ވިޔަފާރިތައް ގިންތިކުރާނެ ގޮތުގެ ގަވާއިދު ނެރެފި

DSCN4592.jpg

ރާއްޖޭގައި ހިންގާ ވިޔަފާރިތައް ގިންތިކުރާނެ ގޮތުގެ ގަވާއިދު އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފިއެވެ.

އެ ގަވައިދުގައި ވަނީ ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ހުރިހާ ވިޔަފާރިތައް ގިންތިކޮށް، ވިޔަފާރިއަށް ލިބިފައިވާ ގިންތިއަށް އަންނަ ބަދަލު ދަފުތަރުގައި ހިމަނައި، އެ މައުލޫމާތު އާންމުކުރުމުގައި މިނިސްޓްރީން އަމަލުކުރާނެ ގޮތް ބަޔާންކޮށްފައެވެ.

ވިޔަފާރީގެ ގޮތުގައި ތިން ގިންތިއެއް ބަޔާން ކޮށްފައިވެއެވެ. އެއީ އެންމެ ކުދި ފަންތީގެ ވިޔަފާރި އާއި ކުދި ފަންތީގެ އަދި މެދު ފަންތީގެ ވިޔަފާރިއެވެ. ވިޔަފާރިތައް ގިންތި ކުރުމުގައި ބަލާނީ އެ ވިޔަފާރިއެއްގައި ތިބޭ މުވައްޒަފުންގެ އަދަދަށާއި އަހަރަކަށް ލިބޭ އާމްދަނީގެ ޖުމްލަ އަދަދާއި އަހަރަކަށް ލިބޭ ސާފު ފައިދާގެ އަދަދަށް ކަމަށް އެ ގަވާއިދުގައި ބުނެފައިވެއެވެ.

އެންމެ ކުދި ފަންތީގެ ވިޔަފާރި ކަމަށް ބަލަނީ މުވައްޒަފުންގެ އަދަދު ސުމަކުން ފެށިގެން ފަސް މުވައްޒަފުންނާ ހަމައަށް ގެންގުޅޭ ވިޔަފާރިތަކަށެވެ. އަދި ޖުމްލަ އާމްދަނީގެ ގޮތުގައި އަހަރަކު 500،000 ރުފިޔާއާ ހަމައަށް ލިބި ސާފު ފައިދާ 75،000 ރުފިޔާއާ ހަމައަށް ލިބޭ ވިޔަފާރިއަށެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކުދި ފަންތީގެ ވިޔަފާރި ކަމަށް ބަލަނީ މުވައްޒަފުންގެ އަދަދު 6 – 30 އާއި ހަމައަށް ގެންގުޅޭ ވިޔަފާރިތަކަށާއި އޭގެއިތުރުން ޖުމްލަ އާމްދަނީ 500،000 ރުފިޔާ އިން 5،000،000 މިލިއަން ރުފިޔާއާ ހަމައަށް ލިބި ސާފު ފައިދާ 75،000 ރުފިޔާ އިން 750،000 ރުފިޔާއާ ހަމައަށް ލިބޭ ވިޔަފާރިތަކަށް ކަމަށެވެ.

މީގެއިތުރުން މުވައްޒަފުންގެ އަދަދު 31 – 100 އާއި ހަމައަށް ގެންގުޅޭ އަދި ޖުމްލަ އާމްދަނީ 5،000،000 މިލިއަން ރުފިޔާ އިން 20،000،000 މިލިއަން ރުފިޔާއާ ހަމައަށް ލިބި ސާފު ފައިދާ 750،000 ރުފިޔާ އިން 3،000،000 މިލިއަން ރުފިޔާއާ ހަމައަށް ލިބޭ ވިޔަފާރިއަކީ މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ބަލާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

ގަވާއިދުގެ ދަށުން ވިޔަފާރި ގިންތިކުރާއިރު، ވަކި ވިޔަފާރިއެއްގައި ހިމެނޭ މުވައްޒަފުންގެ އަދަދާއި، އެ ވިޔަފާރިއަކަށް ލިބޭ އާމްދަނީގެ އަދަދާއި، ސާފު ފައިދާގެ އަދަދު، އެއިން ގިންތިއެއްގައި ބަޔާންކޮށްފައިވާ ތިން މިންގަނޑުން ކުރެ މިންގަނޑަކަށް ނުފެތޭނަމަ، އެ ވިޔަފާރި ގިންތިކުރާނީ، މުވައްޒަފުންގެ އަދަދު 40 ޕަސެންޓު އަދި އާމްދަނީގެ ޖުމުލަ އަދަދު 30 ޕަސެންޓު އަދި ސާފު ފައިދާގެ އަދަދު 30 ޕަސެންޓުގެ ގޮތުގައި ކަމަށްވެސް ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top