އޮޅުގިރި ބެލެހެއްޓުމަށް އީޕީއޭ އާއި އަތޮޅު ކައުންސިލުގެ އެއްބަސްވުމެއް

DSC_2360.jpg

ބ.އޮޅުގިރި

ހިމާޔަތްކޮށްފައިވާ ބ.އޮޅުގިރި ރައްކާތެރިކޮށް ބެލެހެއްޓުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި ބ. އަތޮޅު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ސޮއި ކުރި މި އެއްބަސް ވުމަކީ ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ އޮޅުގިރި އާއި އެރަށުގެ ވަށައިގެންވާ ފަޅުގެ ސަރަހައްދުތަކުގެ ދިރުންތަކާއި ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިގު މުއްދަތަކަށް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ޕްލޭން ތަންފީޒުކޮށް ބެލެހެއްޓުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެކެވެ.

އޮޅުގިރި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޕްލޭން ، ތިމާވެއްޓާބެހޭ މިނިސްޓްރީން ގެޒެޓްގައި ޝާއިއުކުރީ މިދިޔަ މަހު 14 ގައެވެ.

އެ ޕްލޭނުގައި އެރަށުގެ ވެއްޓާއި އެ މާހައުލުގައި ވަޒަންވެރިވެގެން ދިރިއުޅޭ ދިރުންތަކާއި، ހާއްސަކޮށް ހޯރައާއި އެސޮރުމެން ދިރިއުޅޭ ގަސްތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައިފައެވެ. އެއާއެކު އެރަށް ރައްކާތެރިކުރުމަށް ބ. އަތޮޅު ކައުންސިލްގެ އިތުރުން ތުޅާދޫ އަދި ހިތާދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއް ހެދިގެންދާނެ ކަމަށް ވެސް އެ ޕްލޭނުގައި ބުނެފައިވެ އެވެ.

އެޕްލޭންގައި އެރަށުގެ ފަރުތައް ރައްކާތެރިކޮށް ދިރުން ދަމަހައްޓައި އެ ރަށުން އިގްތިސާދީގޮތުން ފައިދާ ހޯދޭނެ ގޮތްތައްވެސް ކަނޑައަޅައިފައި ވެއެވެ. އަދި އޮޅުގިރި ސަރަހައްދު ބެލެހެއްޓިގެން ދާނީ ކައުންސިލްތަކާއި އަދި ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިއާ ރިޒާވް އޮފީހުގެ އެހީތެރިކަމާއެކީ ކަމަށްވެސް އެ ޕްލޭނުގައި ބުނެފައިވެ އެވެ.

ޕްލޭންގައިވާ ގޮތުން ފަތުރުވެރިން ސްނޯކްލިންގްއަށާއި ޑައިވިންގްއަށް ގެންދިޔުމުގެ ހުއްދަ ވަކި އުސޫލު ތަކެއްގެ މަތިން ސަފާރީ އުޅަނދުތަކަށާއި ރިސޯޓުތަކަށާއި ގެސްޓުހައުސްތަކަށް ދެވިގެންދާނޭކަމަށާއި އެ ފަރާތްތަކުން އޮޅުގިރިއަށް އަރާ ކޮންމެ ފަހަރަކު “ބ. އޮޅުގިރި އެކްސެސް ޕާމިޓް” ބައްލަވައި ގަންނަން ޖެހެެއެވެ.

ބ. އަތޮޅުގެ ދެކުނުގައި އޮންނަ އޮޅުގިރި ހިމާޔަތް ކުރީ ކާށިދޫ ކަނޑުގެ ސަރަހައްދުގައި އުދުހޭ މާހޯރަ ނިދަން އަރާ ރަށަކަށްވުމުގެ އިތުރުން ގިނަ އަދަދަކަށް ވެލާ އަރާތީ އާއި ޒަމާންވީ ގަސްތަކެއް ހުރެފައި އެ ރަށުގެ ދެ ފަރާތުގައި ތަފާތު ވެޖިޓޭޝަނެއް އޮތުމުގެ އިތުރުން ބަޔޯ ޑައިވާސިޓީގެ ގޮތުން ވަރަށް ތަފާތު ރަށަކަށްވާތީ އެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން މިއަތޮޅުގައި މިހާރުވެސް 10 ސަރަހައްދެއް ކޯ އޭރިޔާގެ ގޮތުގައި ކަނޑަ އަޅާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ އޮޅުގިރި، ދިގަލިހާ، މެންދޫ، ހަނިފަރު، އަނގަފަރު، މަތިފަރުހުރާ، ބަތަލާ، އަދި ގޮއިދޫ ކޯރު ސަރަހައްދު ހިމެނެ އެވެ. ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅަނީ ގުދުރަތީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އަދި އަގުބޮޑު ވަސީލަތްތައް ހިމެނޭ ތަންތަނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top