އަންނަ އަހަރު، 2026 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އަންއަހަރުގެ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ މި ފައިސާ އަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ޓަކައި ކައުންސިލްތަކުގެ ބާރުތައް އިތުރުކުރުމުގެ މަގްސަދުގައި ދޫކުރާ އެހީއެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި 2026 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓު ބަޔާން އިއްވަވަމުން، ޒަމީރު ވިދާޅުވީ، ބްލޮކް ގްރާންޓަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ މިންވަރަށް ފިސްކަލް ފޯމިއުލާއެއްގެ ތެރެއިން ކައުންސިލްތަކަށް ދޭ އެހީއެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، ބްލޮކް ގްރާންޓުން ހަރަދުކުރެވޭ އުސޫލުތައް ހަރުދަނާކޮށް، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ހަރަދުކުރުމަށް ބާރު އެޅޭނެ ގޮތަށް ބައްޓަންކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި މީގެ މަގުސަދަކީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތަކަށް ބަޖެޓު ބޭނުންކުރުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވެފައިވަނީ، އަންނަ އަހަރު ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ބޮޑުވާނެ ކަމަށެވެ. މި ބަދަލުގެ މައިގަނޑު ސަބަބަކީ، 2026 ވަނަ އަހަރު ލާމަރުކަޒީ ނިޒާމަށް ގެނައުމަށް ނިންމަވާފައިވާ ބަދަލާއެކު، އަތޮޅު ކައުންސިލްތައް އުވިގެން ދިއުމެވެ. އަތޮޅު ކައުންސިލްތައް އުވިގެން ދިޔުމާއެކު، އެބައި ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓްގެ އިންސައްތައަށް އިތުރުކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އަންނަ އަހަރުގެ ތެރޭގައި ކައުންސިލްތަކަށް ލިބޭ ބަޖެޓު ކަނޑައެޅުމުގައި ބޭނުންކުރާ އުސޫލަށް ވެސް މުހިއްމު ބަދަލެއް ގެނައުމަށް ރައީސް ވަނީ ނިންމަވާފައެވެ. އެއީ، ރަށުގެ އާބާދީގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ގްރާންޓް ދޫކުރުމުގެ އުސޫލު ތައާރަފުކުރުމެވެ. މި ބަދަލުގެ ސަބަބުން، ކުދި އާބާދީގެ ރަށްރަށަށް ވެސް ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.






