ދުނިޔެވީ އެދުންތައް ޙާޞިލުކުރުމަގައި ފާފަތަކާ ދުރުހެލިވާންވީ ކީއްވެ؟

1-2.jpg

ޤިޔާމަތް ދުވަހަކީ، ހަމަކަށަވަރުންވެސް އަންނާނޭ ދުވަހެކެވެ. ތަޤްވާވެރީންނަށް އެދުވަސްވެގެންދާނީ ނިމުމެއްނެތް ދާއިމީ ނިޢުމަތްތަކެއް ލިބެނިވި ޙަޔާތެއްގެ ފެށުން ކަމުގައެވެ. އަދި ﷲ އަށް އުރެދި ފާފަތަކަށް އަރައިގަނެ، ކުރެވިފައިވާ ފާފަތަކަށް ތަވްބާނުވެ، ނުކިޔަމަންތެރިވެ އުޅުނު މީހުންނަށް އެދުވަސް ވެގެންދާނީ، ނިމުމެއްނެތް ވޭންދެނިވި ޢަޛާބަށް ހުށަހެޅިގެންދާނޭ ދުވަހަކަށެވެ.

ޝައްކެއްނެތެވެ. އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރަން ލިބިފައިވާ ޙަޔާތަކީ ދުނިޔެވީ ޙަޔާތެވެ. ދުނިޔެވީ ދިރިއުޅުމަކީ ވަގުތީކަމެކެވެ. ޣާފިރު ސޫރަތުގެ 39 ވަނަ އާޔަތުގެ މާނައިގައިވަނީ “އޭ އަހުރެންގެ ޤަޥްމުގެ މީހުންނޭވެ! މި ދުނިޔެވީ ޙަޔާތް ވާކަން ކަށަވަރީ ވަގުތީ އުފަލެއްކަމުގައެވެ. އަދި ހަމަ ކަށަވަރުން އާޚިރަތްދުވަހަކީ، އެއީ ދެމިހުންނަނިވި ގޮވައްޗެވެ.”

އަދި ސޫރަތު އާލިޢިމްރާނުގެ 185 ވަނަ އާޔަތުގެ މާނައިގައިވަނީ “ދުނިޔެވީ ޙަޔާތަކީ ކެހިވެރިކަމުގެ ވަޤުތީ އުފަލެއްކަމުގައި މެނުވީ ނުވެއެވެ.” 

ކީރިތި ޤުރްއާނާއި ކީރިތިރަސޫލާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގޭގޮތުގައި ދުނިޔެއިން މި ލިބޭ ކޮންމެ ކަމަކީ އަދި ކޮންމެ އެއްޗަކީ، އުޚްރަވީ ޙަޔާތުގެ ކަންކަމާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. އަދި ދުނިޔޭގެ ނިޢުމަތްތަކަކީ، ވަގުތީ އެއްޗެކެވެ. އެހެންކަމުން، ދުނިޔޭގައި އުޅެން ލިބިފައި މިވާ މަދު ދުވަސްކޮޅުގެތެރޭގައި ދިވެހިން މިކިޔާ ފަހު ދުވަހުގެ (ޤިޔާމަތްދުވަހުގެ) ދާއިމީ ދިރިއުޅުން ބަރުބާދުވާ ވަރުގެ ފާފަތަކެއް ކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ވަގުތީ އުފަލެއް ފިޔަވާ އެހެން އިތުރު އެއްވެސް ކަމެއް ނޯންނާނެއެވެ. އެކަމެއް ފަޅާއަރައި ޝަރީޢަތަށް ސާބިތުވެއްޖެނަމަ އަދަބު ލިބި ހިތްދަތިކަމެއްގެ ތެރެއަށް މީހާ ގެނބިގެން ހިގައިދާނެއެވެ.

މަރުވުމަށް ފަހު، ޤިޔާމަތާ ޖެހެންދެން އެއްބަޔަކު ތިބޭނީ ކައްވަޅުގެ ޢަޛާބުގައެވެ. އަނެއްބަޔަކު ތިވޭނީ ކައްވަޅުގައި ނިޢުމަތުގައެވެ. ދެން އެއަށްފަހު، ޤިޔާމަތްވުމުން އެންމެން މަޙްޝަރަށް އެއްކުރެވި އެބައިމީހުންގެ ޙިސާބު ބައްލަވައި ހެޔޮކަމުގެ ފަތް ކުރިމަތިން ކަނާއަތަށް ދެވުނު މީހުން އުފަލުންތިބެ ސުވަރުގެއަށް ދާނެއެވެ. އަދި ހަމައެހެންމެ ފުރަގަހުން ވާއަތަށް ފަތް ލިބުނުމީހުން އޭ ހުރި ހަލާކެއްގެ ބޮޑުކަމާއޭ ކިޔަމުން ނަރަކަށް ދާނެއެވެ. މިއީ ﷲށް އަޅުކަންކުރުމަށްޓަކައި އިންސާނާ ހެއްދެވި ފަރާތުން ބާވައިލެއްވި ކީރިތިޤުރްއާނުގެ ނައްޞުން ބަޔާންވެފައިވާ ގޮތެވެ.  

އަންނިސާއުސޫރަތުގެ 87 ވަނަ އާޔަތުގެ މާނައިގައިވަނީ “ﷲ އީ އެކަލާނގެ ފިޔަވައި (ޙައްޤުވެގެން އަޅުކަމެއް ވެވޭ) އިލާހަކު ނުވާ ރަސްކަލާނގެއެވެ. ޤިޔާމަތް ދުވަހުން، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާނެކަން ކަށަވަރެވެ.އެކަމާމެދު ޝައްކެއްނެތެވެ. ބަސްބުނުމުގައި ﷲށްވުރެ ތެދުވެރިކަން ބޮޑީ ކާކުހެއްޔެވެ؟”

ކަންއޮތީ މިހެންކަމަށްވާއިރު ތިމާއަށް ޙައްޤުނޫން އެއްޗެއް ގަދަބާރުން، ތަޅާފޮޅައިގެންނާއި ރިޝްވަތު ދިނުންފަދަ އެތައް ޖަރީމާތަކެއް ހިންގައިގެން ޙާޞިލުކުރަން އުޅުމުގެ ނަތިޖާއަކަށް ވެގެންދާނީ ކަށިހުރި ވިހަ މޭވާ ކާންލިބޭ، އަދި ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެން ބޯންދިނުމުގެ ސަބަބުން ގޮހޮރު ބުރިބުރިވެގެންދާނޭ ނަރަކައަށް މާތްﷲ އެމީހަކު ވެއްދެވުމެވެ. ދެން އެއަށްފަހު އެމީހަކު ދާއިމަށް އަބަދަށް ދެމިގެންދާގޮތުގައި ވާހުށީ އަނދައަނދާ ހުންނަ، ހޫނުކަން ގަދަވެގެންވާ ނަރަކައިގައެވެ. ދުނިޔެވީ އެދުންތައް ޙާޞިލުކުރުމަގައި ފާފަތަކާ ދުރުހެލިވާންވީ މިހެންވެގެންނެވެ. ނަރަކައިން ސަލާމަތްވެ ސުވަރުގޭގެ ދާއިމީ ނިޢުމަތްތައް ޙާޞިލުކުރުމަށްޓަކައެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top