްމަންޓް މަސައްކަތްތައް ކަމަށެވެ. އަދި ރިވެޓްމެންޓް ޖެހުމަށް ބޭނުންވާ ބޮޑުހިލަތައްވެސް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގަކީ 45.1 މިލިއަން ރުފިޔާއެވެ.
މި މަޝްރޫޢުގެ ދަށުން، 18،500 ކޮޑިމީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 25،000 ކޮޑި މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުން ހިމެނެއެވެ. އަދި 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
މީގެއިތުރުން، މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް މިމަޝްރޫޢުގެ ދަށުން ކުރެވިގެން ދާނެކަމަސް އެމްޓީސީސީއިން ބުނެފައިވެއެވެ.