ދީނީ ސަފްހާ: ނިޔާމަ ދަތުރު

30743267_812709308921748_1568990352403288835_n-1.jpg

ތަރުޖަމާ: ޢަބްދުﷲ ނަޢީމް އިބްރާހީމް                          (9ނޮވެމްބަރ އާ ގުޅޭ)

ތަޤުވާއަކީ ކޮބާ؟

ހިޓްލަރުގެ ވެރިކަމުގައި ޖަރުމަނުގެ ޔަހޫދީން ފެނުނު ތަނަކުން އަތުލައި، މެރުމުގެ އަމުރު އޮތީ ނެރެފައެވެ. މި އަމުރާގުޅިގެން ވަރަށް ގިނަ ޖޯކު ނުވަތަ ހެއްވާ ވާހަކަ މަޝްހޫރު ވެގެން ދިޔައެވެ. އޭގެ ތެރޭގައި ތިރީގައި މިލިޔާ ވާހަކަ ހިމެނެއެވެ.

މަގުމަތިން ޔަހޫދީއަކު ފިލަން ދުވެފައި ދަނީއެވެ. މިތަން ފެނިފައި އެހެން ޔަހޫދީއަކު ސުވާލުކުރިއެވެ. “މާ ބާރަށް ދުވެފައި ދަނީ ކޮންތަނަކަށް ހެއްޔެވެ؟” ޖަވާބުގައި އޭނާ ބުންޏެވެ. “ކަލޭވެސް އަވަހަށް ދުވެ ފިލާށެވެ.” ޔަހޫދީ މީހާ އަނެއްކާވެސް އަހައިލިއެވެ. “ކިހިނެއްވީހެއްޔެވެ؟ ފިލަންވީ ކީއްވެގެން ހެއްޔެވެ؟” ދުވެފައިދާ މީހާ ބުންޏެވެ. “ޙައިވާނު ބަގީޗާއިން މިނިކާ ޖަނަވާރެއް ފިލައިފިއެވެ. އެސޮރު ފެނުނު ތަނަކުން މެރުމުގެ އަމުރު ނެރެފިއެވެ.” ދެވަނަ ޔަހޫދީ މީހާ ޙައިރާންވެފައި އަހާލިއެވެ. “ތިޔަކަމާ އަހަރެމެން ގަންނަންވީ ކޮން ބިރެއްހެއްޔެވެ؟ އަހަރެމެންނަކީ މިނިކާ ޖަނަވާރުހެއްޔެވެ؟” ދުވެފައިދާ މީހާ ބުންޏެވެ. “އަހަރެމެންނަކީ މިނިކާ ޖަނަވާރެއްނޫނެވެ. އެހެންނަމަވެސް އެކަން އަހަރެމެންނަށް ސާބިތުކޮށްދެވިދާނެ ހެއްޔެވެ؟”

މި މިސާލުން އެނގޭގޮތުގައި އިންސާނާއަކީ ކޮންކަހަލަ މީހެއްކަން އެނގެނީ ބިރުގަތީމައެވެ. ބިރުގަތީމާ ކޮންމެ މައްސަލައަކީވެސް ތިމާގެ މައްސަލައެކޭ ހީވަނީއެވެ. މި މައްސަލަޔާގުޅިގެން ތިމަންގެ ގައިގައި ނުހިފޭނެ ބާވައޭ ހީވެ ޖެހިލުންވަނީއެވެ. މީހަކު ދެކެ ބިރުގަތުމަކީ އެމީހަކަށް ވުރެ ތިމާ ދެރަކަމަށް ޤަބޫލު ކުރުމެވެ. އެކަމެއް ނިންމުމުގެ އިޚްތިޔާރު އޮތީ އެމީހެއްގެ އަތުގައި ކަމަށް އެއްބަސްވުމެވެ. އެހެން މީހެއްގެ އަތުގައި އެބާރު އޮތްހާ ހިނދަކު ތިމާ އުޅެން ޖެހޭނީ ޖެހިލުންވުމުގެ ތެރޭގައެވެ. ތިމަން މިއީ ކުށްވެރި އެއްކަމަށް ނުނިންމާނެ ބާވައޭ ހިތާ ބިރުންނެވެ. އަހަންނާ އެތައް ހިސާބު ދުރު ތަނެއްގައި މަރުވެފައި އޮތް ބަކަރިއެއްގެ މަރުގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅިއްޖެނަމަ، އަހަރެންގެ ކުށެއް ނެތްކަން ސާބިތުކޮށް ދެވޭނެ ބާވައެވެ؟

އެންމެ ބާރުގަދަ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ހުރިހާ ނިންމުމެއް ޙަޤީޤީ ވެރިޔަކީ އެކަލާނގެއެވެ. އިންސާނާގެ ހިތަށް މި ޚިޔާލު ރަނގަޅަށް ވަނުމާއެކު ހިތުގައި ޖެހިލުންވުން އުފެދިގަންނާނެއެވެ. ކޮންމެ ޢަމަލެއް ކުރާއިރު ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ޒިންމާދާރު ވާންޖެހޭނެއޭ ހިތަށް އަރާނެއެވެ. އަމިއްލަ ނަފުސު ސަލާމަތް ކުރުމުގެ އެދުން ބޮޑުވެގެންގޮސް ޢާންމުންނާއެކު ކުރެވޭ މުޢާމަލާތް ތަކުގައި ވަރަށް ބޮޑަށް ފަރުވާތެރިވާނެއެވެ. މީހުންނާމެދު ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ކަންތައްތައް ކުރާނެއެވެ. މީހުންގެ މައްޗަށް ޙައްޤުވާ ވަރަށްވުރެ މާ ގިނައިން ހޭދަކުރާނެއެވެ. ތިމާގެ މީހަކު ނުވަތަ ރައްޓެއްސަކު ނުބައި ކަމެއް ކުރާނަމަ އެކަމެއްގެ ނުރައްކާވެސް ތިމާގެ ބޮލުގައި އެޅިފައިވާ ކަމަށް ހީކުރެވޭނެއެވެ. އާޚިރަތް ދުވަހުން މިވެނި މީހަކަށް އެވެނި ކަމެއް ކުރަން ކެރުނީ ކަލެޔާ ހެދިއޭ ބުނެވިއްޖެނަމަ އެކަމުން ރެކެން ދައްކާނީ ކޮން ޢުޒުރެއް ބާވައޭ ހިތަށް އަރާނެއެވެ. އޭނާއަށް ބާރު ނުފޯރާ ފަށުގައި ހިނގާ އަނިޔާތަކާ މެދުވެސް ބިރުގަންނާނެއެވެ. ނިޔާ އިއްވޭ ދުވަހު، ޢާންމުންނާބެހޭ ގޮތުން ބާވައިލައްވާފައިވާ ޤާނޫނުތައް ކަލެއަށް ނޭނގުނީ ކީއްވެގެންހޭ ސުވާލު ކުރެއްވިއްޖެނަމަ ދޭނީ ކޮން ޖަވާބެއް ބާވައޭ ހިތަށް އަރާފައެވެ. އޭނާގެ ދާއިރާގައި މީހަކަށް ގެއްލުން ލިބެމުން ދާތަން ފެނުމުން، މިއީ ކަލޭ އުފައްދާފައިވާ ވިޔާނުދާ މާޙައުލުގެ ސަބަބުން ހިނގާ ކަންތަކޭ ބުނެވިއްޖެނަމަ އެކަމުން މިންޖުވާން ދައްކާނޭ ހެއްކެއް އެބައޮތް ބާވައޭ ހިތަށްއަރާ، ހާސްވާނެއެވެ. މީހަކު އެހީއަކަށް އެދި އަތްދިއްކުރުމުން ޢުޒުރެއް ދައްކާފައި އެހީއެއް ނުވެ ދާންޖެހިއްޖެނަމަ ބިރުން ތުރުތުރު އަޅާނެއެވެ. އާޚިރަތް ދުވަހުން، އޭނާއާއި މުޚާޠަބުކޮށް ކަލޭ އެދުވަހު ދެއްކި ޢުޒުރަށްވުރެ ތިމަން ﷲ ގެ އަޅާއަށް އެހީވުމުގެ މުހިންމުކަން މާބޮޑޭ އެންގެވުމުން އޭނާ ހަދާނޭ ދޮގެއް ނޯންނާނެކަން އެނގޭތީއެވެ.

ނޭނގުން

މީހަކު ކުރެން އެ މީހަކު ލޯބިވާ ދަރިއެއްގެ ވާހަކަ އަހައިފިނަމަ ދައްކާނޭ ވަރަށް ގިނަ ވާހަކަ ހުރެއެވެ. އެ ވާހަކަތައް ދުވަހަކު ކޮޅުންވެސް ނުލާހައި ގިނައިންނެވެ. އެކަމަކު ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވާހަކައެއް އަހައިފިނަމަ އަނގަ ބަންދުވެދެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއާބެހޭ ގޮތުން އޭނާއަށް އެކައްޗެއްވެސް ނޭނގެނީ ކަހަލައެވެ.

މީހެއްގެ ގާތުގައި އޭނާގެ ޢާއިލާގެ ޤަދަރު ހުރި މުސްކުޅިއެއްގެ ވާހަކަ ނިކަން ދައްކަވަ ބައްލަވާށެވެ. އޭނާގެ ވާހަކަ ހުސް ނުވާހައި ދިގު ވާނެއެވެ. އޭނާގެ ޖަޒުބާތުތައް ހިލިގަނެ، ފޯރި އައިސް އަޑުގަދަކޮށް ވާހަކަ ދައްކައެވެ. އެކަމަކު އެމީހާ ކުރެން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޚަބަރު ހަމަ އެހުމާއެކު ފޯރިގަނޑު މަޑުވެ، ޖަޒުބާތުތައް އޮބިދެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއާބެހޭ ގޮތުން ދައްކާނޭ ވާހަކައެއް ނޭނގެނީ ކަހަލައެވެ.

މީހަކު ކުރެން އެމީހަކު ތާއީދު ކުރާ “ބޮޑެއް” ގެ ވާހަކަ ނިކަން އައްސަވަ ބައްލަވާށެވެ. އޭނާގެ ދޫ ހަލުވިކަމާއެކު ހިނގައިގަންނާނެއެވެ. މީހަކު ދެމެދަށް ވަދެ މައުޟޫޢު ބަދަލުކޮށް ނުލާހައި ހިނދަކު ހުއްޓައެއް ނުލާނެއެވެ. އެކަމަކު އެމީހާޔާ ﷲ ސުބްޙާނަހޫ ވަތަޢާލާއާބެހޭގޮތުން ސުވާލެއް ކޮށްލުމާއެކު އޭނާގެ ޖޯޝް ފިނިވެދާނެއެވެ. އެއްވެސް ޚަބަރެއް، ދަބަރެއް ނޭނގޭ މީހަކު ފަދައިންނެވެ.

މީހެއްގެ ގާތު ޤައުމީ ބަޠަލެއްގެ ވާހަކަ ނިކަން ދައްކަވަ ބައްލަވާށެވެ. މޮޅު ވާހަކަ ދެއްކުންތެރިއެކޭ އެއްފަދައިން، ފަސޭހަ ކަމާއެކު ތަޢުރީފުގެ ބަސްތައް އަމުނައިލާނެއެވެ. ވާހަކަ ދައްކަން މަޖުބޫރުވާ ފަދަ އެއްވެސް ރޫޙެއް އޭނާގެ އެތެރެހަށްޓަކު ނުއުފެދޭނެއެވެ.

ކިހައި ދެރަ ކަމެއްތޯއެވެ؟ އިންސާނަކަށް ތަޢުރީފު ކުރަން ޖެހުމުން ރީތި ޖުމްލަތަކުން ފުރިފައިވާ ބަސްކޮށާރަ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތަޢުރީފު ކުރަން ޖެހުމުން ހުސްވެދެއެވެ. ތިމާފަދަ އަނެއް އިންސާނާޔާބެހޭ ގޮތުން، އިންސާނާގެ ޚަޒާނާގައި ވަރަށް ގިނަ މަޢުލޫމާތު އެއްކުރެވިފައި ހުރެއެވެ. އެކަމަކު ﷲ ސުބްޙާނަހޫ ވަތަޢާލާއާ ބެހޭ ގޮތުން ދުލުން ނުވަތަ ޤަލަމުން ނަމަވެސް ބޭރު ކޮށްލާނޭ މަޢުލޫމާތެއް ނުހުރެއެވެ. އިންސާނާގެ އީމާންކަން ނިދައި މަރުވީތޯއެވެ؟

ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރިކަން މީހަކަށް ހާމަކޮށްދޭން ފުދޭވަރުގެ ހެކިތަކެއް ލިބިފައި ނެތީތޯއެވެ؟ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ނިޝާންތައް ނުފެންނަނީތޯއެވެ؟ އިންސާނާއަށް ލިބިފައިވަނީ ހަމައެކަނި މަޚުލޫޤުންގެ ޚަބަރުތޯއެވެ؟ މިހުރިހާ ތަކެއްޗެއް ހެއްދެވި ކުޅަދުންވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއްވެސް ޚަބަރެއް ލިބިފައި ނުވަނީތޯއެވެ؟

ޤުދުރަތީ މަންޒަރު

މިސްޓަރ މޮކާޕާ ދިޔާއޭ ލަންޑަނަށް ކުރި ދަތުރެއްގައި މީގެ ފަންސާސް އަހަރު ކުރިން އިންޑިއާގައި އުޅުނު އިނގިރޭސިއަކާ ބައްދަލުވިއެވެ. އޭރު އިންޑިއާގައި އޮތީ އިނގިރޭސިންގެ އިސްތިޢުމާރީ ވެރިކަމެވެ. އޭނާ ވަރަށް ޝައުޤުވެރި ކަމާއެކު އިންޑިއާގެ ޚަބަރު ދަބަރު އޮޅުން ފިލުވިއެވެ. އޭނާ ބުނިގޮތުގައި އޭނާ އިންޑިއާގައި އުޅުނު ދުވަސްވަރު ގިނައިން އުޅުނީ ބޮމްބޭގަޔާއި، ޕޫނާގައެވެ. އޭނާ އެންމެ ޝައުޤުވެރިވާ ކަމަކީ ބޮމްބޭން ޕޫނާއަށް ރޭލުގައި ކުރާ ދަތުރު ކަމަށް ވެއެވެ. އެދަތުރަކީ ކޯރުތަކާއި، ޖަންގަލިތައް ހުރަސްކޮށް ޤުދުރަތީ މަންޒަރުތަކުގެ ތެރެއިން ކުރާ ދަތުރެކެވެ. އޭނާ ބުނިގޮތުގައި ދެވަނަ ފަހަރަށް އިންޑިއާއަށް ގޮސް އެ މަންޒަރުތައް ދެކެލާހިތް ވެއެވެ.

ވާހަކަ ދައްކަމުންގޮސް މިހާރު ިއންޑިއާ އޮތްގޮތް މޮކާޕާ އޭނާއަށް ކިޔައިދިނެވެ. މޮކާޕާ ބުންޏެވެ. ޕޫނާގެ މިހާރުގެ ނަމަކީ ޕޫނޭއެވެ. އާބާދީ ދިހަގުނައަށް އިތުރު ވެއްޖެއެވެ. އާ މަގުތައް ހަދައިފިއެވެ. މުޅި ރަށް ދިއްލައިފިއެވެ. ޤުދުރަތީ މަންޒަރުތަކަށްވުރެ މަޞްނޫޢީ މަންޒަރުތައް ގިނަ ވެއްޖެއެވެ. މި ވާހަކަ އިވުމާއެކު އިނގިރޭސި މީހާގެ ޝައުޤުވެރިކަން މުޅިން ފިލައިގެން ހިނގައްޖެއެވެ. އޭނާ ބުންޏެވެ.

“އިންޑިއާއަށް ދިއުމަކީ ރަނގަޅު ކަމެއްހެންނެއް ހިއެއް ނުވެއެވެ. އަހަރެންގެ އިންޑިއާ ނެތީ ކަމަށް ވެދާނެއެވެ.” (ޓައިމްސް އޮފް އިންޑިއާ، 3 ފެބްރުއަރީ 1984)

މަޞްނޫޢީ މަންޒަރުތައް ފެނުނީމާ ހަނދާންވާނީ އިންސާނާގެ މަތިންނެވެ. ޤުދުރަތީ މަންޒަރުތައް ފެނުނީމާ ހަނދާންވާނީ ﷲ ގެ މަތިންނެވެ. މަޞްނޫޢީ މަންޒަރުތަކުން ހިތަށް ވަންނާނީ އިންސާނާގެ އުފެއްދުންތެރި ކަމެވެ. ޤުދުރަތީ މަންޒަރުތަކުން ހިތަށް ވަންނާނީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ. މަޞްނޫޢީ މަންޒަރުތަކުން އިންސާނާ، އިންސާނާޔާ ގުޅުވައިދެނީއެވެ. ޤުދުރަތީ މަންޒަރުތަކުން އިންސާނާ ގުޅައިދެނީ ﷲ އާ އެވެ. ޤުދުރަތީ މަންޒަރު ތަކުން ލިބޭ ހިތްހަމަޖެހުން މަޞްނޫޢީ މަންޒަރުތަކުން ނުލިބޭ ސަބަބަކީ މިއީއެވެ.

إِلاَّ بِذِكْـرِاللَّـهِ تَطْـمَئِنَّ الْقُـلُوْبَ

ޤުދުރަތީ މަންޒަރަކީ ކޮބައިތޯއެވެ؟ އެއީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކި ތަކެކެވެ. އުޑުތަކާއި، ބިންތަކަކީ ﷲ ގެ ތަޢާރަފެކެވެ. އިރަކީ ﷲ ގެ ނޫރުގެ ނަމޫނާ އެކެވެ. އޮއިދެމޭ ކޯރުތަކަކީ ﷲ ރަޙުމާންވަންތަ ކަމުގެ މިސާލެކެވެ. މާމެލާމެލީގެ ކުލައާއި، ވަހަކީ ﷲ ގެ މަތިވެރި ނިޢުމަތުގެ ތަޞައްވުރެކެވެ. ހުޅުވިފައިވާ ސިކުނޑިއަކާއެކު ބަލާ މީހަކަށް ޤުދުރަތީ މަންޒަރުތަކުން ފެނިގެންދާނީ ﷲ ގެ ކުޅަދުންވަންތަކަމާއި، ފުދިވޮޑިގަތުމުގެ ހެކިތަކެވެ.

އައިޑެންޓިޓީ ކާޑު

ބީރައްޓެހި ފިރިހެންކުއްޖަކު ބޮޑު ރަށަކަށް އަތުވެއްޖެއެވެ. ރަށުތެރޭގެ އެތަން މިތާނގައި ހިނގަމުންގޮސް މި ކުއްޖާއަށް އިސްކޫލަކާ ހަމައަށް އާދެވިއްޖެއެވެ. އެއީ އެ އިސްކޫލުގައި ކޮންމެވެސް ރަސްމިއްޔާތެއް އޮތް ދުވަހެކެވެ. ކުޑަ ދޮރެއްގެ ކައިރީގައި ވަރަށް ގިނަ ކުދިން އެއްވެފައި ތިއްބެވެ. ކައިރިއަށް ގޮސް ބެލި އިރު އެތަނުން މެޓާ ބަހަނީއެވެ. ފަހަރަކު ކުއްޖަކު މެޓާ ހިފައިގެން ނުކުމެގެން ދަނީއެވެ. މިކުއްޖާވެސް ގޮސް އެކުދިންގެ ތެރެއަށް ވަދެއްޖެއެވެ. މިކުއްޖާއަށް ހީ ކުރެވުނީ އެހެންކުދިންނަށް މެޓާ ލިބޭފަދައިން، އޭނާޔާ ޖެހުނީމާ މެޓާ ލިބޭނޭ ކަމަށެވެ.

ކުދިން މަދުވަމުންގޮސް އެންމެ ފަހުން ބީރަށްޓެހި ކުއްޖާޔާ ޖެހިއްޖެއެވެ. އޭނާ ވަރަށް އުފާވެފައި ކުޑަދޮރާ ދިމާއަށް އަތްދިއްކޮށްލިއެވެ. އެ ވަގުތު އެތެރޭގައި އިންމީހާ “ކަލޭގެ އައިޑެންޓިޓީ ކާޑު ކޮބައިހޭ؟” އަހައިފިއެވެ. އޭނާގެ އަތަކު އައިޑެންޓިޓީ ކާޑެއް ނެތެވެ. ނަތީޖާއެއްގެ ގޮތުން މީހަކު އައިސް އޭނާ އެތަނުން ދުރަށްލައިފިއެވެ. އެކުއްޖާ އޮޅުން ފިލުވައިލުމުން އެނގުނު ގޮތުގައި މެޓާ ބަހަމުން ދަނީ އެ އަހަރު އިސްކޫލުގައި ކިޔެވި ކުދިންނަށެވެ. އަންނަހައި ކުއްޖަކަށް ނޫނެވެ.

އާޚިރަތް ދުވަހުންވެސް ކަންތައް ހިނގާނީ މިކަހަލަ ގޮތަކަށެވެ. އެދުވަހަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ފައިޞަލާ ކުރައްވާ ދުވަހެވެ. އެންމެން ތިބޭނީ އެކަލާނގެ ޙަޟްރަތަށް ޖަމާވެފައެވެ. އެއީ އިނާމު ދެއްވާ ދުވަހެވެ. އިނާމު ލިބޭނީ ވޭތުވެގެން ގޮސްފައިވާ ދުވަސްތަކުގައި އިނާމު ޙައްޤުވާފަދަ ޢަމަލުތައް ކޮށްފައިވާ މީހުންނަށެވެ. “އައިޑެންޓިޓީ ކާޑު” ހިފައިގެން އައިސް ތިބި މީހުންނަށެވެ.

ލޮލަށް ލިބޭ އެންމެ ބޮޑު އަރާމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ ފެނުން ކަމުގައި ވާނެ ދުވަސްވަރަށް ގާތްވެއްޖެއެވެ. އަތަށް ލިބޭ އެންމެ ބޮޑު ފަޚްރަކީ ތިމާ ހެއްދެވި ފަރާތާ ދިމާއަށް އުފުލައިލުން ކަމުގައިވާނެ ދުވަސް މާ ދުރެއް ނޫނެވެ. ބޮލަކަށް ލިބޭނޭ އެންމެ މަތިވެރި ޝަރަފަކީ ޢާލަމްތަކުގެ ވެރި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ސަޖިދަ ކުރުން ކަމުގައި ވެގެންދާނެ ދުވަހަކީ މާދަމާ ނޫން ކަމެއްވެސް ނޭނގެއެވެ. އެހެން ނަމަވެސް މި އަރާމާއި، ފަޚުރާއި، ޝަރަފު ލިބޭނީ އެދުވަސް އައުމުގެ ކުރިން ހެޔޮ ގޮތުގައި ތައްޔާރުވެގެން ތިބި ބަޔަކަށެވެ. އެނޫން މީހުންނާއި، ﷲ ސުބްޙާނަހޫ ވަތަޢާލާ އާ ދެމެދު ހުރަހަކަށްވާނީ އެމީހުންގެ ޣާފިލުކަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ގޮސްފައިމެ އެ ކަލާނގެޔާ ކުއްތަންވުމުގެ ފުރުޞަތެއް މިބައި މީހުންނަކަށް ނުލިބޭނެއެވެ. އިނާމު ބަހާ ދުވަހު މިބައި މީހުން ތިބޭނީ ހުސް އަތާއެވެ. އިނާމެއް ނުލިބިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top